މުސްލިމު މަސައްކަތްތެރިންނަށް ރޯދަމަހު އިހާނެތިކޮށް ކަންތައް ކުރާތީ، އިންޑިއާގެ ޖޭއެމްސީން މަސައްކަތް ހުއްޓާލާފައި މުޒާހަރާ ކުރާތާ 3 ދުވަސް ވެއްޖެ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ފޭސް2 ގައި ހިންގާ ހައުސިންގ މަޝްރޫއުގައި މަސައްކަތްކުރާ އިންޑިއާގެ ޖޭއެމްސީ މަސައްކަތްތެރިން އެތަނުގެ މަސައްކަތް ހުއްޓާލާފައި މުޒާހަރާ ކުރާތާ 3 ދުވަސް ވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މުޒާހަރާކުރުން ހުއްޓާލުމަށްފަހު، ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް މަސައްކަތްކުރަން، އެ މަސައްކަތްތެރިން ބޭނުމެއްނުވެއެވެ.
މި މުޒާހަރާ ކުރަން ފެށުނު ސަބަބަކީ، ޖޭއެމްސީގެ މަސައްކަތްތެރިންނަށް ބަރާބަރަށް މުސާރަ ނުދޭ މައްސަލައާއި މުސްލިމު މުވައްޒަފުންނަށް ރޯދަމަހު ކާންނުދީ އަރާމުކުރަން ފުރުސަތު ނުދީ މަސައްކަތްކުރުވާތީ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގެ އިސްވެރިޔަކު ”ދިޔަރެސް“ ނޫހަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން އެމީހުން މުޒާހަރާ ކުރާތާ 3 ދުވަސް ވެފައިވާއިރު، އެ ސަރަހައްދުން ޖޭއެމްސީގެ އިސްވެރިޔަކު ދަތުރުކުރި ކާރަކަށް ހުރަސްއަޅައި، ހުއްޓުވަންވެސް އެމީހުން މަސައްކަތް ކުރިކަމަށް ޕްލޭނިންގް މިނިސްޓްރީގެ މުވައްޒަފު ބުނެފައިވެއެވެ. މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރި ކަމަށާއި، ނަމަވެސް އެ މަސައްކަތްތެރިން ތިބީ ދޫދޭގޮތަކަށް ނޫންކަމަށް މައުލޫމާތު ލިބެއެވެ.
”އެމީހުން ބުނަނީ އެނދުގައި ތިބޭނީއޭ. މަސައްކަތަށް ނުނިކުންނާނަމޭ“ ޕްލޭނިންގ މިނިސްޓްރީން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަސައްކަތްތެރިންވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާ އެމްބަސީ ދޮށަށްވެސް ގޮސްފައެވެ. އެމީހުން އެތަނަށް އެއްވުމުން ފުލުހުން ވަނީ އެމީހުން ފޮނުވާލާފައެވެ. ނަމަވެސް އެމީހުންގެ ޝަކުވާތައް އަޑުނާހާނަމަ، އަދިވެސް އެތަނަށް އެއްވާނެކަމަށް އެމީހުން ބުނެފައިވެއެވެ.
ސަރުކާރުގެ އެކި މަޝްރޫއުތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ފަރާތުން މީގެ ކުރިންވެސް ވަނީ މިފަދަ ޝަކުވާތަކެއް ކޮށްފައެވެ. އެގޮތުން އެފްކޯންސްއިން ގެނައި މުވައްޒަފުންތަކެއް ވެސް ވަނީ މުސާރަ ނުދީ ކާން ނުދޭ މައްސަލައެއްގައި އިހުތިޖާޖުކޮށްފައެވެ. އަދި ކުންފުނީގެ ފަރާތުން ސައިޓުގައި ތިބޭ އިސްވެރިންގެ ފަރާތުން އަނިޔާ ލިބޭތީ ހިމާޔަތަށްއެދި އެއިން އެއްބަޔަކު ފުލުހުންގެ ގާތަށް ގޮސްފައިވެއެވެ.