ގުރުއާނުގެ އާޔަތްތައް ފޮތްތަކުން އުނިކުރަން އުޅޭ ވާހަކަ ދޮގުކުރުމުން އެޑިއުކޭޝަންގެ ސިޓީއެއް ލީކު ކޮށްލައިފި
ގުރުއާނުގެ އާޔަތްތައް ފޮތްތަކުން އުނިކުރަން އުޅޭ ވާހަކަ ދޮގުކުރުމުން އެކަން އެގޮތަށް ކުރިޔަށް ގެންދިޔުމަށް އިރުޝާދު ދީފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީއެއް ލީކު ކޮށްލައިފި އެވެ.
މިސިޓީގެ ކޮޕީއެއް ”ބޮންތި“ އަށް ވެސް ވަނީ ލިބިފައެވެ. އެ ސިޓީގައިވާ ގޮތުން ގްރޭޑް 1 އިން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނި ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބަށް މިނިސްޓްރީ އިން އިރުޝާދު ދީފައިވެއެވެ. ސިޓީގައި ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމެވެ.
”އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ހަތިމަށް ރެފަރެންސް ދޭގޮތަށް ހަމަޖެއްސެވުން އެދެމެވެ.“ ސިޓީގައި ބުނެފައިވެއެވެ.
ކުރިޔަށް އޮތް 2020 އަދި 2023 ގެ ދިރާސީ އަހަރުގެ ފޮތްތަކަށް އެބަދަލު ގެނައުމަށްވެސް މިނިސްޓްރީ އިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ވަނީ އަންގާފައެވެ.
ގްރޭޑް 1 އިން 12 ގެ އިސްލާމާއި ޤުރްއާން މުޤައްރަރުގައިވާ ޤުރްއާނުގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގާފައިވާކަމީ ހަމަ ޙަޤީޤަތެވެ..އޭގެ ހެކި މިއޮތީއެވެ! 👇👇📝 pic.twitter.com/FaTPb1mrvA
— Abdullah bin janaab (@binjanaab) December 15, 2021
މީގެ އިތުރުން ގުރުއާން ފޮތްތަކުގައި ހުރި ގިނަ ކުށްތަކެއް ފާހަގަކުރެވުމުން ކުރީ ސަރުކާރުން ފާސްކުރި ފޮތްތަކެއް ކަމަށް ބުނެ މިނިސްޓްރީ އިން ކުރިން ދޮގު ހެދިކަންވެސް ވަނީ މި ސިޓީ އިން ފަޅާއަރާފައެވެ.