ޚަބަރުސިޔާސީ

ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކުމާ ދެކޮޅު ހަދައި، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްފި

ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކުމާ ދެކޮޅު ހަދައި، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ތިލަފުށްޓަކީ މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްތައްކުރުމަށާއި މުދާ ގުދަންކުރުމަށް ބޭނުންކުރާ ތަނަކަށްވާއިރު، މިހާރުވެސް މާލެ ސަރަހައްދުގައި ބިމުގެ ދަތިކަން ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރި ގޮތުގައި، ތިލަފުށިން ބިން މިލްކް ކުރެވޭ ގޮތަށް ދިވެހި ކުންފުނިތަކަށް ވިއްކުމަށާއި، 99 އަހަރަށް ބިން ނެގޭ ގޮތަށް ބޭރުގެ ވިޔަފާރިތަކަށް ބިން ދޫކުރަން ނިންމާފައިވެއެވެ. މިގޮތަށް މި ނިންމުން ނިންމާފައިވަނީ ސީދާ ރައީސް އޮފީހުން އަންގައިގެންކަމަށް، އެޗްޑީސީގެ އިސްވެރިޔަކާ ހަވާލާދީ ”ދިޔަރެސް“ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. އަދި މި ނިންމުން އިއުލާނުކުރުމުގެ ކުރިން ތިލަފުށިން ބޮޑު ދެ ބިމެއް އިންޑިއާގެ ދެ ކުންފުންޏަކަށް ގަންނަން ދިނުމަށް، ޕްރޮޕޯސަލްވެސް ހުށަހަޅާފައިވާކަމަށް އެޗްޑިސީއިން މައުލޫމާތު ދީފައިވެއެވެ. އަދި ތިލަފުށިން ބިން ވިއްކަން ނިންމާފައިވަނީ ތިލަފުށި ތަރައްގީކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުގެ ތެރެއިން ނުހިއްކައި އޮތް ބިން ހިއްކަން ބޭނުންވާ ލޯނުގެ ފައިސާ ހަމަކުރުމަށްކަމަށްވާއިރު، އެ ބިންތައް ވިއްކަން އުޅެނީ ނުއަގުގައި ކަމަށާއި ވިއްކަން ފަށާ އަގެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަކަފޫޓަކަށް 1700 ރުފިޔާކަމަށްވެސް އެޗްޑީސީއިން ވާހަކަދެއްކި މުވައްޒަފާ ހަވާލާދީ ”ދިޔަރެސް“ އިން ރިޕޯޓުކޮށްފައިވެއެވެ.

99 އަހަރަށް ނުއަގުގައި ބިދޭސީންނަށް ބީލަމުގެ އުސޫލުން ބިން ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި އިގްތިސާދަށާއި، ދިވެހި ވިޔަފާރިވެރިންނަށް ކުރާނެކަމަކަށްވާއިރު، މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ، ދިވެހި ވިޔަފާރިތަކުގެ ކޮންޓްރޯލް ކުރިއަށް އޮތްތަނުގައި ބޭރު ފަރާތްތަކުގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގައި މިކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ މައްސަލައިގައި އިތުރަށް ބުނެފައިވަނީ ގްރޭޓާ މާލޭގެ ގޮތުގައި ބެލެވޭ ތިލަފުށްޓަކީ ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން އުފައްދާ ތަރައްގީކުރަމުން އަންނަ ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހާއްސަ ކުރެވިފައިވާ ރަށެއްކަމަށެވެ.

”ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި ގްރޭޓާ މާލެއިން ބިދޭސީންނަށް 99 އަހަރަށް ބިން ނުއަގުގައި ވިއްކުމަކީ ކުރިމަގުގައި ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް،“ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ބަހުސްކުރުމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ވޯޓަށް ހުށަހެޅުމުން، ނެގި ވޯޓުގައި ބައިވެރިވި 45 މެމްބަރުންގެ ތެރެއިން 36 މެމްބަރުން ވޯޓު ދިނީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށްވާއިރު، ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 9 މެމްބަރުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button