ޚަބަރު

މާލޭގެ އެކި ފާރުތަކުގައި ”އިންޑިއާ މިލިޓަރީ އައުޓް“ ސްޕްރޭކޮށްފި

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭތީ އެކަމާ ހިތްހަމަނުޖެހުން ފައުޅުކޮށް ކުރިއަށްގެންތާ އިންޑިއާ އައުޓުގެ ތެރެއިން، މާލޭގެ އެކި ފާރުތަކުގައި އިންޑިއާ މިލިޓަރީ އައުޓް ސްޕްރޭކޮށްފިއެވެ.

އޭގެ ތެރޭގައި ހެންވޭރު ޕެޓްރޯލް ޝެޑް ފާރާއި، މޭރީބްރައުން ކައިރީގައި ހުންނާ ފާރަކާއި، ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުންނަ ސޯޝަލް ސެންޓަރގެ ފާރަކާއި، ސިޓީ ކައުންސިލްގެ ފާރެއް ހިމެނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފާރުތަކަށް ބުދަ ދުވަހުގެ ރޭ ސްޕްރޭކޮށްފައިވަނީ އާންމުގެން ބަޔެކެވެ.

މީގެ ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ”އިންޑިއާ އައުޓް“ މި އިބާރާތް ބޭނުންކޮށް ލިޔެފައިހުންނަ ބެނާތަކާއި ކަރުދާސް މަގުމައްޗަށް އެޅުންފަދަ ކަންކަން ފެނިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގޭގެ ދޮރުގައި ”އިންޑިއާ އައުޓް“ ސްޕްރޭކުރުމާއި، އައްޑޫ މޭޔަރު އަލީ ނިޒާރުގެ ކާރުގައި ”އިންޑިއާ އައުޓް“ ލިޔެ ސްޕްރޭ ކުރުމާއި، އިންޑިއާގެ ސަފީރު ދިރިއުޅޭ ގެ ކުރިމަތީހުރި ޓިނު ފާރެއްގައި ސްޕްރޭކުރުން ފަދަ ކަންތައް ހިމެނެއެވެ.

”އިންޑިއާ އައުޓް“ އަކީ ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ބާލަން ގޮވައިލުމަށް އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތުގައި ބޭނުންކުރާ ޝިއާރެކެވެ. ނަމަވެސް މި ހަރަކާތާ ގުޅޭ އަމަލުތައް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހުންވެސް ކުރާކަން ފާހަގަކުރެވެއެވެ. މިހަރަކާތް ހުއްޓުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ. އަދި ”އިންޑިއާ އައުޓް“ ހަރަކާތުގެ ދަށުން ބައިވެރިވާ ފަރާތްތަކަށް އެ ގަރާރުގެ ދަށުން ހަރުކަށި ފިޔަވަޅުވެސް އަޅަމުންދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button