ޗައިނާ ސަރުކާރުން ބިނާކޮށްދެއްވި ފަތުހުﷲ ޖަމީލް ބިލްޑިންގ އަށް ރައީސް ސޯލިހުގެ ތައުރީފް
ފޮރިން މިނިސްޓަރީ ހިންގަމުން އަންނަ ޢިމާރާތް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، ފަތުހުﷲ ޖަމީލަށް ތަޚްސީސް ކޮށްދެއްވައިފިއެވެ. މިއިމާރާތް އަލްއުސްތާޒް ފަތުޙުﷲ ޖަމީލްއަށް ތަޚްސީސް ކޮށްދެއްވީ، އިއްޔެ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހެވެ.
މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، މިނިސްޓްރީ ތަކުގެ އިސްވެރިންގެ އިތުރުން ބޭރުގެ ބައެއް ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގަންނަވާފައި ވެއެވެ.
މިޢިމާރާތް ހުޅުއްވަވައިދެއްވުމަށް ފަހު ރައީސް ސޯލިހާއި، ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތް ޢިއްޒަތްތެރިންވަނީ ޢިމާރާތުގެ އެތެރެ ބަައްލަވާލައްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހްވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިން، އަދި ކުރިން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު، ޒަންގް ލިޒް ހޮންގް އަށް ޝުކުރު ދަންނަވާފައެވެ. އެއީ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން މިޢިމާރާތަކީ 2005 ވަނަ އަހަރު ޗައިނާ ސަރުކާރުން ބިނާކޮށްދެއްވި ޢިމާރާތަކަށް ވާތީއެވެ. އަދި 2019ވަނަ އަހަރު މިޢިމާރާތް މަރާމާތު ކުރެއްވީވެސް ޗައިނާއިން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަލްއުސްތާޒް ފަތުޙުﷲ ޖަމީލްއަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރާއި 4 މަސް ވަންދެން ކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީގެ ޢިމާރާތް އެމަނިކުފާނަށް ތަޚްސީސް ކުރެއްވީ އެމަނިކުފާނު ދިވެހި ސަރުކާރަށް ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.