ރައީސް އިބްރާހިމް ސޯލިހުއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ދެން އަންނަ ދައުރަކަށް ވެރިކަމަށް އަންނަން އެމްޑީޕީގެ ފަރާތުން ޓިކެޓް ދޭނެ ބޭފުޅެއް ނިންމުމަށް ޕާޓީގެ ޕްރައިމަރީއެއް ވަރަށް އަވަހަށް ބާއްވާނެކަމަށް އެމްޑީޕީގެ އެތެރޭގެ އަޑުތައް ހުރިގޮތުން އެނގިއްޖެއެވެ.
ރިޔާސީ އިންތިހާބު ކައިރިވެފައިވީ ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އިން ރިޔާސީ ކެނޑިޑޭޓެއް ރައްޔިތުންނަށް ނުދެއްކި ގިނަ ދުވަސްތަކެއް ވަމުންދަނީ ދެ ރައީސުން ދެމެދުގައި އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުންނެވެ. ރިޔާސީ ޕްރައިމަރީގެ ތާރީހެއް ނުދެވި ލަސްވާ އެއް ސަބަބަކީ، މި ވާދަވެރިކަން އޮވެ ޕްރައިމަރީއެއް ބާއްވައިފިނަމަ، ޕާޓީއަށް ވެދާނެ ގޮތަކާއިމެދު ޕާޓީގެ އިސްވެރިން ކަންބޮޑުވާތީކަމަށް އެ ޕާޓީގެ އެތެރެއިން ވަނީ ހަބަރުތައް ލިބިފައެވެ. އަދި ރިޔާސީ ރޭހުގައި ދެ ރައީސުން އެކުގައި ތިބެގެން ނިކުމެވޭނެ ގޮތަކަށް މަޝްވަރާތައް ދެކޮޅުން ކުރެވެމުން ދާކަމަށް އެމްޑީޕީގެ އިސް ބޭފުޅެއްވަނީ ވިދާޅުވެފައެވެ.
މިގޮތުން ޕްރައިމަރީގެ ތާރީހެއް ދިނުމުގެ ކުރިން ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ކުޑަކުރަން ވަނީ މަސައްކަތް ފަށާފައެވެ. ރައީސް ސޯލިހުއާއި އެކު ނަޝީދު ޕްރައިމަރީގައި ވާދަކުރުމުގެ ބަދަލުގައި އެހެން އެއްބަސްވުންތަކަކަށް ދިއުމަށް މަޝްވަރާ ކުރެވެމުންދާކަމަށާއި އަދި އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތްކުރައްވާނީ ކަންކަން އޮމާންކޮށް ގެންދިއުމަށްކަމަށް ރައީީސް ސޯލިހު ވިދާޅުވާކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކުވަނީ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައެވެ.
ރައީސް ސޯލިހުގެ އަމާޒަކީ ޕްރައިމަރީގައި ނަޝީދު ވާދަނުކުރައްވާނޭ ފަދަ އެއްބަސްވުމަކަށް ވަޑައިގަތުމަށް ކަމަށާއި އަދި ނަޝީދު ވާދަކުރެއްވި ނަމަވެސް ޕްރައިމަރީއަށްފަހުވެސް ދެ ބޭފުޅުން އެކުގައި ތިއްބެވޭނެ އެއްބަސްވުމަކަށް ދިއުމަކީވެސް ރައީސް ސޯލިހުގެ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކި ގޮތަކަށް މި މަޝްވަރާތައް ނުނިމުނުކަމުގައިވިއަސް ޕްރައިމަރީ އޮންނާނެ ތާރީހެއް މި ހަފްތާ ނުވަތަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިއުލާނުކުރާނެ ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓެއް ޔަގީންވެފައި ނުވިނަމަވެސް، ޕީޕީއެމްއިން މިހާރުވަނީ ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އަރުވާފައެވެ. އަދި އެމަނިކުފާނު ދަނީ ރިޔާސީ އިންތިހާބަށް ކެމްޕެއިން ފައްޓަވައި ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ރިޔާސީ ވައުދުތައްވެސް އިއްވަވަމުންނެވެ.