
ވ. އާރަށު މައްސަލާގައި ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ދައުވާގައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރި ހުކުމާ ގުޅިގެން، އިދިކޮޅުން ކްރިމިނަލް ކޯޓު ކައިރީގައި ތިބެ ކުރި އިހްތިޖާޖުގައި ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވުމުން އެކަމަށް ފާޑުކިޔައި، ޑރ. އިޔާޒު ކުރެއްވި ޓްވީޓަކަށް، މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.
ރަސްމީ ގަޑިގައި، ސިޓީ ކައުންސިލްގެ އިސްވެރިން މުޒާހަރާ ކުރައްވައި އެ އިޖްތިޖާޖުގައި ބައިވެރިވެވަޑައިގަތުމުން، އެއީ މާލޭގެ ރައްޔިތުން އެ ކައުންސިލާ ހަވާލުކުރި ޒިންމާތޯ ޑރ. އިޔާޒު އައްސަވާފައިވެއެވެ. އަދި ގެއަށް ވައްދާ ފައިސާ ހަލާލުކުރަންޖެހޭ ކަމަށް ވިދާޅުވެ، އެބޭފުޅުންނަށް ފާޑުވިދާޅުވެފައިވެއެވެ.
މިފަދައިން ޑރ. އިޔާޒު ޓްވީޓްކޮށްފައިވަނީ ރައީސް ޔާމީނުގެ މައްޗަށް 25 ޑިސެންބަރުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް އިންސާފު ގާއިމުކޮށްދެއްވަން އެދި، ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނަށް ރިއާޔަތްކޮށްފައެވެ.
ޑރ.އިޔާޒުގެ ޓްވީޓަށް މުއިއްޒުވަނީ ކޮމެންޓު ކުރައްވާފައެވެ. ޑރ. އިޔާޒަށް ރައްދު ދެއްވަމުން މޭޔަރ ވިދާޅުވީ، އެދުވަހު ހުންނެވީ އެއް ދުވަހުގެ އަހަރީ ޗުއްޓީއެއް ނަންގަވައިގެން ކަމަށާއި، ފާސިގުންގެ ހެކިބަހުގެ މައްޗަށް ހުކުމް ކުރުން ދީނުގައި ހަލާލުތޯ އޮޅުންފިލުވައިދެއްވުމަށެވެ. އަދި ”މިސްތަކުންގެ މެދުގައި ހުކުމް ކުރުމުގައި އަދުލުވެރިވާށޭ“، މިފަދައިން ދީނުގައި އޮވޭތޯވެސް ޑރ. އިޔާޒުއާ މޭޔަރ ވަނީ ސުވާލުކުރައްވާފައެވެ.
ޑރ. އިޔާޒުގެ ފާޑުކިޔުން ސިޓީ ކައުންސިލަށް މިފަދައިން އަމާޒުވުމުން، ރައްޔިތުންވަނީ އެކަމުގެ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، ޑރ. އިޔާޒަކީ ދީނީ އިލްމުވެރިޔަކަށްވިޔަސް، ތަންދޮރު ނުބަލައި، މީހުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ނުފަތުރައި، ކަން ކަމުގައި ބުއްދި އިސްކުރަން ފެންނަކަމަށް ބައެއް މީހުން ބުނެފައިވެއެވެ.