ޚަބަރުސިޔާސީ

ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރުން ފަސްކުރުމަށް މަޖިލީހަށް އަންގާ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް އަމަލު ނުކުރާގޮތަށް މަޖިލީހުން  ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައި ވަނީ، އެ އަމުރަށް އަމަލުކުރާނެ ގޮތަކާ މެދު ވަކި ގޮތެއް ކަނޑައެޅުމަށް މަޖިލީހުގައި ނެގި ވޯޓަކުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ކަނޑައެޅުމަށް މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 45 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. އެ ވޯޓުގައި ދެކޮޅަށް އަދި އެއްކޮޅަށް ވެސް ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް/ޕީއެންސީ މެންބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ.

”އިއްޒަތްތެރި މެމްބަރުންގެ ސަމާލުކަމަށް ޓަކައި ދަންނަވަން. މިވަގުތުން ފެށިގެން ވޯޓު ގުނުމުގަޔާއި، ކޯރަމް ހަމަކުރުމުގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން ކުރިއަށްދާނީ. އެ ނޫން ގޮތަކަށް ކަނޑަނާޅާހާ ހިދަކު،“ ހުށަހެޅުން ފާސްވުމާއެކު މަޖިލީހުގެ ރިޔާސަތުން މުހައްމަދު އަސްލަމް އިއުލާން ކުރެއްވިއެވެ.

 

ސުޕްރީމް ކޯޓުން މަޖިލީހަށް އަންގާފައި ވަނީ، އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ވަކި ގޮތެއް ކަނޑައެެޅެންދެން މަޖިލީހުގެ އަދަދު 87 ކަމަށް ގުނަމުން ދިއުމަށެވެ. އެކަމަކު ސަރުކާރުގެ މަގާމުތަކަށް ދިއުމަށް މަޖިލީހުން ވަކިވެވަޑައިގެންނެވި ހަތް މެންބަރުންގެ ގޮނޑި އޮތީ ހުހަށެވެ.

ރައީސް ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ ތިން އިސްލާހަށް އަމަލު ކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ. މިހެން އެންގި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަކުން ވިޔަސް ގާނޫނު އަސާސީއާ ހިލާފަށް އަމަލު ނުކުރެވޭނެ ހިނދު، މި މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފި ނަމަ، މައްސަލައިގެ މައުލޫގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ވެސް މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެ މަޖިލިސް ވަކި ގޮތަކަށް ހިންގަން އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެކަމާ މެދު ގޮތް ކަނޑައަޅާނީ މަޖިލީހުން ކަމަށް ވިދާޅުވެ، މަޖިލީހުގެ އަދަދު ގުނާނެ ގޮތަކާ މެދު ގޮތެއް ނިންމުމާ އެކު، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް އަމަލުކުރުމާ މެދު ގޮތެއް ކަނޑައަޅަން ބަހުސަށް ވަނީ ހުޅުވާލައްވާފައެވެ.

މަޖިލީހުގެ މި ޖަލްސާގައި ކުރިއަށް ދިޔައީ އެ މައްސަލައަށް ބަހުސްކުރުން އެކަންޏެވެ. ގިނަ އިރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ އެ ބަހުސް ފެށުމާ އެކު، ބަހުސްގެ ގާނޫނީ ސައްހަކަމާ މެދު ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މޫސާ ސިރާޖު ސުވާލު އުފައްދަވާ ވާހަކަ ދެއްކެވި ނަމަވެސް، ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ރައީސްއާއި ނައިބު ރައީސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 3/2 ބައި ވޯޓު ބޭނުންވާނެއެވެ. މަޖިލީހުގައި ފުރިހަމަ މެޖޯރިޓީއެއް އޮތް އެމްޑީޕީން ގަވާއިދަށް އިސްލާހު ގެނައީ މަޖިލީހުގައި އެ ވަގުތަކު ތިބޭ މެންބަރުންގެ އަދަދު ގުނާނެ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button