
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކޮށް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ގޮތް ހަމަޖައްސަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އިދިކޮޅު ކޯލިޝަނުގެ ސެނެޓުން ނިންމައިފިއެވެ.
މިކަން ކޮށްފައިވަނީ ރޭގައި މީރުމާ ހޮޓެލްގައި އިދިކޮޅު އިއްތިހާދުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އެ ޕާޓީގެ ސެނެޓުގެ ތާއީދާއެކު ފާސްކުރި ގަރާރަކުންނެވެ.
މިދިޔަ ހަފްތާގައި ރައީސް ޔާމީނަށް، ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ އިސްލާމްދީނުގެ ޝަރީއަތްތަކާއި ގާނޫނުތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއްކަމަށާއި، އެ ހުކުމް ރައީސް ޔާމީނުގެ މައްޗަށް އިއްވީ އެމަނިކުފާނާ ދުޝްމަނުވާ ބައެއްގެ ”ފާސިގު ހެކި އުދައްދައިގެން“ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ފާސްކުރި ގަރާރުގައި ފާހަގަކޮށްފައިވާގޮތުގައި، ރައީސް ޔާމީނަށް އިއްވި ޖަލުހުކުމެގެ ބޭނުމަކީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލަން، ރާވައިގެން ކުރި ކަމެއްކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން އެމަނިކުފާނު މަސައްކަތްކުރައްވާތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ކުރި ކަމެއްކަމަށެވެ.
ރައީސް ޔާމީނު މިނިވަން ކުރުމަށް ބަޔާންތައް ނެރުމަށާއި، ރާއްޖޭގައި އެކަމާގުޅޭ އިހްތިޖާޖުތައް ކުރުމަށްވެސް އެ ގަރާރުގައި ގޮވާލާފައިވެއެވެ. އަދި ރައީސް ސޯލިހް ވެރިކަމުން އިސްތިއުފާދެއްވުމަށްވެސް ގޮވާލާފައިވާއިރު، އިދިކޮޅުން ވަނީ އެކަކު އަނެކަކު އެއްބައިވެގެން ތިބެ، ޕާޓީ ބައިބައިވުމުގެ ފުރުސަތު ނުދީ އަޒުމާއެކު ކުރިއަށް ދިއުމަށް ގޮވާލާފައެވެ.