ޚަބަރުސިޔާސީ

އައްޑޫގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް އިންޑިޔާގެ ސިވިލިއަން ޓީމެއް ރާއްޖެ އަތުވެއްޖެ

ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، އައްޑޫގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް އިންޑިޔާގެ ސިވިލިއަން ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

އިންޑިޔާއާ ރާއްޖޭގެ ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކުގައި ނިންމާފައި ވަނީ އިންޑިޔާ ސިފައިން މި އަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބާލާ ހުސްކުރުމަށެވެ. އަދި ރާއްޖޭގައި ތިބި 3 ޕްލެޓްފޯމުގެ ތެރެއިން އައްޑޫގައި ތިބި ސިފައިން މިއަންނަ މާޗް މަހުގެ 10ގެ ކުރިން ބޭލުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން އިންޑިޔާ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރި ވައިގެ އުޅަނދުތައް ބެލެހެއްޓުމަށް އިންޑިޔާގެ ސިވިލިއަން މީހުން ބޭތިއްބުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

 

އިންޑިޔާ ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓްކޮށް ބެލެހެއްޓުމަށް އަންނަ ސިވިލިއަން ޓީމް މިހާރު ރާއްޖެ އައިސްފައިވާ ކަމަށް  ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ. އަދި އިންޑިޔާގެ ސިވިލިއަން ޓީމް  އައްޑޫ ސިޓީއަށް ގޮސް ހޭންޑްއޯވަރ / ޓޭކްއޯވަރ ގެ ކަންކަން ފުރިހަމަކުރަން ފަށާނެ ކަމަށާއި ދެ ޤައުމުން އެއްބަސް ވެފައިވާ ތާރީޚުތަކުގައި އިންޑިޔާ ސިފައިން ރާއްޖެއިން ފައިބާނެކަމަށް ވެސް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިންޑިޔާ ސިފައިން ބޭލުމުގެ ޢަމަލީ މަސައްކަތްތައް ފެންނަން ފެށުމުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތަށް އިންޑިޔާއިން ޢަމަލު ކުރާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވާނީ އިންޑިޔާ ސިފައިން ބޭލުން ކަމުގައި ވަނީ  ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button