ކަމެއް ރަނގަޅުކުރުމުގެ ނިޔަތެއް އޮތްނަމަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑް ކޮށްފައި، ފައިސާ ޗާޕްކުރުމުގެ އިތުރަށް ޓެކްސް ބޮޑުކުރަން ހުށަނާޅާނެކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް ޓްވީޓާގައި މި މޭރުމުން މުހާތަބުކޮށް މުހައްމަދު ސައީދު ކުރެއްވި ޓުވީޓްގައި ވަނީ މިނިސްޓަރަ އަމީރު ބުރާސްފަތި ދުވަހު ދެއްވި ޕްރެސްގައި އައި ވާހަކައެއް ނެތްކަމަށާއި، ކުރިހާވެސް ކަމަކީ ޓޫރިޒަމް އޮކިއުޕެންސީގެ ފުރަގަހަށް ވަދެވަޑައިގެން ތަސައްވުރު އޮޅުވައިލެއްވުން ކަމަށް ވިދާޅުވެފައެވެ. އަދި މެދުރާސްތާ ޕްލޭނެއް ކަމަށް އަމީރު ވިދާޅުވަނީ 2023 ގެ ފަސްކަމަށާއި އެއީ ކަންކަމުން ރެކެން އެންމެ ފަސޭހައިން ދެއްކޭނެ ވާހަކަ ކަމަށް ވިދާޅުވެ ސައީދު ވަނީ އިންތިހާބު އޮތީ 2023 ގައި ކަން ފާހަގަކުރައްވާފައެވެ.
”ދިމާވެގެން އުޅޭއަސްލު މައްސަލައަކީ، ދަރަނީގެ މައްޗަށް ދަރަނި ފުނިފުންޏަށް ނަގައިގެން މަތިބަރު ސަރުކާރެއް އިންތިހާއަށް ޚަރަދުބޮޑުކޮށް ހަރަދަށް ޒިންމާނުވެ، ހިންގަން އުޅުން. ހާލަތާއި ނުބައްދަލު ރިކަރަންޓު ހަރަދުތައް އަތުނުޖެހި ސަރުކާރު ކުންފުނިތަކުގެ ޕޭރޯލް ސިޔާސީ ދަރަނި ހާއްޔަކަށް ހެދުން.“ ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ ކްރެޑިޓް ރޭންކިން ބަލަހައްޓާ ފިޗްގެ ރިޕޯޓުގައިވެސް ބުނަނީ ބޭރުން ނަގާ ދަރަނި ބޭނުންކުރަނީ އާމްދަނީ އިތުރު ކުރުމަށް ނޫންކަމަށާއި، އޭގެ ބަދަލުގައި ހިންގުމުގެ ހަރަދު ކުޑަ ކުރުމަށް ކަމަށާއި، އަދި ފައިސާ ދައްކަންޖެހޭ ހާލަތުގައި އެ ފައިސާ ދޭބަޔަކު ބުނިގޮތަކަށް ހަދަންޖެހޭނެ ކަމަށްވެސް ސައީދު ވިދާޅުވެފައިވެއެވެ.
1- ފ.މިނިސްޓަރގެ ޕްރެސްގައި އާވާހަކައެއްނެތް. ކުރިހާވެސްކަމަކީ ޓޫރިޒަމްއޮކިއުޕަންސީގެ ފުރަގަހަށްވަދެ ތަސައްވަރުއޮޅުވާލުން. މެދުރާސްތާގެޕްލޭންއެކޭވިދާޅުވަނީ 2023ގެފަސް.އެއީއެއްމެފަސޭހައިން ކަންކަމުންރެކެންބުނެވޭނެވާހަކަ.އިންތިހާބުއޮތީ 2023ގަ. pic.twitter.com/LZWU1e1UuE
— Mohamed Saeed (@em_saeed) October 13, 2022
ފިޗުން، ރާއްޖެ މުރާޖައާކޮށް ބުނެފައިވަނީ ޕަބްލިކް ސެކްޓަރ ޕޭ ހާރމޯނައިޒޭޝަން ޕޮލިސީއާއި، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބަށް ޓަކައި، ކެޕެކްސް އަދި ރެކްރޫޓްމަންޓް ހަރަދުތައް ބޮޑުވެގެންދާނެކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް ބަފަރސް ވަރަށް ބޮޑަށް ދަށަށް ގޮސްފިނަމަ، ބޭރުގެ ދަރަނި އަދާކުރުމާއި، ޑޮލަރުގެ ފައިސާ ބެލެހެއްޓުމަށް ސަރުކާރަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބުނެފައިވެއެވެ.
ފިޗުން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރު އާންމު ސަރުކާރުގެ ދަރަނި ޖީޑީޕީގެ 101.8 ޕަސެންޓަށް އަރާނެ އެވެ.