ޝިއާއުގެ ފޮޓޯ ލީކެއް ނުކުރަން، އެޕާޓުމެންޓަށް ބަޔަކު ވަދެ ފޮޓޯ ނެގިތޯ އެބަ ބަލަން: ފުލުހުން

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ހ.ޝީރީން ވިލާގެ 9 ވަނަ ފަންގިފިލާގައި މަރާލާފައި އޮއްވާ ފެނުނު ފުވައްމުލައް ސިޓީ، މާލެގަން, ކުރި, ޝިއާއު މުހައްމަދު ސައީދު، 22 ގެ ފޮޓޯތައް ލީކު ނުކުރާ ކަމަށާއި، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ ބަލަމުންދާ ކަމުގައި ފުލުހުން ބުނެފިއެވެ.
އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮތް ފޮޓޯތަކެއް އިއްޔެ ދައުރުވާން ފެށުމާ ގުޅިގެން ފުލުހުން ބުނީ، އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމުގައެވެ. އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.
”ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ މި ޚިދުމަތުން އިތުރަށް މި ގެންދަނީ ބަލަމުން.“ ފުލުހުން ބުނެފައިވެއެވެ.
އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫނެވެ. ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ މި ޚިދުމަތުން އިތުރަށް މި ގެންދަނީ ބަލަމުންނެވެ.
— Maldives Police (@PoliceMv) August 16, 2022
ލީކުވެފައިވާ ފޮޓޯތައް ”ބޮންތި“ ގެ ނޫސްވެރިންނަށްވެސް ވަނީ ފެނިފައެވެ. އެހެން ނަމަވެސް ޝިއާގެ އާއިލާއަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ބަލާފައި ފޮޓޯއިން ފެންނަ އެއްވެސް ކަމެއް ބަޔާން ނުކުރުމަށް ”ބޮންތި“ އިން ވަނީ ނިންމާފައެވެ.
ޝިއާއުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނައީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އަދި އޭނާގެ އުފަން ރަށް ކަމުގައިވާ ފުވައްމުލައް ސިޓީއަށް ހަށިގަނޑު ގެންދިއުމަށްފަހު ޖަނާޒާ ބޭއްވީ އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ޝިއާއުގެ ގާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، 23 ސީން އިން ހައްޔަރު ކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.