ޚަބަރު

މުވައްޒަފުން ތާސީނަށް ކުރާ ފުރައްސާރައިގެ ތުހުމަތަކީ އޮޅުވާލުމެއް!

އިކޮނޮމިކް މިނިސްޓްރީގެ ޓްރޭޑް ކޮންސަލްޓެންޓް ތާސީން ހިލްމީގެ މައްޗަށް އެ މިނިސްޓްރީގެ މުވައްޒަފުން ކުރާ ފުރައްސާރައިގެ ތުހުމަތަކީ އޮޅުވާލުމެއްކަމަށް، ތާސީނާއެކު މަސައްކަތްކުރާ މީހެއްގެ ފަރާތުން ”ބޮންތި“ އަށް މައުލޫމާތު ލިބިއްޖެއެވެ.

ތާސީން ހިލްމީއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނާ މެދު ހުތުރު އަދި ބޭއަދަބީ ބަހުން މުޢާމަލާތް ކުރުމާއި، ތާސީން ހުންނަވަނީ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުގެ ހިމާޔަތުގައި ކަމަށް ބުނެ ކުރާ ތުހުމަތު ހިމެނެއެވެ. އަދި މި ފުރައްސާރައިގެ މައްސަލައިގައި ތާސީނަށް ފިޔަވަޅުނާޅާއިފިނަމަ، ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި، ރައްޔިތުންގެ މަޖިލިސް އަދި ރައީސް އޮފީހަށްވެސް، އެ މިނިސްޓްރީގެ މުވައްޒަފުން ދާނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އެނގިފައިވާގޮތުގައި ތާސީން ވަނީ ނީޒާ އިމާދާއެކު ކުރު މުއްދަތަކަށް އެމްއެމްއޭގައި މަސައްކަތްކޮށްފައެވެ. އަދި ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓުގެ ނިންމުންތަކަށް ތާސީން މެދުވެރިކޮށް ނީޒާ ނުފޫޒު ފޯރުވާކަމަށާއި، ހުރިހާ ގިންތިއެއްގެ މުވައްޒަފުން ހިމެނޭގޮތަށް، ތާސީން އެތައް ފަހަރެއްގެ މަތިން މުވައްޒަފުންނަށް ފުރައްސާރަކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ މައްސަލަތައް ނީޒާގެ ނުފޫޒު ބޭނުންކޮށްގެން ހިންދާލަނީ ކަމަށް މައުލޫމާތު ފަތުރާ ބައެއް މީހުން ބުނެއެވެ.

ތާސީނާއެކު މަސައްކަތްކުރާ މީހަކު ވަނީ މި ތުހުމަތުތައް ދޮގުކޮށް އެއީ އެއްވެސް ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ. ތާސީނަށް މިކުރި ތުހުމަތުތަކާއި ގުޅިގެން، މިއީ ސިޔާސީ ކަމެއްގެ ތެރެއިން ތާސީނުގެ އަބުރު ކަތިލުމަށް ބަޔަކު އަޑީގައި ތިބެ ކުރާ ކަމެއްކަމަށްވެސް ނަން ނުޖެހުމަށް ޝަރުތުކޮށް އިކޮނޮމިކް މިނިސްޓްރީގައި އޭނާ އާއިއެކު މަސައްކަތް ކުރި މުވައްޒަފަކު ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button