ޚަބަރު

މީގެކުރިން ބަނދަރު އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކުންފުންޏަކާއެކު، އުތުރުތިލަފަޅު އެއްބަސްވުމުގައި ސޮއިކޮށްފި

މީގެ ކުރިން ބަނދަރު އެޅުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކުންފުންޏެއް ކަމަށްވާ، ރެއިލް ވިކާސް ނިގާމް އާއެކު އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުތުރުތިލަފަޅުގައި ބަނދަރެއް އެޅުމަށްކަމަށްބުނެ، މި ސަރުކާރުން ދަނީ އިންޑިއާ ސިފައިންނަށް އެތަނުގައި ގާއިމުވެވޭ ގޮތަށް މަސައްކަތްތައް ރާވާފައެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ރެއިލް ވިކާސް ނިގާމް ކުންފުންޏަކީ ރޭލު ދަތުރުކުރާ ބުރިޖުތައް ހަދައި، ރޭލު ދަގަނޑު އަޅައި ބިންގަރާސްފަދަ ތަންތަން ބިނާކުރާ އިންޑިއާގެ ކުންފުންޏެކެވެ. އެ ކުންފުނިން މީގެ ކުރިން އަދި ބަނދަރެއް އެޅުމުގެ މަސައްކަތެއް ކޮށްފައިނުވާކަމަށް ހަބަރު ލިބެއެވެ. 

ޖުމްލަ 186 މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާއިން ނަމަ 2.9 ބިލިއަން ރުފިޔާ) ހަރަދުވާ، މި މަޝްރޫއުގައި 50 މިލިއަން ޑޮލަރު ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކަކުންނެވެ. ރެއިލް ވިކާސް ނިގާމް ކުންފުންޏަށް މި މަސައްކަތް ހަވާލުކުރެވުނީ 2 އަހަރު ތެރޭގައި މަސައްކަތް ކޮށް ނިންމުމަށްކަމަށާއި، އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ހާރިޖީވުޒާރާއިންކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. 

މި މަޝްރޫއުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެ އިންޑިއާ ސިފައިންނަށް އެތަނުގައި ގާއިމުވެވޭ ގޮތަކަށް އިންތިޒާމް ހަމަޖައްސަން، އިންޑިއާއާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއް ހަދާފައެވެ. އެކި ކަންކަމުގައި ނުވަތަ މަސައްކަތްތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް މި ސަރުކާރުން ދަނީ ޑިޕްލޮމެންޓުންނަށް ދޭފަދަ ލުއިތަކެއް، އިންޑިއާއާއެކު ވެވޭ އެއްބަސްވުންތަކުގެ ތެރެއިން ދެމުންނެވެ. މިގޮތުން އިންޑިއާ ސިފައިން ދިރިއުޅޭ ތަންތަނާއި، އެ ތަންތަނުގައި ހުންނަ ތަކެތި ބެލުމުގެ އިހްތިޔާރެއް މި ސަރުކާރަށް ނޯންނަކަން ފާހަގަކުރެވެއެވެ. 

އުތުރުތިލަފަޅުގައި މަސައްކަތްކުރާ އިންޑިއާ ސިފައިންނަށް، ހަތިޔާރު ނުގެންގުޅެވޭނެކަމަށް އެ މަޝްރޫއުގެ އެއްބަސްވުމުން ހާމަވާން އޮތް ނަމަވެސް، އާންމުވެފައިވާ އެ، އެއްބަސްވުމުގެ ދެލިކޮޕީއަކުން ފެންނަ ގޮތުގައި، ހަތިޔާރު ގެންގުޅެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. 

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button