ޚަބަރު

24 ގަޑިއިރު ކުނި ނެގުމުގެ މަސައްކަތް ކުރާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކުނި ކަހާ ކުނި ނެގުމުގެ މަސައްކަތް ވަކި އުސޫލެއްގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

އެގޮތުން، މާލޭގައި 16 ޒޯނަކަށް ބަހާލައިގެން ކުނި ކަހައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ވިލިމާލޭގައި އެ މަސައްކަތް ކުރާނީ 4 ޒޯނަކަށް މުވައްޒަފުން ބަހާލައިގެން ކަމަށެވެ. ކޮންމެ ޒޯނަކަށްވެސް، މަސައްކަތްކުރާނެ ޓީމްތައް ހަމަޖައްސާއިރު، އެ ޒޯންތައް ސުޕަވައިޒްކުރަން ސުޕަވައިޒަރުންނާއި، އޮޕަރޭޝަން މެނޭޖަރުންވެސް ކަނޑައަޅާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

އޭގެ އިތުރުން މުޅި މަސައްކަތް ހިންގައި، ބަލަހައްޓަން އިސް އިންޗާޖެއްވެސް ހުންނާނެކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. މޭޔަރ ވިދާޅުވިގޮތުގައި ކުނި ކެހުމާއި ކުނި ނެގުން ކުރިއަށް ގެންދާނީ ދެ ޝިޕްޓަކަށް މުވައްޒަފުން ބަހާލައިގެންނެވެ. އެގޮތުން ގިނަ މުވައްޒަފުންނަކީ ރޭގަނޑު މަސައްކަތްކުރާނެ ބަޔެއްކަމަށާއި، ދުވާލު މަސައްކަތަށް ނުކުންނާނީ ނިސްބަތުން މަދު ބަޔަކުކަމަށް މޭޔަރު މައުލޫމާތު ދެއްވިއެވެ.

މިވަގުތު މަސައްކަތް ކުރަން ތިބީ 80 މީހުންކަމަށްވާއިރު ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި މާލެއަށް ޖުމްލަ 120 މީހުން އެމަސައްކަތްކުރަން ހަމަޖައްސާއިރު ވިލިމާލޭގައި އެ މަސައްކަތްކުރަން 30 މީހުން ހަމަޖައްސާނެކަމަށް މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތްކުރުމަށް އޮތީ 10 ޕިކަޕުކަމަށާއި އިތުރު 10 ވެހިކަލް ހޯދުމަށް 2023 ވަނަ އަހަރުގައި ބަޖެޓުކޮށްފައިވާނެކަމަށް ފާހަގަކުރައްވާފައިވެއެވެ.

ކުނި ކެހުމާއި ކުނި ނެގުމުގައި ޝިފްޓު ޑިއުޓީ ވަގުތުތައް ހިއްސާކޮށްދެއްވަމުން މޭޔަރު ވިދާޅުވީ ރޭގަނޑުގެ ޝިފްޓު ކުރިއަށް ދާނީ ރޭގަނޑު 10 އިން ފަތިސް ވަންދެން ކަމަށާއި ކުނިކެހުމުގެ ރަސްމީ ގަޑިއަކީ ރޭގަނޑު 10 އިން ފަތިހު 4 އަށް ކަމަށެވެ. ނަމަވެސް މި ގަޑީގައި ކުނި ކަހައި ނުނިމޭނަމަ، އިތުރު ދެ ގަޑިއިރު އެކަން ކުރަން ލިބޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އަދި ހެނދުނު ޝިފްޓު ފެށޭނެ ގަޑިއެއްކަމަށް ވިދާޅުވެފައިވަނީ ހެނދުނު 6 އިން 12 އަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button