މާލޭގެ ނީލަން ފިހާރަ ރޯވި ސަރަހައްދުގައި ދެން އެފިހާރަ ނުހިންގަން ނިންމައިފި

މާލޭގެ ނީލަން ފިހާރައާއި އެ ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހިނގާދިޔާ އަލިފާނުގެ ހާދިސާއާއި ގުޅިގެން، ދެން އެ ސަރަހައްދުގައި އެފިހާރަ ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ސިޓީ ކައުންސިލް 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ، ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ނުވަތަ މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން އެދި ސަރުކާރަށް ލިޔުއްވާނެކަމަށާއި، ދެން ނީލަން ފިހާރަ އިހު އެތަން ހުރި ސަރަހައްދުގައި ނުހިންގޭނެކަމަށެވެ.
މިއަދު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި، މޭޔަރގެ އެ ހުށަހެޅުއްވުން، އެ ކައުންސިލްގެ 11 މެންބަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ. މޭޔަރ ޑރ މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖަށް އެ ފިހާރަ ބަދަލުކުރުމުން، އެތަން ދެން ހިންގާނީ އެކަމަށް ހާއްސަ އުސޫލުގެ ތެރެއިން ކަމަށައި، އެތަނުގައި ވިޔަފާރި ކުރުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެކަމަށެވެ.
މީގެ ކުރިންވެސް، ނީލަން ފިހާރަ އެ ސަރހައްދުން ނަގައި އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާނެކަމަށާއި، ނަމަވެސް ސަރުކާރުން އެކަމަށް ފުރުސަތު ނުދެއްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
”ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުންވިޔަސް މާލެ ސިޓިގަ ނެޔިގެން ދާނެ، އެއީ ދެން އޭގަ އޮތް ނަތީޖާއަކަށް ވާނީ“ މޭޔަރ ވިދާޅުވިއެވެ.