ޚަބަރު

ޝާކިރުބެގެ ޖަނާޒާގައި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންފި

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ގ.ސެފްރަން، އިބްރާހީމް ޝާކިރު (ޝާކިރުބެ) ގެ ޖަނާޒާ ދައުލަތުގެ އިއްޒަތްތެރިންނާއެކު ބާއްވައިފިއެވެ.

ޝާކިރުބެ އަވަހާރަވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސްޓްރޯކެއް ޖެހިގެން އޭޑީކޭ އަދި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ރޭ 21:30 އެހާކަންހާއިރެވެ.

މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި ބޭއްވި ޝާކިރުބެގެ ޖަނާޒާއަށް ދައުލަތަށް އެކި ދުވަސްވަރުގައި ހިދުމަތް ކުރެއްވި އަދި މިހާރުގެ އިއްޒަތްތެރިންނާއި އަސްކަރީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެގޮތުން ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފާއި، ކެބިނެޓުގައި އުޅުއްވި ބޭފުޅުންގެ އިތުރުން ދައުލަތާއި ސިފައިންގެއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އެކި ފަންތީގެ ބޭފުޅުން ވަނީ މި ޖަނާޒާގައި ބައިވެރިވެޑައިގެންފައެވެ.

އުމުރުފުޅުން 85 އަހަރުގައި އަވަހާރަވި ޝާކިރުބެގެ ކަށުނަމާދުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ޝާކިރުބެއަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ ބައްޕާފުޅެވެ. އަދި ޝާކިރުބެގެ ހިދުމަތް ދައުލަތަށާއި އާންމުންނަށް އެންމެ ފުރަތަމަ ލިބެން ފެށީވެސް ނަވާރަސަތޭކައުގެ ފަހުކޮޅުގައި އެމަނިކުފާނު ދިވެހި އަސްކަރިއްޔާގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވިދުވަސްވަރުގައެވެ. އޭގެ ފަހުން ޝާކިރުބެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ޓީވީ މޯލްޑިވްސްގައެވެ.

ފިލްމީ ދާއިރާގެ ތެރެއިން އާންމުންގެ މެދުގައި ދިރިއުޅުމުގެ އެކި ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް އެދުވަސްވަރު އުފެއްދި ޑްރާމާތަކުން ޝާކިރުބެ ވަނީ ޖުމްލަގޮތެއްގައި ރާއްޖޭގެ އެންމެންގެ ލޯބި ހޯއްދަވާފައެވެ.

އެ ދުވަސްވަރު ސްކްރީނަށް ގެނައި ކައްތިރި ޑްރާމާ ސީރީޒް ފަދަ އާންމުންނަށް ގިނަ މެސެޖުތަކެއް ލިބޭ އެތަކެއް އުފެއްދުންތަކުން ޝާކިރުބެ ވަނީ ފެނިގެންގޮސްފައެވެ.

މި ޖަނާޒާގައި ޝާކިރުބެގެ ދަރިކަލުން މޭޖަރ ޖެނެރަލް ޝިޔާމާއި ކާފަ ދަރިކަލުންނަށް ދައުލަތުގެ އިއްޒަތްތެރިންނާއި އާއިލާގެ އިތުރުން އެކުވެރިން ވަނީ ތައުޒިޔާ ދަންނަވައި ޝާކިރުބެގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button