ރިޕޯޓް

އިންސާފުތޯ ނޫނީ މަލާމާތެއްތޯ؟

ސަދޫމް ކޯޓޭ ނުވަތަ ސަދޫމް އިންސާފޭ ބުނުމުން އާންމު ކޮންމެ މީހެއްގެ ހިތަށް ސިފަވެގެންދާނީ މުހައްމަދުއް ރަސޫލުﷲ ސީރީޒްގެ އެޕިސޯޑެއްގައި ހިމާރެއްގެ ޝަރީއަތް ކުރެވުނު ގޮތް ދައްކައިދޭ ”ސީން“ އެކެވެ. ހިމާރު ވަގަށް ނެގި މީހާ ކޮޅަށް މައްސަލަ ނިމިގެން ދިޔަ ގޮތެވެ. ހިމާރުގެ ވެރިމީހާއަށް ލިބުނު އިންސާފަކީ އޭނާ އިހުމާލުވިކަމެވެ. އޭނާއަށް ޖެހުނީ އެ ހިމާރު ވަގަށް ނެގި މީހާއަށް ބަދަލު ދޭށެވެ. އެ ހިމާރަށް ކާންދީ ބެލެހެއްޓި ކަމުގެ އުޖޫރައެވެ. ވަގު ކަލޭގެ ކޮޅަށް މައްސަލަ ނިމުނީ ގާޒީއަށް ”ހަދިޔާ“ ދިން ހިސާބުންނެވެ. ފަނޑިޔާރަށް ރިޝްވަތު ދީގެން މުޅި މައްސަލަ ފުރޮޅައިލީއެވެ.

އަދުލު އިންސާފުގެ ދާއިރާއަށް ރައްޔިތުން ކުރި އުންމީދު

ރާއްޖޭގެ ފަހުގެ ތާރީހުގައިވެސް ފެނިގެން ދިޔައީ ސަދޫމް ކޯޓުގެ ލަގަބު ފަނޑިޔާރު ގެއަށް އެރުވި މަންޒަރެވެ. އެތަނުން ލިބެނީ ސަދޫމް އިންސާފު ކަމަށް ޖަމާއަތަކުން ސިފަކުރިއެވެ. އެ ޖަމާއަތުން ގަބޫލު ކުރިގޮތުގައި އެމީހުންގެ ތެރެއިން ވާ މީހުންނަށް ލިބެނީ ސަދޫމް އިންސާފެވެ. އެމީހުނާ ދެކޮޅަށް ކޯޓަކުން މައްސަލައެއް ނިންމައިފިނަމަ، އެކޯޓަކީ ސަދޫމް ކޯޓެވެ. އެކަމަކު ”ހާހަކުން ތަރާވީހަކުން“ އެމީހުނާ އެއްކޮޅަށް މައްސަލައެއް ނިމިއްޖެނަމަ އެކަން ގަބޫލު ކުރުމަށްވުރެ ބޮޑަށް، ބޮޑާކަން އިސްކުރެއެވެ. އެއީ އެމީހުންގެ މޮޅުކަމެވެ. އެ ޖަމާއަތް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފާޅުވީ ހިސާބުން އަމާޒު ހިފީ ސަދޫމް ކޯޓުތައް ބަންދުކޮށް ރައްޔިތުންގެ ކޯޓު ހަދާށެވެ. އަދި އެޕާޓީ ވެރިކަމުގެ ގޮނޑީގައި ވެޑުވިގަތުމަށް ބޭނުންކުރި ޝިއާރަކީވެސް އަދުލު އިންސާފެވެ. އެމީހުނާ މެދު އޭރުގެ ވެރިން ”މިނެދިން“ ގޮތުގެ ބަދަލުގައި ހަމަޔާ އިންސާފުން ކަންކަން ކުރާނެކަމުގެ އުންމީދު ދިނީ ރައްޔިތުންނަށެވެ.

ދަންނަވަން މިއުޅެނީ ފަނޑިޔާރުގެތަކުގައި ނުވަތަ ބައެއް ފަނޑިޔާރުންގެ މެދުގައި ސަދޫމް ގޮތްގަނޑު ނެތް ވާހަކައެއް ނޫނެވެ. ގޯސް ވާނީ ގޯހަށެވެ. ދައްކަން މިއުޅެނީ އަދުލު އިންސާފުގެ ތަރާދު ގެންގުޅޭ ޕާޓީގެ ވެރިކަމެއްގައި ކަންތައްތައް ވެގެން ދިޔަގޮތުގެ ވާހަކައެއް ނޫނެވެ. ސުޕްރީމް ކޯޓުގައި ”ޑީތަޅު“ އެޅުވި ވާހަކައެއް ނޫނެވެ. އެއް ރޭ ދަންވަރު ފަނޑިޔާރަކު ރަހީނުކޮށްގެން އަސްކަރީ ރަށަކަށް ގެންދިޔަ ވާހަކައެއް ނޫނެވެ. އޭރުގެ ވަލިއްޔުލްއަމުރަކަށް ހުންނެވި އިންސާފުގެ ތިލަފަތުގެ އިއްޒަތުގެ ވެރިޔާ ގާނޫނީ އިމުން ބޭރުން ފަނޑިޔާރުންނަށް ކޯޓުތަކާ 100 މީޓަރަށް ކައިރި ނުވެވޭނެ ކަމަށް ވިދާޅުވި ވާހަކައެއްވެސް ނޫނެވެ. އަސްލު ނުކުތާއަކީ އެ ޕާޓީގެ ވެރިކަން ދައުރުގެ މެދުތެރެއިން ނިމުމަށްފަހު ދެވަނަ ފަހަރާ ކޯޓުތަކާއި ފަނޑިޔާރުންނަށް އަމާޒުކޮށް 7 އަހަރުވާންދެން ދެއްކި ވާހަކަތަކާއި ރައްޔިތުނަނަށް ދެއްކި ”ޗަރުކޭހަށްފަހު“ މިހާރު ކަންކަން ހިނގަމުންދާ ގޮތެވެ. މިއީ އެޕާޓީގެ ދެވަނަ ވެރިކަމެވެ. މިއަދު ތިންބާރުވެސް އޮތީ އެމީހުންގެ މުށުތެރެއަށް ލާ ފިއްތާފައެވެ. މިފަހަރުވެސް ވެރިކަމަށް އައީ އިންސާފުގެ ޝިއާރުގެ ދަށުންނެވެ.

އިންސާފުގެ ދަތުރު ގަދަ ކޮޅިގަނޑެއްގެ ދަށުގައި

ވެރިކަމަށް ދެ އަހަރާ ބައިވެއްޖެއެވެ. އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އަދުގެ ވެރިން ބުނަން ފަށައިފިއެވެ. އެކަމަކު އެކަން ގަބޫލުކުރަން ދައްޗެވެ. ސަބަބުތައް ބައިވަރެވެ. އިންތިގާލީ އަދާލަތުގެ ބިލުން އިންސާފުގެ ދޮރުގައި ޓަކި ޖަހާ ފަރާތްތަކަށް އަދި މިހާތަނަށް ލިބުނު ތަސައްލީއެއް ނެތެވެ. ވެރިކަމަށް އަންނަން ވިއްކި މަރުތަކާއި ގެއްލުވާލުންތަކަށް އިންސާފެއް ނުލިބެއެވެ. އެފަދަ މައްސަލަތައް ބެލުމަށް ހެދި މަރު ކޮމިޝަނުގެ ރައީސް ސުޕްރީމް ކޯޓަށް ބަދަލު ކުރި ހިސާބުން އެ ކޮމިޝަންވެސް މަރުވީއެވެ. ދިރުމެއް ނުވާ ދާއިމީ މަރެއްގައި ފަސްތަނުން ބަނދެ، އެ ކޮމިޝަން ފަސްދާނު ލެވުނީއެވެ. ރޭޕާއި، ޖިންސީ ގޯނާތަކާއި، ގެވެށި އަނިޔާތަކަށް އިންސާފު ލިބޭގޮތުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ދިފާއީ ވަކީލުންގެ ގޮތުގައިވެސް މައި ޕާޓީގެ އަހުލުވެރިންނެވެ. ކަމާބެހޭ މުއައްސަސާތައް އެކަމަކާ ”ބެހޭ“ ހެނެއް ހިއެއް ނުވެއެވެ. ބޮޑުންގެ ނާޗަރަންގީތަކާއި، މުށްޖަހާފައި ”ދަމައިގަންނަ“ ރައްޔިތުންގެ މުދަލާ ފައިސާގެ މައްސަލަތައް ނިންމާލަނީ އެމީހުންގެ މަގާމާ ހަމައިންނެވެ. ނުވަތަ އެވެރިންގެ ސިޔާސީ މުސްތަގުބަލުގެ ހައްގުގައި ފޮށި ތަންމަތި ބަނދެފައި ގާދޫކޮލުން ބޭރުކޮށްލަނީއެވެ.

ދެން އޮތީ ސިޔާސީ ބަދަލު ހިފުންތަކުގެ ކުޅިގަނޑު ކޯޓުތަކުގައި ކުޅޭ ވާހަކައެވެ. އެކަމަކަށް ބަދަލެއް ނާދެއެވެ. މިއަދު ބަލަންޖެހެނީ އިއްޔެ އެޅުވި ފިލްމުގެ ދެވަނަ ބައެވެ. މީގެ ކުރިން ކޯޓުތަކުގެ ތެރެއިން ކުޅުނު ސިޔާސީ ”ކާޑުތައް“ ކުޅުމުގައި އަދުގެ ވެރިން އަވަދި ވަނީއެވެ. ބަދަލު ހިފުން ހުއްޓުމަކަށް ގެނައުމަށް ކީހާ ޅެން ފަރިއްސަށް ވީއެވެ. އޭގެ އެއް މިސާލަކީ ތަރައްގީގެ ބާނީގެ އިއްޒަތުގެ ވެރިއާ، ނުވަތަ މިހާރުގެ އިދިކޮޅު ލީޑަރުގެ މައްޗަށް ކުރެވުނު ޝަރީއަތެވެ. ތަހުގީގަކާ، ދައުވާއަކާ، ޝަރީއަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކާއި، ހުކުމާ ގުޅުމެއް ނެތެވެ. ޖިނާއީ އިޖުރާއަތުގެ ހަމައިން ދައުލަތް ހުރީ ނެއްޓިފައެވެ.

ފަނޑިޔާރުގެ ސިޔާސީ ނުފޫޒުން ސަލާމަތެއް ނުވި

އިންސާފުގެ ދަތުރުގައި އަދުގެ ވެރިން ހާސިލް ކުރީ ކޮންކަމެއްތޯވެސް ބަލަން އެބަޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިފައި، ޖުޑިޝަލް ސަރވިސް ކޮމިޝަނާއި ވެވުނު އަހުދު ނާމާގެ ދަށުން އެމީހުނާ ދެކޮޅަށް މައްސަލަތައް ނިންމި ފަނޑިޔާރުން ”ސުންނާފަތި“ ކޮށްފިއެވެ. އެމީހުންގެ ތެރެއިން ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކޮށްފިއެވެ. ބޮޑުންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތައް ”އެމީހުންގެ ކޯޓުގައި“ ދޮވެލަނީއެވެ. ތިއްކެއްހާ މިންވަރުވެސް ނުހުރެއެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ވާހަކަ ދެއްކީވެސް އަދުގެ ވެރިންނެވެ. އެކަމަކު އެ ”ރިހާކުރުގެ“ އޮލަކަމަށްވުރެ އަދުލުގެ ނިޒާމުގެ ތެރޭގައި ހިނގާ އަނދިރި އެޖެންޑާގެ ”އޮލަކަން“ މާ ބޮޑެވެ.

”އިންސާފޭ. އަހަރެމެނަށް ކޮން އިންސާފެއް ލިބުނީ؟ ކުޑަ ކެކުރި ބޮޑު ކެކުރި ނިޒާމު ނައްތައިލަން އައި މީހުންގެ ހާލު މާ ދެރަ. ކޮބާ އަހަރެމެންގެ ދަރިންނަށް ކުރާ ޖިންސީ ފުރައްސާރައަށް އިންސާފު“؟ ޖިންސީ ފުރައްސާރަ އެތަކެއް ފަހަރު ކުރިމަތިވެފައިވާ އަންހެން ކުއްޖެއްގެ މަންމައެއް

ކޮންމެއަކަސް ސަދޫމް ކޯޓުތައް ބަންދުކޮށް، ރައްޔިތުންގެ ކޯޓުތަށް ހަދަން ދެވަނަ ފަހަރަށް އައި މީހުންގެ އަދުލުވެރިކަން މިނެކިރަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ. އެކަމަކު ”އަނދިރީގައި“ ހިނގާ ހުރިހާ ކަމަކީ ފާޅު ނުވާ ކަންކަމުގެ ގޮތުގައި ހިފަހައްޓާލެވޭނީވެސް ވަކި ވަރަކަށެވެ. އެފަދަ ކަންކަމަށް ބަލާއިރު، އަދުލުގެ ނިޒާމުގެ ތެރޭގައި އޮތީ އަދުގެ ސަރުކާރުގެ ނުފޫޒެވެ. ހުކުމެއްގެ އަގަކީ ކިހާވަރެއްތޯ ސުވާލު އުފެއްދުމުގެ ޖާގަ އޮންނަހާ މިންވަރަށް އަދުލުގެ ނިޒާމުގައި އޮތީ ކިލަނބުކަމެވެ. ދަށު ކޯޓުގައި ހުރެ ބޮޑުން ބޭނުންވާގޮތަށް ހުކުމް ”ޖަހައިދޭ“ ފަނޑިޔާރުމަނިކުފާނު ފުންމާލަނީ ހައިކޯޓު ފުރާޅު ފަހަނައަޅާ ގޮސް ސުޕްރީމް ކޯޓުގެ ގޯތި ތެރެއަށެވެ. އެއީ ހުކުމުގެ އަގު ތޯވެސް ސުވާލު އުފެދެއެވެ. އަދުގެ ވެރިން ދައްކަމުން ދިޔަ ސަދޫމް އިންސާފަށް ބަދަލެއް އައި ހެނެއް ހިއެއް ނުވެއެވެ. އިހުނަށްވުރެ ގޯހޭވެސް ހިތަށް އަރައެވެ. ހިމާރުގެ ވެރިމީހާ ކަނޑައެޅުމަށް ސަދޫމުގައި ޝަރީއަތް ކުރެވުނު ގޮތަށް ރާއްޖޭގެ ޝަރީއަތްތައް ބައްޓަންވުމަކީ ރާއްޖޭގެ ތާރީހު ޝަރުއީ ދާއިރާއަށް ހުއްޓާނުލައި މަލާމާތް ކުރާނެ ކަމެކެވެ. އަދި އެފަދަ ”ހިމާރު“ ޝަރީއަތްތައް ކުރުމަކީ އިންސާފު ކަފުން ކޮށްފައި ވަޅުލުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button