ޚަބަރު
ހުޅުމާލޭ ފާރުތަކުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފި

ހުޅުމާލޭ ފާރުތަކުގައި ”އިންޑިއާ އައުޓް“ ސްޕްރޭ ރޭގެ ވަގުތެއްގައި ކޮށްފިއެވެ.
އެނގިފައިވާގޮތުގައި ފާރުތަކަށް ސްޕްރޭކޮށްފައިވަނީ އާންމުންގެ ބައެކެވެ.
ދާދި ފަހުން އައްޑޫ ސިޓީ ހުޅުދޫ މީދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ފާރުގައިވެސް އިންޑިއާ އައުޓް ޖަހާފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުގައި މިދިޔަ މަހުގެ 10 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އިންޑިއާ އައުޓް ޖަހާފައިވެއެވެ. އަދި ހިތަދޫގައި ހުރި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައިވެސް އިންޑިއާ އައުޓް ވަނީ ޖަހާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ހަރަކާތުގެ ތެރެއިން ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގެ ފާރުގެ އެކި ތަންތަނުގައި ކަޅުކުލައިން ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފަ އެވެ. މީގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ރަޝީދުގެ ގޭގެ ފާރުގައި ވެސް އިންޑިއާ އައުޓް ޖަހާފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިންވެސް އައްޑޫ ސިޓީގެ މޭޔަރު ނިޒާރުގެ ކާރު ގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ. އަދި މާލޭގެ ފާރުތަކާއި ވަޒީރުންގެ ކާރުކޮޅުތަކުގައިވެސް އިންޑިއާ އައުޓް މީގެ ކުރިން ޖަހާފައިވެއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ. އެހެން ނަމަވެސް ފާރުތަކަށް ސްޕްރޭ ކުރުމުގައި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތް ނުވާ އާންމު ފަރުދުންނާއި ޒުވާނުން ހިމެނެއެވެ.