ޚަބަރު

އިކޮނޮމިކް މިނިސްޓްރީއިން އުސޫލާ ހިލާފަށް މެޑިކަލް ނެތި ވޯކް ޕާމިޓް ދޫކުރަނީ

ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓު ދޫކުރުމުގައި ލުޔެއް ދިނުމުގެ ގޮތުން، މެޑިކަލްއާ ނުލައި ވޯކް ޕާމިޓް ދޫކުރި ކުރުން، މިހާރު އުވާލާފައިވީނަމަވެސް އެކަން އެގޮތަށް ކުރާކަން ހާމަވެއްޖެއެވެ.

އެތައް ކުންފުންޏަކުން މިކަން ކަށަވަރުކޮށްފައިވާކަމަށް ”ދިޔަރެސް“ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީއިން ދިން ލުއި، 15 ޖުލައި 2022 އިން ފެށިގެން އުވާލާފައިވާކަން މިނިސްޓްރީއިން އިއުލާނުކޮށްފައިވާއިރު އޭގެ ފަހުން ވޯކް ޕާމިޓް އާ ކުރާއިރު ނުވަތަ މުޅިން އަލަށް ހައްދާއިރުވެސް ވޯކް ޕާމިޓް މެޑިކަލް ހެއްދުމުގެ ހުއްދަ އޮންނަ ތަނަކުން މެޑިކަސް ޓެސްޓުތައް ހެއްދުމަށްފަހު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

ބޭރު މަސައްކަތްތެރީން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާއިރު، ގައިންގަޔަށް އަރާ ބަލިތައް ނުވަތަ ނުރައްކާތެރި ބޮޑެތި ބަލިތައް ހުރިތޯ ބެލުމަށް މެޑިކަލް ހެއްދުމަކީ ދުނިޔޭގެ ހުރިހާ ގައުމަކުވެސް ވަރަށް ބޮޑަށް ބަލާ ކަމެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ކުރި އިއުލާނަށް އަމަލުކޮށްފައި ނުވާތަނުގައި އެ އިއުލާނު ބާތިލުކޮށްފައިވެސް ނުވެއެވެ. އޭގެ ފަހުންވެސް އެތައް ވޯކް ޕާމިޓުތަކެއް ދޫކޮށްފައިވާއިރު، އެ ވޯކް ޕާމިޓުތަކަކީ މެޑިކަލްއާ ނުލައި ބަލައިގެންފައިވާ އަދި ދޫކޮށްފައިވާ ޕާމިޓްތަކެކެވެ. އެހެންކަމުން އެއީ އުސޫލުން ބޭރުން ބަލައިގަނެފައިވާ އެއްޗެއްސެވެ.

މިފަދަ މައްސަލަތަކަކީ އޭސީސީއިން އަމިއްލައަށް އިސްނަގައިގެންވެސް ތަހްގީގުކުރަންޖެހޭ ފަދަ ބޮޑެތި މައްސަލައެއްކަމަށް ބައެއް ވަކީލުން ވިދާޅުވެއެވެ. އަދި އުސޫލާ ހިލާފަށް ކުރާ އެފަދަ ކަންތައްތަކުގެ ބޭނުމަކީ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ބަޔަކު ކުރާ ކަންތައްތަކެއް ކަމަށްވެސް ވަކީލުން ވިދާޅުވެއެވެ.

މީގެ އިތުރުން މެޑިކަލް ހެއްދުމަކީ މަސައްކަތްކުރާ މީހުންނާއި އާންމުންގެ ސިއްހަތާއި ސަލާމަތްތެރިކަމަށް މުހިންމު ކަމަކަށްވާއިރު، ރާއްޖޭގައި މެޑިކަލްއާ ނުލައި ވޯކް ޕާމިޓް ހައްދާތީ އެކަމާ ދެކޮޅަށް ގިނަ ސިއްހީ ތަޖުރިބާކާރުންނާއި، ޑޮކްޓަރުންވަނީ ވާހަކަ ދައްކާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button