ޚަބަރުސިޔާސީ

ޕީޕީއެމްގެ ސަމަދުބެ އިންޑިއާއިން ޑީޕޯޓުކޮށްލުމުން، ރާއްޖެ އަތުވެއްޖެ

ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ) އިންޑިއާއިން ޑީޕޯޓުކޮށްލުމުން، އިއްޔެ މެންދުރު ފަހު 1:55 ގައި ބެންގަލޫރުން އައި އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެ އަތުވެއްޖެއެވެ.

ސަމަދުބެ ބުނީ އިންޑިއާ ސަރުކާރުގެ އަތުން ސަމަދުބެއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބޭނުންވާކަމަށާއި، ސަމަދުބެއަށް ކުރެވުނު ހަމައެކަނި ކުށަކީ އިދިކޮޅުގެ ރައީސް، ރައީސް ޔާމީނަށް ތާއީދުކުރުންކަމަށެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ބެންގަލޫރަށް ބޭސްފަރުވާއަކަށް ދިޔަ ސަމަދުބެ ހޮނިހިރު ދުވަހު އާއިލާއާއެކު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުންނަވަނިކޮށް، އިންޑިއާގެ އިމިގްރޭޝަނުން އައި ބަޔަކު އެމީހުންގެ ފާސް ދައްކާފައި އިނގިލީގެ ނިޝާނުގައި މައްސަލައެއް އުޅޭކަމަށްބުނެ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބެލިއިރު އެފަދަ މައްސަލައެއް ނެތްކަމަށްވާއިރު، އިންޑިއާގެ އިމިގްރޭޝަނުން ސަމަދުބެ ހައްޔަރުކުރީ މަކަރާއި ހީލަތުން އޮޅުވާލުމެއްގެ ތެރޭގައި ކަމަށް، ޗެނަލް 13 އަށް ދެއްވި އިންޓަވިޔުއެއްގައި ސަމަދުބެ ވިދާޅުވެފައިވެއެވެ.

ސަމަދުބެ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން 18 ގަޑިއިރު ވަންދެން އެމީހުން އެއްވެސް ސުވާލެއް ނުކުރާ ކަމަށާއި، އެ ގަޑިތަކުގައި ކާއެއްޗެއް ނުދޭތަނުގައި ބަހައްޓަފައިހުރީ ވަރަށް ފިނި ކޮޓަރިއެއްގައި ކަމަށްވާއިރު ރަޖައެއްވެސް ދީފައިނުވާކަމަށާއި ބަންދުކޮށްފައި ހުރި ކޮޓަރީގައި އުޅުނު އެހެން މީހަކު ފުރުމުގެ ކުރިން އޭނާ ބޭނުންކުރި ރަޖާ ސަމަދުވެސް ބޭނުންކުރީކަމަށް އިންޓަވިއުގައި ސަމަދުބެ ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ފަހުން ސަމަދުބެ ކުށްވެރިވެފައިވާކަމަށް ބުނެ އިންޑިއާއަށް އެރުމާއި އިންޑިއާ ތެރޭގައި އުޅެން މަނާކޮށް، ޖަލަށްދާން ޖެހޭނެކަމަށް އަންގާފައިވާކަމަށް ސަމަދުބެ މައުލޫމާތު ދެއެވެ. އަދި ފޯނު އަތުލި ކަމަށާއިފޯނު ބޭނުން ނުކުރެވޭނެކަމަށް އެންގި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް އޭގެ ކުރިން ސަމަދުބެ ވަނީ ހެޔޮއެދޭ ފަރާތްތަކަށާއި އެހެނިހެން ފަރާތްތަކަށް މެސެޖު ފޮނުވާފައެވެ.

ހޮސްޕިޓަލުގެ ތެރެއިން ސަމަދުބެ ހިފަހައްޓައި ހައްޔަރުކުރީ އިމިގްރޭޝަނުން ކަމަށްވިޔަސް އެތަނުން ގެންދިޔައީ ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން އެއާޕޯޓަށް ކަމަށާއި، އެއާޕޯޓުން ބައްދަލުކުރީ ކޯޓު ފަޓުލޫނުގައި ތިބި ބަޔަކުކަމަށްވެސް ސަމަދުބެ   ބުނެއެވެ.

ހިތުގެ ބައްޔާއި، ކޮލެސްޓްރޯލް އަދި ލޭމައްޗަށް ދިޔުމާ ގުޅިގެން ބޭސްކުރާ ސަމަދުބެއަށް މިކަމުގެ ސަބަބުން ހަތަރު ދުވަސްވަންދެން ބޭސް ނުލިބި ހުންނަން ޖެހިފައިވާއިރު ސަމަދުބެއާމެދު އިންޑިއާއިން އަމަލުތައް ބެހެއްޓީ ވަރަށް އިހާނެތި އަދި ހަރުކަށިކޮށެވެ. އަދި އެމީހުންގެ އަމަލުތައް ހުރި ގޮތުން ޑީޕޯޓުކުރުމަށް ތައްޔާރުވަމުންދިޔަ ކަން ފާހަގަކުރެވުނު ކަމަށް ސަމަދުބެ ބުނެއެވެ.

”އަޅުގަނޑުގެ އަނބިދަރިންނަށް ގުޅާލާށޭ ބުނީމަ ވެސް ފޯނެއް ވެސް ނުދިން. [އިމިގްރޭޝަންގެ އޮފިސަރުން ގެންދިޔަ ވަގުތު] އަޅުގަނޑުގެ ކުޑަ ދަރިފުޅު އަޅުގަނޑު ފަހަތުން ދުވެފައި އައި ރޮއެފައި. އެކަމަކު އެ ކުދިންނަށް ވެސް ބަލާނުލާ އަޅުގަނޑު ގެނެސް…“ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުން ހޯދަން ބޭނުންވާކަމަށް ބުނެ، ރޮމުން ސަމަދުބެ ބުނެފައިވެއެވެ.

”އަޅުގަނޑު މަރާލިޔަސް، އަޅުގަނޑު ކަތިލިޔަސް، އަޅުގަނޑު ދަންޖެއްސިޔަސް، އަޅުގަނޑު ރައީސް ޔާމީނަށް ކުރާ ތާއީދު ހުއްޓައެއް ނުލާނަން. އެ މަނިކުފާނުގެ ފަހަތުގައި އަޅުގަނޑު ހުންނާނީ،“ ސަމަދުބެ އަޑަށް ބާރު ލާފައި ބުނެފައިވެއެވެ.

ސަމަދުބެ ގަބޫލުކުރާ ގޮތުގައި އިންޑިއާއިން ސަމަދުބެ ހައްޔަރުކުރުމަށްފަހު އެހާ ގިނަ އިރުވަންދެން ބެހެއްޓުމުގެ ސަބަބު އެމީހުން ކިޔައިދީފައިނުވަނީ، އޭނާގެ ހަމައެކަނި ކުށަކީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރާތީކަމަށެވެ.

ސަމަދުބެއާ މެދު އިންޑިއާއިން އިހާނެތިކޮށް ކުރި ކަންތައްތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ”މި ކޯލިޝަނުން ދެކޭ ގޮތުގައި މިއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ މި ކޯލިޝަނުން ކުރިއަށް ގެންދާ އިޖްތިޖާޖުގައި އަޑުއުފުލަމުންދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ އަމަލެއް“ ކަމަށެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button