
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ވ.ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމާއި ގަބޫލުކުރުމުގެ ދައުވާއަކީ އަވަސް އަރުވާލައިގެން ނުބައި ގާނޫނީ މާއްދާތަކަކާއި ހަވާލާދީ އެއްވެސް ހެއްކެއް ނެތި އުފުލާފައިވާ ދައުވާއެއް ކަމަށް ޔޫސުފް ނައީމުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު މި މައްސަލައިގެ ހުލާސާ ބަޔާން އިއްވަވަމުން ޔޫސުފް ނައީމުގެ ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން ހަވާލާދޭ ގާނޫނުލް އުގޫބާތުގެ މާއްދާގައި ރަސްމީ ހައިސިއްޔަތުކަމަށް ބުނެފައިވަނީ، ދައުލަތުގެ ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުގެ ގޮތުގައި ކުރަންޖެހޭ ކަމެއް ކުރުމާއި ނުކުރުން ކަމަށާއި، ރަސްމީ ހައިސިއްޔަތުން ލިބިފައިވާ ބާރެއް، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް ބޭނުންކުރުން ކަމަށެވެ.
ގާނޫނުލް އުގޫބާތު އެކުލަވާލުމުގައި އިސްކޮށް އުޅުއްވި އެމެރިކާގެ ޕްރޮފެސާ ޕޯލް ރޮބިންސަނާއި ލޯ ޕްރޮޖެކްޓުގެ ރަސްމީ ކޮމެންޓްރީގެ ރިޕޯޓުގައި ވަނީ އެ މާއްދާގެ ދަށުން ދައުވާކުރުމަށްޓަކައި ރިޝްވަތު ނަގާ މީހާ ކުރާ ކަމަކީ އޭނާގެ ރަސްމީ ހައިސިއްޔަތުގެ އިމުގެ ތެރެއިިން ކުރާ ކަމެއްކަމުގައި ވާންވާނެކަމަށާއި އަދި އޭނާގެ ރަސްމީ ހައިސިއްޔަތުގެ އިމުން ބޭރުގައި ހިމެނޭ ކަމެއް ކުރަން ނަގާ ރިޝްވަތާ ގުޅިގެން އެ މާއްދާގެ ދަށުން ދައުވާނުކުރެވޭނެކަމަށް ފާހަގަކުރައްވާފައިވާކަމަށެވެ.
ގާނޫނީ ވަކިލު ހަމްޒާ ވިދާޅުވި ގޮތުގައި އެހެންކަމުން އެ މާއްދާގެ ދަށުން ދައުވާކުރެވޭނީ އެ ދައުވާ ރައްދުވާ ފަރާތުން ، ރިޝްވަތުގެ ބަދަލުގައި ކުރި ކަމަކީ އޭނާގެ ރަސްމީ ހައިސިއްޔަތުން ލިބިފައިވާ ބާރުގެ އިމުގެ ތެރެއިން ކުރި ކަމެއް ކަމުގައިވާނަމައެވެ. އަދި އެ އަމަލުކުރުމުގެ ބާރު ލިބިފައިނުވާނަމަ، އެ މާއްދާގެ ދަށުން ދައުވާއެއް ނުކުރެވޭނެ ކަމަށް ހަމްޒާ ވިދާޅުވިއެ.
މި މައްސަލާގައި ހަމްޒާ ފާހަގަކުރެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ދަފުތަރުގައި ވާ ރަށްތައް ކުއްޔަށް ދޫކޮށް އަދި އެމްއެމްޕީއާރުސީއަށް ކުއްޔަށް ދީފައިވާ ރަށެއްގެ ހައްގު އެހެން ފަރާތަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ނަމަވެސް މި ރަށްތައް ކުއްޔަށް ދޫކޮށް އެމްއެމްޕީއާރުސީގެ ދަށުގައިވާ ރަށްތަކުގެ ހައްގު ދޫކޮށްލުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާކަން ދައުލަތުން ސާބިތުކޮށްދީފައިނުވާކަމަށެވެ.
ފަތުރުވެރިކަމާއި ބެހޭ ގާނޫނުގެ ދަށުން ޓުއަރިޒަމްގެ ބޭނުމަށް ދޫކުރާނެސަރަހައްދުތައް ކަނޑައެޅުމުގެ ރަސްމީ ހައިސިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށާއި ނަމަވެސް އެތަންތަން ދޫކުރާނެ ފަރާތެއް ކަނޑައެޅުމަކީ ޓުއަރިޒަމް މިނިސްޓްރީން ކުރާ ކަމެއްކަން ދައުލަތުން ހުށަހެޅި ހެކިބަހުންނާއި ގާނޫނުން އެނގޭ ކަމަށްވެސް ހަމްޒާ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީއަކީ ކުންފުންޏަކަށްވެފައި، އެ ކުންފުންޏަކީ ދައުލަތުގެ ކުންފުންޏެއްކަމުގައިވާތީ އެ ކުންފުނި ޖަވާބުދާރީވާނީ ޕީސީބީއަށް ކަމަށާއި އަދި މިނިސްޓްރީ ހިންގާނީ ވަޒީރުންކަމަށާއި އަދި ވަޒީރުން އަމަލުކުރަންޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތަށްކަމުގައި ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށްވެސް ހަމްޒާ ވިދާޅުވިއެވެ.
މި މައްސަލާގައި ޔޫސުފް ނައީމުގެ ފަރާތުން ނަންގަވާފައިވާ ދިފާއަކީ ދިފާއަކަށްނުވާއިރު އެއްވެސް ކަމެއް ނަފީކުރެވޭނެ ހެކި ހުށަހަޅާފައިނުވާކަމަށް ހަމްޒާ ވިދާޅުވިއެވެ.
ހަމްޒާ ފާހަގަކުރެއްވި ގޮތުގައި މި މުއާމަލާތައް ރައީސް ޔާމީނު ބާރު ފޯރުވިކަމަށް ބުނާ ދެބޭފުޅުންކަމުގައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔާތުގެ ހެކިބަސް ބަލައިނުގަނެވޭނެ ދެ ބޭފުޅުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ. އަދި ވ.އާރަށް ރިސޯޓު ތަރައްގީކުރަން ކަނޑައެޅުމަށް ރައީސް ހުށަހެޅުއްވިކަން އެނގޭނެ ހެއްކެއް ނެތްއިރު، އެ ނިންމުން ނިންމި އީވައިސީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އަދީބުކަމުގައިވެސް ހަމްޒާ ވިދާޅުވިއެވެ. އަދި މި ނިންމި ނިންމުން ދެ ސިޓީއެއް ދައުލަތުން ހުށަހެޅިއިރު އެ ދެ ސިޓީގައިވެސްވަނީ އެ ނިންމުމަކީ އީވައިސީން ދިން ލަފައެއްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއްކަމަށާއި އަދި މި ނިންމެވުމަކީ ރައީސް ޔާމީން އެކަނި ނިންމެވި ނިންމެވުމެއްކަން ސާބިތުނުވާކަމަށް ހަމްޒާ ވިދާޅުވިއެވެ.
ރަސްމީ ހައިސިއްޔަތުން ބޭރުން ކަމެއް ކުރަން މީހަކަށް ފައިސާއެއް ދިން މައްސަލައެއްގައި ރިޝްވަތު ދިނުމުގެ ދައުވާ ނުއުފުލޭނެކަމަށް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ދެ މައްސަލައަކަށް ހަވާލާދެއްވައި، އެމެރިކާގެ ގާނޫނުގައިވެސް އޮތީ ހަމަ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އޮތް ގޮތައްކަމަށާއި އެ ނިންމުންތަކަކީ އެ ގާނޫނުލް އުގޫބާތުގެ މާއްދާ މާނަކުރުމުގައި ބުރަދަންހުރި މަސްދަރެއް ކަމަށެވެ.
ހަމްޒާ އިތުރަށް ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ ކިހިނެއް ހޯދި ހެކިތަކެއްކަމަށާއި އެގޮތުން ފޯނުތަކަކުން ހޯދި ޑާޓާއަކީ ކިހިނެއް ހޯދި ޑާޓާކަން އަދި އެ ޑާޓާ ފޯނުން ނެގިއިރު އެއަށް ބަދަލެއްގެނެސްފައި ނުވާނެކަމެއް ނޭންގޭތީ އެ ހެކި ބަލައިނުގަނެވޭނެކަން ފާހަގަކުރެއްވިއެވެ.