
މިއަދު 4:30 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި ބައްދަލުވުން ބާއްވަން ހަމަޖައްސާފައި މިވަނީ، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ އެތައް ދުވަހެއް ކޮށްފައެވެ. އެންމެ ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ މިއަހަރު ޖޫން މަހުގައެވެ.
މިއަދު މި ބާއްވާ ބައްދަލުވުމަކީ ކޮންކަމަކާ ގުޅޭ ބައްދަލުވުމެއްކަމެއް ހާމަކޮށްފައިނުވާއިރު، ފާއިތުވެދިޔަ 6 މަސް ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން، އެކި ކަންކަމާ ގުޅިގެން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އެކަންކަމާ ގުޅޭގޮތުން އެދެވޭ ޖަވާބެއްވެސް ސަރުކާރުން ދީފައިނުވެއެވެ.
ރައީސް ސާލިހް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، ކޮންމެ މަހަކުވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެކަމަށް ވިދާޅުވިނަމަވެސް، އެފަދައިން އަމަލުކުރައްވާފައިނުވާކަން ފާހަގަކުރެވެއެވެ.