ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ތާއީދު ވަކި ކެންޑިޑޭޓަކަށް އޮތް ކަމަށް ބުނެ ނަހުލާ އުފައްދަނީ ފިތުނަ: އިދިކޮޅު

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑެޑިޑޭޓް އަދި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމުގެ ތާއީދު ވަކި ކެންޑިޑޭޓަކަށް އޮތް ކަމަށް ބުނެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އުފައްދަނީ ފިތުނަ ކަމުގައި އެޕާޓީއިން ބުނެފިއެވެ.

ޕީޕީއެމުން މިއަދު ހަވީރު ނެރުނު ނޫސް ބަޔާނެއްގައި ބުނީ 2022 ނޮވެމްބަރ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން ގެންދާކަން ފާހަގަވެފައިވާ ކަމުގައެވެ. އެގޮތުން އެޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުންވެސް މި އިންތިޚާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއްވެސް ކުރަމުންދާކަމުގައި ޕީޕީއެމުން ބުންޏެވެ. އޭގެތެރޭގައި،

ޕީޕީއެމްގެ މެންބަރު ކަމުން ވަކިކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލޭ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރ ނަޙުލާ ޢަލީ މި އިންތިޚާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމާއި، އަދި ޕާޓީގެ ރައީސްގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރުމާއި، މީހުންނާ ބައްދަލުކުރުމާއި، އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާ ކަން އެޕާޓީއަށް ވަނީ ފާހަގަވެފައެވެ.

”އެހެންކަމުން ނަޙުލާ ޢަލީގެ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ނަޙުލާ ޢަލީ އަށް މިކޯލިޝަންގެ އެތެރޭގެ ކަންކަމާއި ބެހި ބަސް ބުނުމުގެ ޙައްޤު އެއްގޮތަށްވެސް ލިބިގެނެއް ނުވާނެއެވެ.“ ޕީޕީއެމުން ބުންޏެވެ.

ނަޙުލާ ޢަލީ އާއި އަދި އެކޯލިޝަނަށް ނިސްބަތްވާ ޕާޓީއެއްގެ މެންބަރަކަށް ނުވާ ފަރާތްތަކުން ވަކި ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތްކޮށް ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އެފަދައިން ބަޔަކު މަސައްކަތް ކުރިނަމަވެސް އެކަން ބަލައިނުގަތުމަށް އެކޯލިޝަންގެ ދެ ޕާޓީގެ މެންބަރުންނަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި ނަހުލާ އަލީ ގެންދަވަނީ ޕީޕީއެމްގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލަށް އަމާޒުކުރައްވައި ވަރަށް ހަޑި މުޑުދާރު އަދި ހުތުރު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެކަމަކު ރައީސް ޔާމީނާއި އެޕާޓީގެ އާންމު މެންބަރުންގެ ހިތްތަކުގައި މުހައްމަދަކީ ޕީޕީއެމްގެ ބޮޑު ތަކުރުފާނެވެ. އަދި އޭނާ އަކީ މިވަގުތާ ޖެހެންދެންވެސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން ހިމެނޭ މެންބަރެކެވެ.

މީގެ އިރުތުރުން މުހައްމަދަކީ ކުރިޔަށް އޮތް ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ވިލިމާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓެކެވެ. އޭނާ އާއި ދެކޮޅަށް ވާދަކުރައްވަނީ ގާނޫނީ ވަކީލު މުހައްމަދު ސަލީމް ނުވަތަ ރޭނިސް ސަލީމެވެ. ސަލީމަކީ ފައިސާ ބަހައިގެން ވޯޓު ގަންނަ ބޭފުޅެއްގެ ގޮތުގައި ވިލިމާލެ ބައެއް ރައްޔިތުން ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button