
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕަ ބޮޑު ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި ބައްދަލުކުރައްވާފިއެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މ.ދީފުރަމްގޭގެއެވެ. ސިއްކަ އަކީ ދިވެހި ފަސްގަނޑުގައި މިހާތަނަށް ހިނގި އެންމެ އަނިޔާވެރި ނިރުބަވެރި ހަމަލާކަމަށްވާ 3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގެ އެއް މޭސްތިރިއެވެ. މި އުދުވާނީ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުއްވާފައިވަނީ ހާޖަރާގޭ ލުތުފީއެވެ. އޭނާ ބުނެފައިވާ ގޮތުގައި ސިއްކަވަނީ އޭނާ ގާތު އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމް މަރާލުމަށް ބުނެފައެވެ.
މި މައްސަލަވަނީ ސިއްކަގެ މައްޗަށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަންޖެހިފައެވެ. އެހެން ނަމަވެސް، ރައީސް މައުމޫންވަނީ ސިއްކައަށް މާފުދީ މިނިވަންކޮށްފައެވެ.
2004 ވަނަ އަހަރު ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލި ވުމުގެ ސަބަބުން ހައްޔަރުކޮށްފާނެތީ ބިރުން ސިއްކަވަނީ ރާއްޖެ ދޫކޮށް ސްރީލަންކާއަށް ބަދަލުވެފައެވެ. އަމިއްލައަށް ސްރީލަންކާގައި އަރުވާލާގެން ހުރުމާއެކުވެސް މިހާރުގެ ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ސިއްކަ ދަނީ ހަރަދު ކުރަމުންނެވެ. ލަންކާގައި ދިރިއުޅުމުގެ ތެރޭގައި އިންޑޮނޭޝިއާ މީހަކާ ސިއްކަ ކައިވެނި ކޮށްފައިވެއެވެ.
މިދިޔަ އާދިއްތަ ދުވަހުގައި ރާއްޖެ ސިއްކަ އައިސްފައިވަނީ ރާއްޖެއިން ބޭރުގައި 18 އަހަރު އުޅުމަށް ފަހުގައެވެ. މީނާ ރާއްޖެއައި ފަހުން ރާއްޖޭގެ ބައެއް ނޫސްމަޖައްލާތަކުން އޭނާގެ ހަބަރު ގެނެސްދިން ގޮތާއި މެދުގައި ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.