ޚަބަރު
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކް އަނދާ އަޅިއަށް!

ރޭ މެންދަމު 00:31 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގުޅިފަޅުގައި ހުންނަ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބްލޮކް އެއްކޮށް އަނދާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އަލިފާން ގަނޑު އެއްކޮށް ނިއްވާލެވުނީ 01:52 ހާއިރެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާއިރ، 13 މީހަކު އައިޖީއެމްއެޗަށް ގެންދެވުނެވެ. އަދި 60 މީހަކު ޓްރީޓޮޕަށް ގެންދެވިފައިވެއެވެ. މި އެކޮމޮޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅެއެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު ނޭނގުނު ނަމަވެސް މި މައްސަލައިގައި މިހާރު އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.