ޚަބަރުދަ ޑިމޮކްރެޓްސްސިޔާސީ

ސަރުކާރު ގެއްލުމަށްވުރެ އެމްޑީއަށް ދެން ވާން އޮތް ގެއްލުން މާ ބޮޑު: ރައީސް ނަޝީދު

2023 ރިޔާސީ އިންތިހާބުން ބަލިވެ، އަދުގެ ސަރުކާރުގެ ވެރިކަން ވެއްޓިފައިވާއިރު، އެއަށްވުރެ ބޮޑު ގެއްލުމެއް ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަށް ލިބޭނެ ކަމަށާއި އެ ޕާޓީގެ މެންބަރުންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރައްވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ކޮންފަރެންސެއްގައި ބައިވެރި ނުވެވޭނެ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުންގެ ހަރަކާތްތައް ހުރުމުގެ ސަބަބުންނެވެ. އެގޮތުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން، އެ ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ސިޓީ ފޮނުވާ ރައީސް ނަޝީދަށް އެ ކޮންފަރެންސެއްގައި ބައިވެރި ނުވެވޭނެ ގޮތް ހެދުމަށް މިންނަތް މަސައްކަތް ކުރަމުން ދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ފުރަތަމަ ފޮނުއްވި މެސެޖަކީ މަޖިލިސް ވަޓްސްއެޕް ގުރޫޕުގައި، އެމަނިިކުފާނަށް އެހެން މީހަކު ފޮނުވި މެސެޖެކެވެ. އެ މެސެޖުގައި ވަނީ ރައީސް ނަޝީދު ކޮންފަރެންސްގައި ބައިވެރިނުކުރުމަށް ބައެއް ސިޔާސީ ވެރިން އެދެމުންދާ ކަމަށާއި ނަމަވެސް އެކަން އެހެން ނުކުރާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިޝާރާތްކުރައްވާ، އެ ސިޓީތަކުގެ ކޮޕީ އެބަހުރި ކަމަށް ވިދާޅުވެފައެވެ. އެ ސިޓީތައް ފޮނުއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) އާއި ރައީސްގެ ކޮއްކޯފުޅު ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކަމަށް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ’އަމިއްލައަށް ފަލީހަތް ވަނީ‘ ކަމަށާއި ’ހުރިހާ ހަޑިއެއް އެމީހުންނަށް‘ ކަމަށެވެ.

އެ މެސެޖުތަކަށްފަހު، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކޮމިޓީ އޮން ޑިމޮކްރަސީ އެންޑް ހިޔުމަން ރައިޓްސްގެ މަގާމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ލިބިވަޑައިގެންނެވި ހަބަރުގެ ލިންކް އެ ގުރޫޕުގައި ޝެއާކުރައްވާ ޖީހާނަށް މަރުހަބާ ވިދާޅުވެފައެވެ.

އަސްލަމްގެ އެ މެސެޖަށް ރައްދު ދެއްވައި ރައީސް ނަޝީދު ވަނީ ”ތި ހުރިހާ ތަނަކުން އެމްޑީޕީގެ މެންބަރުން ވަކިކުރާނެ“ ކަމަށާއި ”ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނެ“ ކަމަށް ވިދާޅުވެފައެވެ.

”ވެރިކަން ގެއްލުމަށް ވުރެ ދެން ވާން އޮތް ގެއްލުން މާ ބޮޑުވާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button