ރިޕޯޓް

ޖޫރިމަނާގެ ދަންތުރައެއްގައި ޒުވާނުން އުމުރަށް!

ގައުމެއްގެ ކުރިއެރުމުގެ ބޮޑުބައެއް ހިއްސާ ކުރަނީ އެގައުމެއްގެ ޒުވާނުން ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ޒުވާނުންނަކީ ގައުމުގެ މިސްރާބު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާކުރާނެ މީހުންނެވެ. ނަމަވެސް އެހެން އެކަން ވާނީ ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ވެގެންނެވެ. އަދި ޒުވާނުންނަށް ދެވެން ޖެހޭ ފުރުސަތުތައް އެންމެ ރަނގަޅު ގޮތުގައި އެމީހުންނަށް ދީގެންނެވެ. ކުރިއަށް ދިއުމަށްޓަކައި އެމީހުންނަށް މަގުތައް ކޮށައިދީގެންނެވެ. އެމީހުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދީގެންނެވެ. ނަމަވެސް ރާއްޖޭގެ މަސްރަހު މުޅިން ތަފާތެވެ. ޒުވާނުން އެންމެ ކުރުކޮށް ސިފަ ކޮށްދޭނަމަ ސިފަ ކޮށްދެވެނީ ދަރަނި ދަންތުރައެއްގެ ނަމުންނެވެ.

މިހާރު ޒުވާނުންގެ މާޔޫސް ކަމުގެ އެންމެ ބޮޑު ސަބަބަކަށް ވަނީ އެމީހުންގެ ބޮލުގައި އެޅިފައިވާ ޖޫރިމަނާތަކެވެ. ހައްލެއް ހޯދިފައި ނެތް ކަންކަމަށް ވެސް ބޮޑެތި އަގުތަކުން ޖޫރިމަނާ ކުރުމުން، ޒުވާނުންގެ އެކަމާއި ނުރުހޭކަން އެތައް ގޮތަކަށް އެމީހުން ދަނީ އަންގަމުންނެވެ. އުމުރުން 18 އަހަރު ވުމުން ލައިސެންސް ނެތި ސައިކަލު ނުދުއްވޭނެ ކަމަށް ގަވައިދު ހަދައިގެން، ބޮޑެތި އަގުތަކުން ޖޫރިމަނާ ކޮށްފައިވަނީ ކިތައް ޒުވާނުންބާއެވެ. އެއްގޮތަކަށްވެސް ގަވައިދާ ހިލާފު ވުން ރަނގަޅުކަމަކަށް ހަދަނީއެއް ނޫނެވެ. ދެރައީ ލައިސެންސް ނަގަން ދެތިން މަސް ދުވަހު މަޑުކުރަން ޖެހޭ ޖެހުމާއި، ލައިސެންސް ނަގަން ޒުވާނުން އުޅެން ޖެހޭ ގޮތަށް ހައްލެއް ހޯދައި ނުދެވިގެން އުޅޭ ސަބަބު ނޭނގޭތީއެވެ. މިކަހަލަ ކަންކަމަށް މިއަށްވުރެ ހަރުދަނާ ގޮތްތަކެއް ކަނޑައެޅެން ހަމަ ނެތީ ހެއްޔެވެ. މިސާލަކަށް އުމުރުން 18 އަހަރު ވުމުން ލައިސެންސް ނުނަގައިފިނަމަ ޒުވާނުން ކުރަން ޖެހޭ އިތުރު ކަންކަން ނުކުރެވޭ ގޮތް ހެދުމުގެ ގަވައިދެއް ހެދުމުން، އެމީހުން ލައިސެންސު ނުނަގައެއް ނުތިބޭނެއެވެ. ނަމަވެސް މިކަހަލަ ކިތަންމެ ކަމެއް ކުރެވެން އޮތް އިރުވެސް، ޒުވާނުން ބޮޑު ޖޫރިމަނާގެ ދަންތުރައެއްގެ ތެރޭގައި ގެންގުޅުމުގެ އުސޫލު ބަދަލު ކުރުމުގެ ކޮޅުމަތިވެސް ނުފެނެއެވެ.

މުޅި ދުނިޔޭގައި ރަސްކަން ކުރަމުންދާ ކޯވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން ނަގަން ނިންމި ފިޔަވަޅު ތަކުންވެސް ޒުވާނުންނަކަށް ޖޫރިމަނާއިން ސަލާމަތް ވެވޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން މި ބޮޑު ބަލިމަޑުކަން ބަހަނާ އަކަށް ނަގައިގެން، ރައްޔިތުން ޖޫރިމަނާ ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީއެވެ. މާސްކު ނާޅައި އުޅެއްޖެނަމަ، ނުވަތަ ކާފިއު ގަޑީގައި ބޭރުގައި އުޅެންޏާ ޖޫރިމަނާ ކުރުން ސަގާފަތަކަށް ހަދައިފިއެވެ. ކޯވިޑުގެ ހާލަތުގައި ގިނަ ބައެއްގެ އަތްމަތި ދަތިވެ ހާލުގައި ޖެހެމުން ދާއިރުވެސް، ޒުވާނުންގެ ބޮލުގައި ބޮޑެތި އަގުތަކުން ދަރަނި އެޅުވުމަށް އެއްވެސް ވަރަކަށް ފަހެއް ނުޖެއެވެ. ޒުވާނުން މިކަމާއި ކަންބޮޑުވެ، އެކަމާއި މެދު ނުރުހުން ފާޅުކުރަމުން ދާކަން އަޑު އިވޭ ކަންފަތެއް ސަރުކާރުގައި ހުރި ހެނެއް ހިއެއް ނުވެއެވެ. ނުވަތަ އިވޭކަމަކަށްވެސް ނަހަދަނީއެވެ. ދުވަހަކަށް ވުރެ ދުވަހެއް މިގޮތަށް ނެގޭ ޖޫރިމަނާގެ އަދަދު ވަނީ މައްޗެވެ. އެންމެ ފަހު ވަގުތު އަނގައާއި އަތާއި ދިމާނުވެގެން އުޅޭ ސަބަބަކަށް ޖޫރިމަނާ ދެއްކުން ވެގެން ދެއެވެ.

ރާއްޖޭގައި މިހާރު އެންމެ ފުރަތަމަ ކުއްޖަކު އުފަން ވުމާއިއެކުވެސް އެކުއްޖެއްގެ ބޮލުގައި ދަރަނި އެޅުވުމުގެ ގޮތްތަކެއް ހަދަން އުޅޭހެން ހީވާ ކަހަލައެވެ. އެގޮތުން ކުއްޖަކު ވިހާތާ ވަކި މުއްދަތެއްގެ ތެރޭގައި ރެޖިސްޓްރީ ނުކޮށްފި ނަމަ ޖޫރިމަނާ ކުރާ އުސޫލެއް ދާދި ފަހުން ތައާރަފްވެގެން ދިޔައެވެ. މީގެ މާނައަކީ ދުނިޔެއަށް އުފަންވީން ސުރެ، ނިމި ދާންދެން ރާއްޖޭގެ ރައްޔިތުން ޖޫރިމާނަތަކުގެ ސަބަބުން ބޮލުގައި އެޅިފައިވާ ދަރަނިތައް ނުދެއްކިގެން އުޅެން ޖެހުން ހެއްޔެވެ؟ ރައްޔިތުންނަށް ހެވާއި ލާބަ ގެނެސްދެން ތިބޭ މީހުން މިގޮތަށް ކަންކުރުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަނީ އިތުރު ނިކަމެތި ކަމެކެވެ. އެއްވެސް ހާލަތެއްގައި ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭހެން ހީވާކަހަލައެވެ. ސަރުކާރު ހިންގަނީ ރައްޔިތުންގެ އަތުން އެއްވެސް ތާކުންތާކު ނުޖެހޭގޮތަށް ނަގާ ޖޫރިމަނާ ފައިސާއިންތޯ ގިނަ ބަޔަކު  ސުވާލު އުފައްދައެޗެ.

ކޮންމެއަކަސް އެންމެ ފަހު ވަގުތު ނިކަމެތިވާން ޖެހެނީ ދިވެހި ރައްޔިތުންނެވެ. ދިރިއުޅުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކުރާ ހީވާގި ޒުވާނުންނެވެ. ކުރާ މަސައްކަތުގެ ދެބައި ކުޅަ އެއްބައި ހޭދަ ކުރަން ޖެހެނީ، އެއްވެސް ކަމަކާއި ނުލައި ބޮލުގައި އެޅިފައިވާ ދަރަނި ދެއްކުމަށެވެ. ގައުމަށާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެން ތިބޭ ސަރުކާރު ވެރިންގެ ފަރާތުން ރައްޔިތުންނަށް މި ލެބެނީ ތަކުލީފެވެ. އެންމެ ފަހުން މަގުމަތީގައި އުޅޭ ބުޅާތަކުގެ ފަހަތުންވެސް ޖޫރިމަނާގެ ސްލިޕްތައް ދުވަން ފެށީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button