ރިޕޯޓް

ސަރުކާރުގައިވެސް، އިދިކޮޅުގައިވެސް އެމްޑީޕީ

ހިނގަމުން މިދާ ވެރިކަމުގެ ބާރު ގަދައެވެ. ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީ ވެރިކަމަށް އައިއިރު އެޕާޓީއަކީ ކަންކަން ނިންމުމުގެ މެޖޯރިޓީ ހިއްސާދާރެވެ. ވެރިކަން ކުރާ ޕާޓީއަށް ނުވަތަ ކޯލިޝަނަށް އެމްޑީޕީގެ މަޖިލިސް މެޖޯރިޓީ ލިބުމުގެ ސަބަބުން ކޯޓުތަކުގެ ތެރޭގައިވެސް ސަރުކާރުގެ ނުފޫޒު ވަކި ކުޑައެއް ނޫނެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިއްބެވި މެންބަރުން ހެއްކަކަށް ފުދޭނެއެވެ. މެނިފެސްޓޯ ތަންފީޒު ކުރުމަށާއި ގާނޫނު ނެގެހެއްޓުމަށް އިތުރަށް ހޯދަންޖެހޭ ބާރެއް ނެތެވެ.

ނިޒާމީ ނަޒަރިއްޔާތަކުން ބަލާއިރު ސިޔާސީ މައިދާނުގައި އިދިކޮޅުގެ އާރެއް ބާރެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ 9 މެންބަރުންނެވެ. އެކަމަކު އެމްޑީޕީ ކިތަންމެ ”ބޮޑަސް“ މައިނޯރިޓީ ކިޔައިގެން އިދިކޮޅަށް ބޯ ދަމައިގަނެވޭކަށް ނެތެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު މިއަދު އޮތީ ”ބާރުގަދަ“ ވެރިކަމެއް އިއްޔެ ކުރި މީހުންނަށެވެ. އެކަން ކުރުމަށް އިދިކޮޅަށް އޮތް ދައްޗަކީ ބޮޑުތަނުން މައިނޯރިޓީ ވުމެވެ. އެކަން އެގޮތަށް ވުމުގެ ސަބަބުން ވެރިކަން ކުރާ މައި ޕާޓީން އިދިކޮޅުގެ ބަހެއް ނާހައެވެ.

އައު ސަރުކާރު ފެންނަނީވެސް ދެ ސަރުކާރެއްގެ ގޮތުގައެވެ. ދައުލަތުގެ 3 ބާރުގެ ތެރޭގައި އޮންނަ ”ޗެކް އެންޑް ބެލެންސް“ އަށްވުރެ ބޮޑަށް ފެންނަނީ އެއް ބާރުން ކުރާ ކަންކަން ”އަންޑޫ“ ކުރުމާއި ”ރިޑޯ“ ކުރުމުގެ ވާދަވެރިކަމެވެ. އެއީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ބަދަލުގައި ނުފޫޒު ފޯރުވުމެވެ. މިސާލަކަށް ސަރުކާރުން ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ބަދަލުކޮށްފައިވެސް އެބަހުއްޓެވެ. އަދި މަޖިލީހުގެ ބައެއް ނިންމުންތައް ސަރުކާރުން ބޮލާލައި ޖަހާފައިވެސް އެބަހުއްޓެވެ. ކޯޓުތަކުގެ ބައެއް ނިންމުތަކަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އިން އެބަ ވަދެގަނެއެވެ. ނުވަތަ ޖޭއެސްސީގެ ވަޅީގެ ތޫނުކަން ޝަރީއަތުގެ މަޖިލީހާ ހަމައަށް ފޯރައެވެ. މިހުރިހާ ”ޖަގަޑާ“ އެއްގެ ޖަވާބެއްގެ ގޮތުގައި ސަރުކާރާއި މަޖިލީހުން ބުނަނީ ޒިންމާދާރު ކުރުވުން ކަމަށެވެ. ހެޔޮ ނިޔަތުގައި ކަމަށެވެ. އެކަމަކު މިއީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. 3 ބާރުގެ މައްޗަށް ދައުލަތް އެކުލެވިފައިވާއިރު އެއް ބާރެއްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ކަމެއް އެހެން ބާރަކުން ކުރާނަމަ އެއީ ގަދަ ބާރުން ނުވަތަ މުށްބާރުން ކަންކަން ކުރުމެވެ. އެހެން އެކަން ހިނގާނަމަ ދައުލަތުގެ ހަރަދު ކުޑަކޮށްލަން ކޮންމެވެސް އެއް ބާރެއް އުވާލުން މޮޅު އިތުރުވެގެން ވެއެވެ. އެކަމަކު އެއީ ހުދުމުހުތާރުކަމަށް ހުޅުވިގެންދާނެ ދޮރެކެވެ. ބާރެއްގެ ތެރޭގައި ހުންނަ ދޯދިޔާ ކަންކަން ގާނޫނު ދަންނަ މަގުން ހިނގައިގެން ހައްލު ކުރުން މާ އައުލާކަން ބޮޑެވެ.

ޒިންމާދާރު ކުރުވުމުގެ މައުޟޫގައި ބުންނަން އޮތީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކުގެ ހަރުދަނާ ވާހަކައެވެ. މިސާލަކަށް ދައުލަތުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރުމާއި، ސަރުކާރުން ކުރާ ގޯސް ކަންކަމުގައި މަޖިލީހުން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ”ކުރުދޮށިން“ ދިނުމަކީ އެންމެ ރަނގަޅުކަމެކެވެ. އެއީ ގާނޫނު ދައްކާ މަގެވެ. އަދި އެމްޑީޕީގެ ސިޔާސަތެއްގެ ގޮތުގައި އެކަން ކަނޑައަޅައިގެން ކުރެވޭ މަސައްކަތަށް ތައުރީފު ހައްގެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބަޔަކު ސިޔާސީ މާގާމުތަކަށް އައްޔަން ކުރުމާއި، ސަރުކާރު ހިންގަންވާ ގޮތް ކޮންމެހެން މަޖިލީހަށް އެނގޭކަށް ނުޖެހެއެވެ. މަޖިލީހުގެ ރުހުން ބޭނުންވާ މަގާމުތަކަށް ރުހުން ދިނުން ކުރިޔަށް ގެންދިޔަޔަސް، އެކަންކަން ”ހައިޖާނަކަށް“ ހަދައިގެން ނުވާނެއެވެ.

ސަރުކާރުގެ ތެރޭގައި ހިނގާފައިހުރި ގޯސްތަކަށް ފިޔަވަޅު ނާޅައެކޭވެސް ބުނެވޭކަށް ނެތެވެ. ވައްކަމާ ފަސާދައިގެ ތުހުމަތުއް ކުރެވޭ ވަޒީރުންނަށް ފިޔަވަޅު އަޅާފައިވެސް އެބަހުއްޓެވެ. އެއީ އާންމުންގެ ޕްރެޝަރުން ކަމަށްވިޔަސް ނުވަތަ ކޯލިޝަންގެ މައިނޯރިޓީ ހިއްސާދާރުންނަށް ވުމުން ކަމަށް ވިޔަސްވެސް އެކަން ކޮށްފިއެވެ. މަޖިލިސް މެންބަރުންނާއި މެދު ކުރެވޭ ޖިނާއީ ތުހުމަތުތަކުގެ މައްސަލަތަކަށް މަޖިލީހުގެ ރިޔާސަތުން ފާރަލާފައި އެބަހުއްޓެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެމައްސަލައިގައި ދައުވާ ކުރަން ނިންމުމާ ނުނިންމުކީ އަދި އެހެން ބާބެކެވެ. އަދުލުގެ ނިޒާމަށް ބަލާއިރު، ހަރުދަނާ ބަދަލުތަކެއް ގެނެސްފައި ހުރިކަންވެސް ފާހަގަކުރެވެއެވެ. ގިނަ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ފިޔަވަޅު އަޅާފައި ހުރި ގޮތްވެސް މުޅިއަކުން ގޯހެކޭ ބުނެވޭކަށް ނެތެވެ. ސިޔާސީ ބޭނުމަށް އަނދިރީގައި ކުރި ބައެއް ކަންކަމަކީ އަދި އެހެން ވާހަކައެކެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ މައިނޯރިޓީގައި އޮތަސް ސަރުކާރުން ކުރާ ގޯސްކަންކަމުގެ ވާހަކަ ދައްކައެވެ. މެންބަރުންގެ އަދަދު މަޖިލީހުގައި މަދަސް ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި ވަކާލާތުކުރެއެވެ. ކޮމެޓީތަކުގެ މަސައްކަތްތަކުގައި ބައިވެރިވެ ގާނޫނީ ޒިންމާ އަދާކުރެއެވެ. އެކަމަކު ސަރުކާރުގެ ނާގާބިލްކަން އޮތް މައްސަލައެއް ހައްލު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ”ހަޅޭލެވުން“ ނޫން ގޮތެއް ނެތެވެ. ސިޔާސީ ގޮތުން އިދިކޮޅުން ސަރުކާރަށް ދޭން ޖެހޭ ޕްރެޝަރ ހަގީގަތުގައި ނުދެވެއެވެ. އެއީ މަޖިލިސް މެންބަރުންގެ އަދަދު މަދުކަމުން ކަމެއް، ކުރަން ނޭނގެނީ ކަމެއް، ކަންނެތްކަމުން ކަމެއް، ކުރަން ބޭނުން ނުވަނީކަމެއް، ސިޔާސީ ގޮތުން މަޅިއެއްގައި ޖެހިފައި ތިބީ ކަމެއް ނޭނގެއެވެ. މަޖިލިސް ތަޅުމަށް ފަރިތަޔަސް ސިޔާސީ މައިދާނުގައި ކުޅިބައި އަތުރާލައިގެން ކުޅޭ ކުޅިވަރެއް އިދިކޮޅު މެމްބަރުންނަށް ނުކުޅެވެއެވެ. އަދަބިއްޔާތަށާއި، ބަސްމޮށުންތެރިކަމަށާއި ޕޯޑިއަމަށް ފަރިތަޔަސް މަގުމައްޗަށް ފަރިތައެއް ނޫނެވެ. އިދިކޮޅުގެ މަތީ ފަޑިއަށްވުރެ ”މެދު ފަޑި“ ފެންނަނީ އެކަމަށް މާ ”ތަރޯ“ ކޮށްނެވެ. މާލެއާއި މުޅި ރާއްޖެއަށް އަމާޒުކޮށްގެން އިދިކޮޅުން ހިންގި ހަރަކާތްތަކުން އެކަން ސާފެވެ. ސިޔާސީ މައިދާނުގައި އިސް ސަފުގައި ނިކުމެ ތިބެން ޖެހޭނީ އިސް މީހުންނެވެ. އެކަމަކު މިއަދު މިކަންވެސް ކުރަނީ ސަރުކާރު ހިންގާ މައި ޕާޓީއިންނެވެ. އަމިއްލަ ސަރުކާރުގެ ތެރޭގައި ހިނގާ ނޭއްގާނީ ކަންކަމުގެ ވާހަކަ އެމީހުން ދައްކައެވެ. ”އޭނަ ބޭރުކުރޭ، މީނަ ބޭރުކުރޭ“ ގޮވާލަން ކެރެއެވެ. ހައްލު ނުވާކަންކަމާ ދެކޮޅަށް ނިކުމެ މުޒާހަރާވެސް ކުރެއެވެ. އަދި މަދު ކަންކަން ހާސިލް ނުކުރެވުނަސް އެމީހުން ހާސިލް ކުރަން ބޭނުންވާ މަގްސަރު ހާސިލް ކުރެއެވެ. އިދިކޮޅު އެއްކޮށް ކުށްވެރި ކުރަނީއެއް ނޫނެވެ. ސަރުކާރުގެ ނާގާބިލްކަން ފެންނަ ކޮންމެ ކަމަކުން އިދިކޮޅަށް ޕޮއިންޓެއް ލިބެއެވެ. ސަބަބަކީ އަދުގެ ކޯލިޝަން ސަރުކާރުގެ ނާކާމިޔާބީތަކުގެ ޒިންމާ ޕީޕީއެމް ޕީއެންސީ އިން ނަގަން ނުޖެހުމެވެ. އެކަމަކު ނޫސް ބަޔާން އެކަނި ނެރެގެން ސިޔާސީ މައިދާނުގައި ކުރި ނުހޯދޭނެކަން އިދިކޮޅުން ދަންނަން އެބަޖެހެއެވެ. އަދަދަކީ ކަމެއް ހާސިލްކުރަން އޮތް ހުރަހެއް ކަމަށް ދެކިގެން ނުވާނެކަން އުނގަންނައިދޭ އެންމެ ބޮޑު އެއްޗަކީ އިސްލާމީ ތާރީހެވެ. އަގީދާއެވެ.

އެމްޑީޕީއިން ގަބޫލު ކުރާ އެއް ކަމެއް އޮވެއެވެ. އެއީ ހާލަތާ އެއްގޮތަށް ބަދަލުތައް ގެންނަން އެޕާޓީއިން ގެންގުޅޭ ތޫނުފިލި ވިސްނުމެވެ. ފަހަރުގައި އިދިކޮޅުގެ ރޯލު އެމީހުން ކުޅެނީ އެ ވިސްނުމުގެ ތެރެއިން ކަމަށް ވުންވެސް އެކަށީގެންވެއެވެ. އެކަމަކު އަސްލު އިދިކޮޅަށް މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެއެވެ. އެފަދަ ވާހަކަ ދައްކާ މީހުންނަކީ ޒާތީގޮތުން ”ޖެހިގެން“ އުޅޭ ބައެއްގެ ގޮތުގައި ގަބޫލު ކުރާ ބޯދާ ވިސްނުން ދޯކޮށްލަން ޖެހެއެވެ. ހިޔާލަކީ ތަފާތު އެއްޗެކެވެ.

ޕީޕީއެމް ޕީއެންސީ އަސްލު އިދިކޮޅުގެ ގޮތުގައި ދެއްކުމަށް ކުރަންޖެހޭ ކަންކަން ބައިވަރެވެ. އާންމު މެމްބަރުންނާ ގުޅުން ބަދަހިކޮށްގެން މަޝްވަރާ އުސޫލުން ކަންކަން ނިންމައިގެން އެކައްޗެއް ކިޔާފައި ސިޔާސީ މައިދާނަށް ނިކުންނަން އެބަޖެހެއެވެ. ވާނެ އެއްޗެއް ވާން އިސް ސަފުގައި އިސް މީހުން ތިބެން ޖެހޭނެއެވެ. ވަކި މަގުމަތި އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްގައެވެ. ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު އިދިކޮޅު ލީޑަރު މިނިވަން ކޮށްގެން ކުރަންޖެހޭ މަސައްކަތް ނުހަނު ގިނައެވެ. އެކަމަކު ސަރުކާރުގައިވެސް އިދިކޮޅުގައިވެސް އަދި އޮތީ އެމްޑީޕީއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button