
ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ދިވެހި ސަރުކާރުން އަނެއްކާވެސް 10 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް ނަގައިފިއެވެ.
މިއީ ޓީ ބިލުގައި އިންވެސްޓްކޮށްގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ދޭ ލޯނެކެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ލޯނު ހަމަޖެއްސިކަމުގެ ލިޔުމާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި މާލީ ވަޒީރު އިބްރާހިމް އަމީރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މި ނެގުނު ލޯނަކީ އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އިންވެސްޓްމެންޓުގެ ސެކިއުރިޓީއެއް ކަމަށެވެ.
އިންޑިއާއިން މި ނެގުނު ލޯނާއި ބެހޭގޮތުން ޝާހިދު ވިދާޅުވީ އިންޑިއާއިން މިލޯނު ރާއްޖެއަށް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ބޭރު ގައުމުތަކުން ބަލައިގަންނަކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
މީގެ ކުރިންވެސް ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް ކަމަށް ބުނެ 100 މިލިއަން ޑޮލަރުގެ ލޯނު ވަނީ ސަރުކާރުން ނަގާފައެވެ. މިގޮތުން ދިވެހި ދައުލަތުގެ ދަރަނީގެ ތެރެއިން އެއް ގައުމަކުން ނެގި އެންމެ ބޮޑު ދަރަންޏެއް ނަގާފައިވަނީ އިންޑިއާއިން ކަން ފާހަގަކޮށްލެވެއެވެ. ވޭތުވެދިޔަ ހަތަރު އަހަރުގައި އިންޑިއާއިން ބޮޑެތި އަދަދުތަކެއްގެ ގޮތުގައި ލޯނު ނަގާފައިވާއިރު މި ދަރަނިތަކަކީ އިންޑިއާއިން ދޭ ބޮޑެތި އެހީތައްކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.