
ޕީޕީއެމްގެ ލީޑަރުން އިންޑިއާއަށް ނުގަނެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
”ފެލާލައިފި“ ނަމުގައި އިދިކޮޅުން ބޭއްވި ހާއްސަ ޖަލްސާގައި އިންޑިއާއަށް އަމާޒުކޮށް، ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުން އިންޑިއާއަށް ނުވިކޭނެކަމަށާއި، ވިކުނަސް ވިކޭނީ އެހެން ޕާޓީތަކުގެ ލީޑަރުންކަމަށެވެ. އަދި އިންޑިއާއިން، އެމަނިކުފާނާ ހަސަދަލައިގެން ރުޅިއައިސްގެން އުޅެނީ ކީއްވެތޯވެސް ސުވާލުކުރައްވާފައިވެއެވެ.
އިންޑިއާއިން ކޮންކަމަކާތޯ އަޅުގަނޑު ދެކެ ރުޅި އަންނަނީ؟ މިއީ އަޅުގަނޑުގެ ގައުމޭ
ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރާއްޖެއަކީ މޯދީގެ ގައުމު ނޫންކަމަށާއި ރާއްޖެއަކީ އިންޑިއާގެ ސްޓޭޓްއެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިންޑިއާއަށް އިތުރަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ރައީސް ޔާމީން ވަނީ ޖަލުން މިނިވަންވެވަޑައިގަތުމާއެކު، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އަޑުއުފުލުމަށްޓަކައި ”އިންޑިއާ އައުޓް“ ކެމްޕެއިނެއް ފައްޓަވާފައެވެ. ނަމަވެސް ސަރުކާރުންވަނީ އެ ކެމްޕެއިންއާ ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާމީހުންނަށް ބޮޑެތި ހުކުމްތައް ކުރެވޭފަދަ ގަރާރެއް ނެރެފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ގަރާރެއް ނެރެފައިވަނީ އިންޑިއާއިން އަންގައިގެންނެވެ.