ޚަބަރުސިޔާސީ

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލާ ގަރާރެއް މެންބަރު ޝިޔާމް ހުށަހަޅުއްވައިފި

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވައިލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާއަށް ދިއުމުން ހައްޔަރުކޮށް، އަނބުރާ ރާއްޖެ ފޮނުވާލުމަށް އެގައުމުން ނިންމާފައިވާ ދަނޑިވަޅެއްގައި މެންބަރު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ރާއްޖޭގެ ގާނޫނު
އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަން، ބޭނުން ހިފައިގެން ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދުގައި ފާޅުކުރާ ހިޔާލަކާ ގުޅިގެން އެމީހުންނާ މެދު ތައައްސުފީ ގޮތެއްގައި ބައެއް ބޭރު ގައުމުތަކުން ފިޔަވަޅު އަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމުގައެވެ.

”ބޭރުގެ ދައުލަތަކުން ތައައްސުފީ ނިންމުންތައް ނިންމުމަށް ދޫކޮށްލެވިއްޖެނަމަ، އެކަމުގެ ރައްދުގައި ރާއްޖޭގައި އެގައުމަކާއި އެގައުމެއްގެ ރައްޔިތުންނާ މެދު ނުރުހުމާއި ނަފުރަތު އުފެދި އެ ނަފުރަތުގެ ޖަޒުބާތުގައި ހިނގައިގެން ނުވާނެ ނުރަނގަޅުކަމެއް ހިނގައިދިއުމުގެ އިހުތިމާލު އޮތުމާއެކު، ދިވެހިން ދިވެހި ފަސްގަނޑުގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން އެހިޔާލު ފާޅުކުރާ މީހުންނަށް ވަކިން އަމާޒުކޮށްގެން ބޭރުގެ ދައުލަތަކުން އެ ދިވެހިންނަށް އަދަބު ދޭން ފަށައިފިނަމަ، އެކަމުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ބޭނުން ކުރުމާއި ނުކުރުމުގެ އިހުތިޔާރު ދިވެހިންގެ އަތުން ބީވެ އެހައްގުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާ ވުމުގެ ބިރު އެބައޮތެވެ.“ ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވެއެވެ.

މިގަރާރަށް މިއަދު ބަހުސް ކުރުން ގުރުއަތުން ނުހޮވުނަސް، ބެލެވޭގޮތުގައި މި ގަރާރަށް މާދަމާ ބަހުސް ކުރާނެއެވެ.

މެންބަރު ޝިޔާމް މަޖިލީހަށް މިފަދަ ގަރާރެއް ހުށަހެޅުއްވިއިރު، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު އިންޑިއާއިން ހައްޔަރު ކުރި ސަބަބެއް ކަމަށް ބެލެވެނީ ރާއްޖޭގައި ތިބި އިންޑިއާގެ ޖާސޫސޫންނާއި ސިފައިން ފޭބުމަށް އިދިކޮޅުން އިސްނަގައިގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުގެ ބައިވެރިއެއްގެ ގޮތުގައި ސަމަދު ފާހަގަކުރެވިގެންނެވެ. އޭނާ އިންޑިއާ އަށް ދިޔައީ އަންހެނުންނާއި ދެ ކުދިން ގޮވައިގެން ބޭހަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button