
ގެއްލުވާލުމާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި މަރު ކޮމިޝަނުން ކޮމިޝަނުން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި ގުޅޭގޮތުން ދެއްކި ސާބިތު ނުހިފޭ ވާހަކަތަކާއި، ދޮގުތުހުމަތާއި ގުޅިގެން އަބުރުގެ ދައުވާ ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނޫ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާ ގުޅުވައިލުމަށް، ގޮތް ނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ މަސައްކަތް ކޮށްފައެވެ.
”މުނާޒު ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކު ކަން ތަހުގީގަށް އެނގިފައިވާކަމަށް ބަޔާންކޮށް، އަޅުގަނޑުމެންގެ މުވައްކިލު ރައީސް ޔާމިނާ ގުޅޭގޮތުން އެ ކޮމިޝަނުގެ މެންބަރު ގދ. ރަތަފަންދޫ ބަހާރީވިލާ މިސްބާހް އައްބާސް ދައްކާފައިވާ ވާހަކަތަކަކީ، އެއްވެސް ހަގީގަތެއް އެކުނުލެވޭ ދޮގު ވާހަކަތަކެއް.“ ވަކީލުންގެ ބަޔާނުގައި ވެއެވެ.
”އަޅުގަނޑުމެންގެ މުވައްކިލަކީ، ކުރިއަށް އޮތް 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ރިޔާސީ ކެންޑިޑޭޓްކަމަށްވާއިރު، މިފަދަ ޖިނާއީ ބޮޑު ކުށެއް ތަހުގީގުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ހުރެ، އަޅުގަނޑުމެންގެ މުވައްކިލާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ބުނިބުންޏަށް ދެއްކުމަކީ ވަކި ފަރާތަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެންގެ މުވައްކިލުގެ އަބުރު ކަތިލުމަށް ދުރާލާ ރާވައިގެން މިސްބާހް ހިންގާފައިވާ ވަރަށް ދަށްފަންތީގެ ސިޔާސީ ސްޓަންޓެއްކަމަށް ދެކެން“ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ އެމަނިކުފާނުގެ އަބުރު ނަގައިލުމުގެ ދަޢުވާ މިސްބާހުއާ ދެކޮޅަށް ކުރުމަށްޓަކައި، މައްސަލައިގެ ދައުވާ ފޯމު މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި އަޅަންޖެހޭ ގާނޫނީ އެންމެހައި ފިޔަވަޅެއް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމަށް ގާނޫނޫ ވަކީލުންގެ ޓީމުން ފާހަގަކުރެއްވިއެވެ.
ރިޟްވާނުގެ މަރުގެ އިލްޒާމް ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވަން އެމްޑީޕީ އާއި އެޕާޓީއާއި ގުޅިފައިވާ ރައީސް ސޯލިހުގެ ކޯލިޝަންގެ ބައިވެރިން އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގިނަ ގުނަ މަސައްކަތްތަކެއް ކޮށް މިއަދާ ހަމައަށްވެސް އެއްވެސް ހަގީގަތެއް ދެއްކިފައެއް ނުވެއެވެ. އަދި ރިޟްވާނުގެ މަރާ ގުޅޭގޮތުން މަރު ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ރިޕޯޓާ ގުޅޭގޮތުން އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ އޭރުގެ ރައީސް އަދި މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅޫވީ އެކަމާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީނާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށްވެސް މަރު ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ރިޕޯޓު ރިޟްވާނުގެ އާއިލާއިން ގަބޫލު ނުކުރުމުން 2021 ވަނަ އަހަރުގެ މާޗު މަހުގެ 8 ވަނަ ދުވަހުގެ ރޭ ބޭއްވި ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެ އަހަރުގެ ނިޔަލަށް ރިޟްވާނުގެ މަރާ ގުޅޭ ފުރިހަމަ ސައްހަ ރިޕޯޓެއް ލިބޭނެ ކަމުގައެވެ. އެގޮތަށް އެކަން ނިންމެވީ އެ ތަހުގީގަށް އިތުރު 1 އަހަރު ބޭނުންވާކަމަށ މަރު ކޮމިޝަނުން އެދިފައިވާތީކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
ކޮމިޝަނަށް ބޭރުގެ އެކްސްޕާޓެއް ގެނެސްގެން ޑިރެކްޓަރެއްގެ މަގާމު އޭނާއަށް ދީގެން އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރެވިދާނެ ކަމަށް ސަރުކާރުން ދެކޭތީ އެފަދަ މީހަކަށް ކޮމިޝަނުން ވަޒީފާ ދީގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. ރިޟްވާން ރަހީނު ކުރުމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލު ކުރަމުންދާއިރު އެ ވަޅިން މުހިންމު ހެކިތައް ފެނިފައިވާކަމަށް މަރުކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އެ ވަޅިއާ ގުޅޭ ސައްހަ މައުލޫމާތު ދޭ ފަރާތަކަށް 500،000 ރުފިޔާ ދިނުމަށް އިއްޔެ މަރު ކޮމިޝަނުން ވަނީ ނިންމާފައެވެ.
ރިޝްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށްވަނަ ދުވަހުގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ. އޭނާގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.