ޝިއާއުގެ މަރުގެ މައްސަލައިގައި މިމަސް ނިމުމުގެ ކުރިން ގޮތެއް ނިންމަނީ
މިއަހަރުގެ އޯގަސްޓް މަހު ހަވަނަ ދުވަހުގެރޭ އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނެ ޝިޔާއު މުހައްމަދު ސައީދުގެ މައްސަލައިގައި ދައުވާ ކުރުމާ މެދު މިމަސް ނިމުގެކުރިން ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.
މިއަނިޔާވެރި މަރަށް މިހާރު ހަތަރު މަހަށް ވުރެން ގިނަވެފައިވާއިރު ފުލުހުން އައީ 15 ދުވަހުން 15 ދުވަހުން ތަހުގީގުކުރުމުގެ މުއްދަތު އިތުރުކުރަމުންނެވެ. މިމައްސަލައިގައި ހައްޔަރުކޮށް ތުހުމަތު ކޮށްފައިވަނީ ހަމައެކަނި އަލީ ޝާހިލްއަށެވެ.
މިހާތަނަށް ޝާހިލްވަނީ ތަހުގީގަށް އެއްބާލުރުން ނުދީފައެވެ. އޭގެ ތެރެއިން ފުލުހުންނަށް މައްސަލައިގެ ތަހުގީގު ނިންމުމަށް ބޭނުންވާ ކުށްކުރި ’މޯޓިވް‘ ހޯދަން ޝާހިލްވަނީ އޭނާގެ ފޯނު ހުޅުވަން ދެކޮޅު ހަދާފައެވެ. ނަމަވެސް މިހާރު އޭނާގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވާލުމަށްފަހު ވަނީ އޭގެން މުހިންމު މައުލޫމާތު ނެގިފައެވެ. ފުލުހުން ކުރިން ބުނެފައިވަނީ ފޯނުން ނެގޭ މައުލޫމާތުތައް ތަހުލީލު ކުރަމަށްފަހު މޯޓިވް ހޯދޭނެކަމަށެވެ.
ޝާހިލް ހައްޔަރުކުރެވިފައިވަނީ ކުށުގެވެށިން އަދި ފުލުހުން ބުނެފައިވާގޮތުންނަމަ މަސްތުގެ ހާލަތުގައި ހުއްޓާއެވެ. ޝިއާއުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުންނަމަ ޝިއާއު މަރުވެފައިވަނީ ގަސްތުގައި ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. އަދި އޭގެ އިތުރުން މަރުވުމަށްފަހުވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
މިމައްސަލަ ނުނިމި އޮއްވާ މިހަފްތާތެރޭގައި ވަނީ އަނެއްކާވެސް އަނިޔާވެރިގޮތަށް މަރާލާފައިކަމަށް ޝައްކުކުރެވޭ ދިވެހި އަންހެނެއް ފެނިފައެވެ. އެމައްސަލައިގައި ވަނީ އަންހެން މީހާގެ ފިރިމިހާ ހައްޔަކުރު ކޮށްފައެވެ. އޭނާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ އަމިއްލަޔަށް ދަންޖެހި މަރުވާން މަސައްކަތް ކޮށްފައެވެ. އޭނާ މިހާރު އޮތީ އައިސީޔޫގެ ވެންޓިލޭޓަރުގަ ބާއްވާފައެވެ.