މި ވެރިކަމުގެ ހާއްސަ ސިފައަކީ ބުހުތާނު ދޮގުހެދުން: ޑރ.ޖަމީލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ އެންމެ ހާއްސަ ސިފައަކީ ”ބުހުތާނު ދޮގުހެދުން“ ކަމަށް ކުރީގެ ނައިބު ރައިސް، ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރޖަމީލް މިހެން ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް، ގދ. ފަރެސްމާތޮޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައިގެންނެވެ.
ރާއްޖޭގެ މަސްވެރިން ”އަވަދިވެއްޖެ“ ކަމަށް ޓްވީޓްކުރައްވަމުން، ޖަމީލް ވިދާޅުވީ، މި ސަރުކާރު އޮތްހާ ހިނދަކު އެންމެ ބުއްދިވެރިގޮތަކީ، ”ކަނު އަދި މަންމަނުން ކަމަށް ހެދިގެން“ މީޓިންގ ތަކުން ނުކުމެގެން ދިއުން ކަމުގައެވެ. އެމަނިކުފާނުގެ ޓްވީޓުގައި ފަރެސްމާތޮޑާއަށް ރައީސް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެރަށަށް ވަޑައިގެންނެވި އިރު އެރަށުގެ މަސްވެރިން، ކަޅު ޓީޝާޓު ލައިގެން އަނގަމަތީގައި ޓޭޕު އަޅައިގެން، ”މަސްވެރިންނަށް ވީ ވައުދު ކޮބާ؟ ބާނާ މަހަށް ހަމަ އަގެއް ނުލިބޭ“ މިފަދައިން ލިޔެފައިވާ ބެނާއެއް ހިފައިގެން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިމަނާފައިވެއެވެ.
މި ވެރިކަމުގެ ޚާއްޞަ ސިފައަކީ ބުހުތާން ދޮގުހެދުން. މަސްވެރިން އަވަދިވެއްޖެ. އަދިވެސް އެންމެ ކުރީގެ ކެސެޓް ޖެހުން. ބުއްދިވެރި ގޮތަކީ ކަނު އަދި މަންމަނުން ކަމަށް ހެދިގެން މީޓިން އިން ނުކުތުން. ކުޑައިރުއްސުރެ ނަތީޖާ ޝީޓްގައި ސުމެއް އޮތް ވެރިއެއް މިއީ. pic.twitter.com/EvyfAsso0c
— Mohamed Jameel Ahmed (@MJameelAhmed) December 12, 2022
މައުލޫމާތު ލިބޭގޮތުގައި، ފަރެސްމާތޮޑާއަށް ރައީސް ވަޑައިގެންނެވުމުން، އެރަށު މަސްވެރިންވަނީ ހަމަހިމޭން އިހުތިޖާދެއް ކޮށްފައެވެ. އަދި އެމީހުންގެ ޝަކުވާތަކާއި އިހްސާސްތައް ރައީސްއަށް ފެންނާނޭހެން ބެނާއެއްގައި ބޮޑު އަކުރުން ލިޔެފައި ހުއްޓެވެ. އަދި އެ އިހުތިޖާދު ކުރި މަސްވެރިންގެ ކައިރިއަށް ގޮސް އެމީހުންގެ ވާހަކަ ރައީސް އަޑުއެހިކަމަށްވެއެވެ. ބައެއް މީހުންގެ ފާޑުކިޔުންތައް މިކަމަށް އަމާޒުވެފައިވާއިރު، އެމީހުން ބުނަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި މަސްވެރިންނަށްޓަކައި ކުރެއްވި ވައުދުތައް ނުފުއްދަވައި ހުންނަވައި، އެދުވަސް ފާހަގަކުރުމުގެ ނަމުގައި އެރަށަށް ވަޑައިގަންނަވާނީ އެއްވެސް ވަރަކަށް އެކަމުގެ ލަދު، ރައީސްގެ ކިބައިގައި ނެތުމުން ކަމުގައެވެ.