ރިޕޯޓް

ނޮވެމްބަރު 3 ގެ ހާދިސާ: ޣައްދާރުން ހަނދާން ކުރާތި!

މީގެ 34 އަހަރު ކުރިން އައި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ މިއަދާ ތަފާތު ދުވަހެކެވެ. އެއީ ނާމަންކަމާ ބިރުވެރިކަން ދިވެހިން ތަޖުރިބާކުރަން ޖެހުނު ކަޅު ދުވަހެކެވެ. ނަސްރުގެ ދުވަހުގެ ގޮތުގައި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ދިވެހިން ފާހަގަކުރަނީ ދުޝްމަނުންނާ ދެކޮޅަށް ދިވެހިން ހޯދި ކާމިޔާބީއާއި، ޝަހީދުވި 19 ދިވެހިންގެ ޒިކުރާ އައު ކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ހަނދާންތައް ފަނޑުވެ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުނީ އަވަށްޓެރި އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ކަމަށް ހަމައެކަނި ހަދައި، ދިވެހި ސިފައިންނަކީ ހާއްޔަށް ވަދެ، ބޮނދައި ތިބި ފިނދަނަތަކަކަށް ބަޔަކު މީހުން ހަދައިފިއެވެ. ނޮވެމްބަރު 3 ގެ ހާދިސާއާ ބެހޭ ގޮތުން 1993 ގައި ރައީސް އޮފީހުން ނެރުނު ފޮތާއި އެ ހާދިސާއާ ބެހޭ ގޮތުން 2016 ވަނަ އަހަރު އެމްއެންޑީއެފް އިން ނެރުނު ފޮތް ކިޔާލުމުން ދުވަހުގެ މަންޒަރު ކޮންމެ ފަރުދަކަށްވެސް ސިފަވެގެން ދާނެއެވެ. އެކަމަކު އެ ފޮތުގައި ނުލިޔާ އަދި ނުދައްކާ ކިތަންމެ ވާހަކަތަކެއް އެދުވަސް ތަޖުރިބާކުރި ދިރިތިބީންގެ ފަރާތުން މިއަދާ ހަމަޔަށްވެސް އަންނަނީ ދައްކަމުންނެވެ. ފެންނަން ހުރި މައުލޫމާތުތަކާއި ނުދައްކާ ވާހަކަތައް ގުޅުވާލައި ކަމުގެ ހަގީގަތް ތިލަ ކުރުމަކީ އަދުގެ ޖީލަށާއި އަންނާން އޮތް ޖީލަށް ބޭނުންތެރި ކަމެކެވެ.

ހާދިސާގެ ފެށުމާއި ފުރަތަމަ ހަމަލާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަފައިބެ ނުވަތަ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކު އަޑީގައި ހުރެގެން ބާޣީ އަބްދުﷲ ލުތުފީއާއި އަހުމަދު ނާސިރު ނުވަތަ މަޝްހޫރު ނަމުން ނަމަ، ސަގަރު ނާސިރު އިސްވެ ތިބެ ސްރީ ލަންކާގެ ޕީޕަލްސް ލޮބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ 80 ވަރަކަށް މާސިރަނީން، ނުވަތަ ކުލީ ސިފައިން ގޮވައިގެން މާލެ އަރައި ސިފައިންގެ މައި މަރުކަޒު ހިފަން ލަންކާގެ މުއްލިކުލަމުން ދަތުރު ފެށީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.

ސިއްކަ އަހުމަދު އިސްމާއިލް މަނިކު

5 ދުވަސް ކަނޑުމަތީގައި ހޭދަކުރުމަށްފަހު ދުޝްމަނުންގެ 3 ބޯޓުގެ ތެރެއިން 2 ބޯޓު މާލެއަށް ބަނދަރު ކުރީ ނޮވެމްބަރު 3 ވީ ބުރާސްފަތި ދުވަހުގެ ފަތިހުގައެވެ. މާލެ އަރަން އެމީހުން ވަނީ 870 ކިލޯ މީޓަރުގެ ރާސްތާއެއް ހުރަސްކޮށްފައެވެ. ތަމަޅައިން ދަތުރުކުރި 2 ބޯޓުގެ ތެރެއިން ޓީ-52 ބޯޓު މާލޭގެ ރަސްމީ ފާލަން ކަމަށްވާ އިއްޒުއްދީން ފާލަމަށް ލެފީ ފަތިހު ގާތްގަނޑަކަށް 4 ޖަހަން ކުޑަ ވަގުތުކޮޅެއް ވެފައި ވަނިކޮށެވެ. ބާޣީ ލުތުފީއާއި ދުޝްމަނުންގެ ކޮމާންޑަރު ވަސަންތީ ފޭބީ އެބޯޓުންނެވެ. ލުތުފީގެ ޓާގެޓަކީ އޭރުގެ ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމެވެ. ދެވަނަ ބޯޓު ސައުތު ވެސްޓް 37 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ނުވަތަ ކަސްޓަމްސް ސަރަހައްދަށް ލެފީ ގާތްގަނޑަކަށް 4:30 އެހާކަންހާއިރެވެ. ސަގަރު ނާސިރު ފޭބީ އެބޯޓުންނެވެ. ނާސިރުގެ ޓާގެޓަކީ ތީމުގެއެވެ. 3 ވަނަ ބޯޓަށް ވީގޮތެއް ނޭނގެއެވެ. އެ ބޯޓުގައި ތިބީ ކޮންބައެއް ކަމެއްވެސް ނޭނގެއެވެ. ފަހަރުގައި އެއީ ތަމަޅައިންގެ މިޝަން ކާމިޔާބު ވުމުން މާލެ އަރަން ތައްޔާރަށް ތިބި ބޮޑުން ކަމަށްވެސް ވުން އެކަށީގެންވެއެވެ. އިއްޒުއްދީން ފާލަމަށް ލެފި ބޯޓުން ފޭބި މީހުން މަޑު މަޑުން ޑަކް ވޯކް ނުވަތަ އަސްދޫނި ހިނގުމުގައި ގުދުވެގެން ސިއްރު ސިއްރުން ޖުމްހޫރީ މައިދާނާ ދިމާލަށް ދަނިކޮށް އޭގެ ތެރެއިން މީހެއްގެ އަތުގައި އޮތް ވަޒަނެއް ނުވަތަ އެހެން ކޮންމެވެސް އެއްޗެއް ގޮވިއެވެ. އެ އަޑު އިވުމާއެކު ބަންޑާރަ ކޮށީ ބޭރު ގޭޓުގައި ފޯރި މަރަން ތިބި ސިފައިން ސަމާލުވިއެވެ. ސިފައިންނަކީ ވަކި ތަމްރީނުތަކެއް ދީފައިވާ ބެއް ކަމުން ފަތިހުގެ ވަގުތެއްގައި އެފަދަ އަޑެއް އެ ސަރަހައްދުން އިވުމުން ހުށިއާރުވެގެން ތިބުމަކީ އެމީހުންގެ ތަބީއަތުގައި ހުންނާނެ ކަމެކެވެ. ހަމަ އެވަގުތު އެއީ ގޭޓު ބޭރުގައި ތިބި މީހުންގެ އަތުން ވީކަމެއް ތޯ އެތެރެއިން އޮޅުން ފިލުވިކަމަށް މަސްދަރުތައް ބުނެއެވެ. އަދި އޭގެ ޖަވާބުގައި ހުސެއިން އާދަމް ބުނީ އޭނާ އާއި އާދަމް މުހައްމަދު އަތުން އެކަހަލަ ކަމެއް ނުހިނގާ ކަމަށާއި އަތިރިމަތީގައި ”ސޯޓުލީ“ ގުރޫޕެއް އުޅޭކަމަށެވެ. ހުސެއިން އާދަމާއި އާދަމް މުހައްމަދު އެހާވެސް ހުށިއާރެވެ. އެދެމީހުން ދިޔައީ ބަރާބަރަށް ވާނުވާ ބަލައި ފޯރިމަރަމުންނެވެ. އެކަމަކު ދުޝްމަނުން ރާވާފައި އޮތީ ސަޕްރައިޒް އެޓޭކެއް ދިނުމަށެވެ. ގަޑިން 4:15 އެހާކަންހާއިރު އޭކޭ 47 ގެ ރައިފަލެއްގެ މަޒަލުން އޮޓޯ މޯޑުގައި ދޫކޮށްލި ވަޒަންތަކެއް ސިފައިންގެ މައި ގޭޓުގެ ފާރަށް އެރިއެވެ. އެ އަޑުފައްގަނޑު ނުކެނޑެނީސް ބޭރު ދެ ގޭޓުގައި ތިބި ޕްރައިވެޓް ހުސެއިން އާދަމާއި ޕްރައިވެޓް އާދަމް މުހައްމަދު ރައްދު ހަމަލާ ދޭން ފެށިއެވެ.

ޝަހީދު ހުސައިން އާދަމްގެ ބަޑި

ހުޅަނގު ފަރާތުގެ ސެނގަރު ތެރެއަށް ވަދެ ކަވަރު ނަގައިގެން ހުސެއިން އާދަމް ގެންދިޔައީ ދުޝްމަނުންނަށް އަހުވަ ދައްކަމުންނެވެ. ނަތީޖާއަކަށްވީ އެމީހުންނަށް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމެވެ. އޭރުގެ މޭޖަރ މުހައްމަދު ޒާހިރު ކުރިން މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި މިކަން ފާހަގަކުރެއްވިއެވެ.

”ބަޑި ހިފައިގެން ތިބި މީހުނަށް ހަމަލާ ދިނުމާއެކީގެ މިކޮޅުންވެސް ކައުންޓާ އެޓޭކް އަޅުގަނޑުމެން ވަގުތުން ދިނިން. އެހެން ވުމުގެ ސަބަބުން އެމީހުން ރާވާފައި އޮތް ގޮތަށް އެކަންކަން ނުވީ.“ ޒާހިރު ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަޑް) މުހައްމަދު ޒާހިރު

އެ ދުވަސްވަރުގައި ސިފައިންނަށް ދޭ ތަމްރީނަށް ބަލާފައި ހުސެއިން އާދަމްގެ ހިކުމަތު އަމަލީ ވަރަށްވެސް ފުރިހަމައެވެ. އޭނާ އަތުގައި އޮތީ އެންމެ 60 ވަޒަނެވެ. އެއީ ދެ މެގަޒިނެވެ. ސެނގަރު ހަދާފައި ހުރީ އަތްވާ ވާރެއިން ފޯރިމަރަން ހުންނަ މީހާ ނިވާ ވާގޮތަށެވެ. ޑޮޖްކޮށްގެން ނުވަތަ ދުޝްމަނުންދޭ ހަމަލައިން ރެކެވޭނެގޮތަކަށް ނޫނެވެ. ނަމަވެސް ބިރު ކުޑަ ހުސެއިން އާދަމް ނިންމީ އެތަނުގައި މަޑުކޮށްގެން ހުރެ ވަޒަނަކަށް ވަޒަނެއް ޖަހާށެވެ. އާދަމް މުހައްމަދުގެ ވާހަކަތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ ފުރަތަމަ މެގަޒިން ހުސެއިން އާދަމް ބޭނުންކޮށްފައި ހުރީ އޮޓޯ މޯޑުގައެވެ. އެކަމަކު ދެވަނަ މެގަޒިން ލެއްވުމަށްފަހު އޭނާ ގެންދިޔައީ މެނުއަލްކޮށް ހަމަލާ އަންނަ ދިމާލަށް އަމާޒުކޮށް ބަޑި ޖަހަމުންނެވެ. އަދި ދުޝްމަނުން ވާ ވެއްދުމަށް އެކި ދިމަ ދިމާލަށް ވަޒަން ޖެހިކަމަށް ވެއެވެ. އެކަމުގެ ސަބަބުން ދުޝްމަނުންނަށް ހީވީ އެކި ޕޮޒިޝަންތަކުގައި ސިފައިން ތިބި ކަމަށެވެ. އެމީހުންނަށް ފުރާނަ ސަލަމާތްކުރަން އެހިސާބުން މަޖުބޫރު ވިއެވެ. އެވަގުތު ބަނޑޭރިގޭ ގޭޓުގައި އިންނެވީ ޑިއުޓީ އިންޗާޖު ސްޓާފް ސާޖެންޓު އަހުމަދު ރިޒާއެވެ. ރިޒާ މީގެ ކުރިން މީޑިއާކަށް ދެއްވި އިންޓަވިއުއެއްގައި އެވަގުތު ކަންކަން ހިނގައިދިޔަ ގޮތް ހިއްސާ ކުރައްވާފައިވެއެވެ.

”އަޅުގަނޑަށް އިވުނީ ޓަސްލާފަ ވަޒަނެއްގެ އަޑު. އަޑު އިވުމާއެކު ހުސައިން އާދަމް ބުނީ ރިޒާއޭ ބަޑި ތަޅަނީއޭ. އެހިސާބުން އެއޮތީ ފެށިފަ. އަޅުގަނޑުވެސް ހަމަ ސިހުމެއް ދިޔައީ އަޅުގަނޑުގެ ކަންފަތާ ކައިރިން ގޮސް ވަޒަނެއް އިންނާނެ މިހާރު ދޮރު އިންތާ ކައިރީގަ އިންނާނެ ކުޑަ ދޮރެއް. އެ ދޮރު ކައިރީގަ އިންނާނެ އެ ވަޒަން އަރާފަ. އޭރު ހެސްކިޔާފަ ދެކޮޅުން ހަނގުރާމަ ފެށިއްޖެ. ހުސައިން އާދަމް ބުނީ ތިމަންނާ އަތުން ވަޒަން ހުސްވެއްޖެއޭ. ދެން ތިމަންނަ މަރުވަނީއޭ.“ ރިޒާ ވިދާޅުވިއެވެ.

ސްޓާފް ސާޖެންޓު އަހުމަދު ރިޒާ

ހުސެއިން އާދަމްގެ އެންމެ ފަހު ނޭވާއާ ހަމަޔަށް އޭނާ ގެންދިޔައީ ދުޝްމަނުންނާ ހަނގުރާމަ ކުރަމުންނެވެ. ފުރާނަ ސަލާމަތް ކުރުމަށް އެތެރެއިން ސަރުދާރު ރިޒާ އޯޑަރު ދިނުމުންވެސް ހުސެއިން އާދަމް ބުނީ އިތުރު މެގަޒިން ދިނުމަށެވެ. އަދި ބޭރުގައި އިން އާދަމް މުހައްމަދު އަތުގައި އޮތް މެގަޒިން ދިނުމަށް ފަހު ނައްޓާލުމަށްވެސް ހުސެއިން އާދަމް ބުންޏެވެ. ހުސެއިން އާދަމް ބުނާކަހަލައެވެ. އޭނާގެ ފުރާނަ ހުރިހާ ހިނދަކު ސިފައިންގެ ތެރެއަށް ދުޝްމަނުންނަށް ވަންނާކަށް ކުޅަދާނައެއް ނޫނެވެ.

ޝަހީދު ހުސައިން އާދަމް

އޭނާގެ ރައްދު ހަމަލާގެ ސަބަބުން ދުޝްމަނުންނަށް ސިހުން ލިބި އެމީހުންގެ މަސައްކަތަށް ލަސްކަމެއް އައިސް ބަނޑޭރިގޭ ތެރެއިން ސިފައިންނަށް ތައްޔާރުވުމަށް ފުރުސަތު ލިބުނެވެ. އެކަމަކު އެއީ ގާތްގަނޑަކަށް 10 ވަރަކަށް މިނިޓެވެ. އަދި ބަޑިގުދަނުގެ ތަޅުދަނޑި ސިފައިންގެ ތެރޭގައި ނެތުމަކީވެސް ދިމާވި ގޮންޖެހުމެކެވެ.

ތަމަޅައިންގެ ހަމަލާ ރޭވި ގޮތް

ދުޝްމަނުން ހަމަލާ ދިންގޮތަށް ބަލާއިރު ޓީ 52 ބޯޓް ރަސްމީ ފާލަމަށް ލެފުމަށްފަހު ދުޝްމަނުންގެ ލައިންތައް ރުކުރުވާލީ ތަމަޅައިންގެ ލަޝްކަރުގެ ކޮމާންޑަރު ވަސަންތީއެވެ. އެއީ މި ސަރަހައްދުގައި އޭރު އުފެދުނު އެންމެ ނުރައްކާތެރި ޓެރަރިސްޓެވެ. ފުރަތަމަ ހަމަލާދިނީ ސިލްވަސަންކަރުގެ ގްރޫޕެވެ. އެ ގްރޫޕް ގޮސް ފާށަނާ ބިލްޑިން ކަންމަތީގައި ތިބެ ސިފައިންގެ މައިގޭޓަށް ހަމަލާ ދޭން ފެށިއެވެ. ހުސެއިން އާދަމާއި އާދަމް މުހައްމަދު ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީ އެ ގްރޫޕް ސިއްސުވާލިއެވެ. ވަސަންތީގެ ގްރޫޕް ބޮޑުތަކުރުފާނު މަގުން ގޮސް ކަނީރު ހިނގުމަށް އަޅައިގެން ގޮސް ތައްޔާރުވީ ޕޮލިސް ހެޑްކުއާޓާޒް އަށް ހަމަލާ ދިނުމަށެވެ. ވަސަންތީގެ ފަހަތުގައި ހުރީ ޖޫލީއެވެ. ރައީސް އޮފީހުގެ ހުޅަނގު ކަންމަތީގައި ފޯރިއަށް ހުރި ޕްރައިވެޓް އަބްދު ޒުހެއިރު ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލީ ވަސަންތީއާއި ޖޫލީއެވެ. މެރިން ޑްރައިވްގެ އުތުރުން ހުޅަނގަށް ޑިއުޓީ ނިންމާފައި ސިފައިންގެއަށް ބައިސްކަލުގައި ވަނުމަށް އައި ޕްރައިވެޓް މުހައްމަދު އިބްރާހީމަށްވެސް ހަމަލާދިނެވެ. އޭނާގެ ދެ އަތް ދަނޑިއަށް ވަޒަން އެރުމުން ކަނީރު ހިނގުމުގެ ތެރެއަށް ބައިސްކަލް ދޫކޮށްލުމަށްފަހު އަމީރު އަހުމަދު މަގަށް ދުވެފައި ގޮސް ދުޝްމަނުންގެ ކިބައިން ސަލާމަތްކަން ހޯދިއެވެ. ރޮބަޓް ވެސް ހުރީ ވަސަންތީއާ އެއްކޮށްނެވެ. ތިންވަނަ ގްރޫޕް ލީޑު ކުރީ ސިވަމް އެވެ. އެމީހުން މަސައްކަތް ކުރީ ބަންޑާރަ ކޮށީ ހުޅަނގު ދެކުނު ކަން ގޮއްވާލައިގެން އެތެރެއަށް ވަނުމަށެވެ. ދުޝްމަނުންގެ ތެރޭގައި ހުރި އެންމެ ވަރުގަދަ އެކްސްޕޮލްސިވް އެކްސްޕާޓު ކަމަށްވާ އައްޕި އޭރު ދިޔައީ ސިފައިންގެ ފާރު ގޮއްވާލުމަށް ތައްޔާރުވަމުންނެވެ. ޖޫލީ މަރުވީ ޕޮލިސް ހެޑްކުއަޓަރޒްގެ މަތިން ދިން ހަމަލާއެއްގައެވެ. އޭރު ދެފަރާތުން ދިޔައީ ވަރުގަދަޔަށް ހަމަލާ ދެމުންނެވެ. ވަސަންތީ ޕޮލިސް ހެޑްކުއަޓަރޒްގެ ތިރީ ފާރުގެ ނިވަލުގައި އޮއްވާ އޭނާ މަރުވީ ސިފައިންގެ މައި ގޭޓުގައި ހުސެއިން އާދަމާ އެއްކޮށް ފޯރި މަރަން ހުރި އާދަމް މުހައްމަދުގެ ހަމާލާއެއްގައި ކަމަށް ތާރީހުގައި ލިޔެވިފައި ވެއެވެ.

ތަމަޅައިންގެ ކޮމާންޑަރު ވަސަންތީ މަރުވުމުން އެމީހުންގެ ކޮމާންޑު ގެއްލުނު

އާދަމް މުހައްމަދަށް އޭނާ ފެނުނީ އިތުރު މެގަޒިން ހޯދުމަށް ޕޮލިސް ހެޑް ކުއަޓަރޒްގެ ތެރެއަށް ވަންނަން ދުވެފައި ދިޔަ މަގުމަތީގައެވެ. އޭނާގެ ގަޔަށް ވެސް އުންޑަ އެރިއެވެ. އައްޕި ސިފައިންގެ ފާރު ގޮއްވާލުމާއެކު އެތެރެއިން ފުލުފުލުގަ ދިން ހަމަލާއެއްގައި އޭނާގެ ގަޔަށް އުންޑަ އަރައިގެން މަރުވީއެވެ.

 

ވަސަންތީ އާއި އައްޕި މަރުވުމުން ދުޝްމަނުންގެ ކޮމާންޑު ގެއްލި ނުރައްކާތެރި ގޮއްވުންތައް ގޮއްވާލުމުގެ ދޮރު އެމީހުންނަށް ބަންދުވެގެން ދިޔައެވެ. އެހިސާބުން ތަމަޅައިންގެ ލައިންތައް އޮތީ އޮންނާނެ ގޮތަކަށެވެ.

ރައީސް މައުމޫން ރަހީނު ކުރަން އުޅުނު ޕްލޭން ވީ ފެއިލް

ބަޑީގެ އަޑުފައްގަނޑަށް އޭރު މުޅި މާލެ ހޭލައިފިއެވެ. ތަމަޅައިންގެ ހަނގުރާމަވެރިން މުޅި މާލެ ތެރެއަށް ބައި ބަހައިގެން ފެތުރިގަތެވެ. ކަސްޓަމްސް ކައިރިއަށް ފޭބި ސަގަރު ނާސިރު ތަމަޅައިން ގޮވައިގެން ދިޔައީ ތީމުގެއަށް ހަމަލާދީ އެމީހުންގެ ބާރުގެ ދަށަށް ރިޔާސީ ގަނޑުވަރު ގެންނާށެވެ. އެމީހުންނަށް އެނގިފައި އޮތް ގޮތުގައި ރައީސް މައުމޫން ވާނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެވެ. އެކަމަކު އެމީހުން ދިޔުމުގެ ކުރިން ބަޑީގެ އަޑުފައްގަނޑާ ހެދި ރައީސް މައުމޫނަށް ހޭފުޅުލެވިއްޖެއެވެ. އަދި ރައީސް މައުމޫންގެ ދެކަނބަލުންނާއި ދަރިކަލުން ޣައްސާނާއި، އަރިސް މުވައްޒިފެއް ކަމަށްވާ އާދަމް ނައީމްގެ އިތުރުން ސައުދިއްޔާ ކިޔާ ތީމުގޭ މުވައްޒަފަކު ގޮވައިގެން ވަޑައިގެންނެވީ ގުލިސްތާނުގެއަށެވެ. އެގެޔަށް ވަންނަން ޖެހުނީ އާދަމް ނައީމްގެ ގެ ކަމަށްވާ ހުދުއަސުރުމާގޭގައި ތަޅުލާފައި ހުރުމުންނެވެ. ތަމަޅައިންގެ ބަޔަކު ގޮވައިގެން ބާޣީ ލުތުފީ ދިޔައީ އިލްޔާސް އިބްރާހީމްގެ ގެކޮޅަށް ގޮސް އޭނާ ހައްޔަރު ކުރާށެވެ. އެކަމަކު އިލްޔާސް އަތުވާގޮތެއް ނުވިއެވެ. ދެން އޭނާ ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ހަމީދު އަތުލައިގަންނާށެވެ. ލުތުފީ މީނާޒަށް ގޮސް އެ ގެއަށް ބަޑި ޖަހައި ”ހަމީދު ނުކުންނާށޭ‘ ގޮވައި ހަޅޭއް ފަޅޭއް ޖެހިއެވެ. ދޮރާށްޓަށް ބަޑި ޖަހައި ހަލާކު ކޮށްލައިގެން އެތެރެއަށް ވަނުމަށްފަހު ގޭގެ މައި ދޮރަށްވެސް ބަޑި ޖެހިއެވެ. އޭރު ހަމީދާއި އޭނާގެ އާއިލާގެ ބޭފުޅުން ގޭގައި ތިއްބެވިއެވެ. އެކަމަކު ލުތުފީއަށް ގޭތެރެއަށް ވަދެވޭގޮތެއް ނުވިއެވެ. އޭގެ ފަހުން އޭނާ ދިޔައީ ސްޓެލްކޯއަށެވެ. އެތަނަށް ގޮސް އިންޖީނުތައް ނިއްވުވާފައި ދެން ދިޔައީ ޕޯސްޓަލް ބިލްޑިންގަށެވެ. އެތަނަށް ގޮސް ދޮރު ހަލާކުކޮށްލަން ތަމަޅައިން ލައްވައި ބަޑި ޖެއްސުވިއެވެ. އެކަމަކު ދޮރު ހަލާކުވާ ގޮތެއް ނުވިއެވެ. އެތަނަށް ވަންނަން ދިމާކުރީ ފޯނުގެ ހިދުމަތާއި ރޭޑިއޯގެ ހިދުމަތް ހުއްޓުވުމަށެވެ. އެކަމެއްވެސް ނުވިއެވެ.

ބަޑި ގުދަނުގެ ތަޅުދަނޑި – ހަމަލާތައް ވަރުގަދަ ކުރަން ލިބުނު ފުރުސަތު

ކޯޕްރަލްގެ މަގާމުގައި އޭރު ހުންނެވި އިބްރާހީމް މުހައްމަދު ދީދީއަށް ގޯހެއް އުޅޭކަން ޔަގީން ވުމުން ސިފައިންގެއަށް ފޯނުން ގުޅަން ކުރެއްވި މަސައްކަތުން ގުޅުއްވުނީ އޭރު ސިފައިންގެ އެންމެ މަތީ އެއް އޮފިސަރ މުހައްމަދު ޒާހިރާ އެވެ. ޒާހިރު އެދިވަޑައިގަތީ ގުލިސްތާނުގެއަށް ގޮސް ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެންދެރިމާގޭ ކައިރީގައި ފޯރި މަރަންހުރި ސިފައިންގެ މީހެއްގެ ބަޑިއާއި ދެ މަގަޒިން ހިފައިގެން ދީދީ ވަޑައިގެންނެވީ ގުލިސްތާނު ގެއަށެވެ. ފަތިހު 5:35 އެހާކަށްހާއިރު ގުލިސްތާނުގެއަށް މުހައްމަދު ޒާހިރު ގުޅުއްވާފައި ދީދީއަށް މެސެޖެއް ދެއްވިއެވެ. ޒާހިރު ވިދާޅުވީ ސިފައިންގެއިން ވަޒަން ހުސްވަނީ ކަމަށާއި އިލްޔާސް އަތްޕުޅުގައި އޮތް ބަޑި ގުދަނުގެ ތަޅުދަނޑި ކޮންމެވެސް ގޮތަކުން ބަންޑާރަ ކޮށްޓަށް އެތެރެ ކޮށްދިނުމަށެވެ. ތަމަޅައިން މަގުމަތީގައި ރައްޓެއްސެއްގެ ގެޔަށް ވަދެ ވަޑައިގެން އެމްއީއެސްގެ ޔުނީފޯމެއް ދީދީ ތުރުކުރެއްވިއެވެ. އެމްއީއެސްގެ ޔުނިފޯމް ފެނުމުން ތަމަޅައިން އަޅައެއް ނުލިއެވެ. ކިނިބިގަސްދޮށުގޭ ކައިރީގައި ތިބި ތަމަޅައިން ފުރަގަސްދިން ވަގުތު އެގޭ ފާރުމަތިން އަރައި އެތެރެއަށް ފުންމާލިއެވެ. ކުޑަ ނެވި ތުއްތު މަނިކު ޝަހީދުކޮށްލާފައި އޮތީ އެގޭ ގޯތި ތެރޭގައެވެ.

ކޯޕްރަލްގެ މަގާމުގައި އޭރު ހުންނެވި އިބްރާހީމް މުހައްމަދު ދީދީ

އެގޭތެރޭގައި ދެން ތިބި ސިފައިންގެ 2 މީހުން ތިބީ ބަނދެފައެވެ. އެކަމަކު އިލްޔާސްގެ އަނބިކަނބަލުން ގޭގައި ހުންނެވިއެވެ. އަދި އާމަރީ ތަޅުދަނޑި ދެއްވަން އެދިވަޑައިގަތުމުން އާމާލް އެ ތަޅުދަނޑިފަތި ހޯއްދަވާފައި ދެއްވިއެވެ. މާޖެހިގެޔަށް ވަދެ ވަޑައިގެން ކަޅު ޓީޝާޓަކާއި ސޯޓެއް ތުރުކުރެއްވުމަށްފަހު ދީދީ މިސްރާބު ޖެހީ އެސްޖެހިގެއާ ދިމާލަށެވެ. އެކަމަކު ސީދާ މަގުން އެގެޔާ ހިސާބަށް މިސްރާބު ޖެހުމުގެ ނުރައްކާ ބޮޑުވުމުން ޝެއިހް މުހައްމަދު ރަޝީދު އިބްރާހީމްގެ ގެކޮޅަށް ވަންނަވައި އެގޭ ފުރާޅުމަތިން ކެތީ ރޯސްގެ ފުރާޅުމައްޗަށް ފުންމާލެއްވިއެވެ. ކެތީރޯސްގެ ކުރިމައްޗަށް ހުންނާނީ ދަރުމަވަންތަ މިސްކިތެވެ. މިސްކިތުގެ ތާނގީތައް ހުރި ތަނުގެ ތެރެއަށް ފުންމާލެއްވުމަށްފަހު އެސްޖެހިގެއާ އިންވެގެން ހުރި ފާރަށް އެރުން ވީ ބޮޑު ވޭނަކަށެވެ. އެއީ އެ ފާރު ތަންކޮޅެއް އުސްވުމާއި ފެންތާނގީތަކާއި ފާރާއި ދޭތެރޭގެ ޖާގަ ހަނިވުމެވެ. އެކި ފަހަރު މަތިން ކުރެވުނު މަސައްކަތްތުން ފާރުމައްޗަށް އަރުއްވާ އެސްޖެހިގޭ ތެރެއަށް ފުންމާލެއްވީއެވެ. އަދި މަގުމައްޗަށް ނިކުމެ ތަޅުދަނޑިފަތި ސިފައިންގެ ތެރެއަށް އެއްލުމުގެ ކުރިން އެސްޖެހިގޭ ފޯނުން ސިފައިންގެއަށް ގުޅުއްވާފައި ތަޅުދަނޑި އެއްލާ ޕޮޒިޝަން ޒާހިރަށް ދެންނެވިއެވެ. އޭރު ސިފައިންގެ އަތުގައި އޮތީ ގާތްގަނޑަކަށް 7 ވަރަކަށް މެގަޒިނެވެ. މެގަޒިނެއްގައި 30 ވަޒަން ހުރިއްޔާ އެއީ 210 ވަޒަނެވެ.

ބޭރުގެ އެހީއަށް އެދުން

ކުޑަ ވަގުތުކޮޅަކަށް ފަހު ސިފައިންގެ ހަމަލާތަކުން މުޅި ސަރަހައްދު ގުގުމާލިއެވެ. ދުޝްމަނުން ސިއްސުވާލީއެވެ. ކޮންމެއަކަސް ގުލިސްތާނުގޭގައި ހުންނަވައިގެން ރައީސް މައުމޫން ނިންމެވީ ބޭރުގެ އެހީ ހޯއްދެވުމަށެވެ. އެމަނިކުފާނު އިންޑިއާގެ ބޮޑު ވަޒީރު ރަޖީވް ގާނދީއާއި ގުޅުއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކައި އޭރުގެ ހާރިޖީ ވަޒީރު ފަތުހު ޖަމީލާއި ހަވާލު ކުރެއްވިކަމަށް ދެކެވިފައިވާ ވާހަކަތަކުގެ އަސްލު ހަގީގަތަކީ އެއީއެއް ނޫނެވެ. އެކަން އެނގެނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު އެމްއެންޑީއެފުން ނެރުނު ނޮވެމްބަރު ތިނެއް ފޮތުގެ މަސައްކަތް ކުރެއްވި ދިރާސާ ޓީމުގެ ކެޕްޓަން އަބްދު އަލީ ސާޖެންޓް މޭޖަރ އަބްދު ސައީދުގެ ދިރާސާތަކުންނެވެ. ރައީސް މައުމޫނާއި ރަޖީވް ގާނދީއާއި ގުޅޭގޮތް ނުވެ އެމަނިކުފާނު ފަތުހު ޖަމީލަށް ގުޅުއްވީ ރަޖީވްގެ ނަންބަރު އެނގިވަޑައި ނުގަންނަވާތީއެވެ. ބާކީ ބައި ކުރިޔަށް ގެންދެވީ ފަތުހު އެވެ. ފަތުހު އެކަން ހަވާލު ކުރެއްވީ އިބްރާހީމް ހުސެއިން ޒަކީއާއެވެ. ޒަކީ ވެގެންދިޔައީ ރަޖީވް ގާންދީއާއި ރައީސް މައުމޫނާ ދެމެދު މައުލޫމާތު ބަދަލު ކުރުމުގެ މެދުވެރިއަކަށެވެ. އޭރު އިރު އަރައިފިއެވެ. އެމެރިކާގެ އެހީތެރިކަން ހޯދުމަށް ރައީސް މައުމޫން ގުޅުއްވީ އެގައުމުގެ ކޮންސިއުލާ އެޖެންޓަކަށް އޭރު ހުންނެވި މިދުހަތު ހިލްމީއަށެވެ. އަދި ލަންކާގައި ހުންނަވާ އެމެރިކާ ސަފީރު މިސްޓަރ ސްޕެއިނަށް ގުޅުއްވާ އެހީތެރިކަން ބޭނުންވާ ވާކަމުގެ މެސެޖު ފޯރުކޮށްދިނުމަށް މައުމޫން މިދުހަތަށް އެންގެވިއެވެ.

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އާގްރާގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ 44 ވަނަ ސްކޯޑްރަންގެ ސިފައިންނަށް ކޮންޓްރޯލް ރޫމުން އޯޑަރު އައީ ތިން ގަޑިއިރުގެ ތެރޭގައި ތިން މަތިންދާބޯޓު ތައްޔާރީ ހާލަތަށް ގެނައުމަށެވެ. އެއީ ހެނދުނު 7:15 އެހާކަން ހާއިރެވެ.

ތަމަޅައިންނަށް ކުރިޔަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން ބާޣީ ލުތުފީއާއި ސަގަރު ނާސިރާއި ގުޅިގެން ބަޔަކު ރަހީނުކޮށްގެން އެމީހުންގެ އެއް ބަޔަކު ތިބީ ޖުމްހޫރީ މައިދާނުގައެވެ. އެވަގުތު ސިފައިންގެ ތެރެއިން މުހައްމަދު ޒާހިރު ގެންދެވީ ރޭވެވުމެއް ރާއްވަވަމުންނެވެ. ހެނދުނު 08:30 އެހާކަންހާއިރު ހަމަލާތަކަށް މަޑުޖެހުމެއް އައުމުން ސިފައިންގެ ތެރެއިން ދުޝްމަނުންގެ ހަބަރުތައް ހޯދުމަށް ޓްރެކްޓަރެއްގެ ބޭނުން ހިފައި ތާށިވެފައިވާ ސިފައިންގެ ގޭޓު ދުއްވާލުމަށް މަސައްކަތް ފެށިއެވެ. ޓްރެކްޓަރު ފެނުމާއެކު ބާޣީން އަނެއްކާވެސް ހަމަލާތައް ދޭން ފެށިއެވެ. ޕްރިޒަންސް ޑިވިޝަންގެ ފަހަތުން ސިފައިންގެއަށް އާރުޕީޖީ އިން ހަމަލާ ދިނުމުގެ ސަބަބުން ބައެއް ސިފައިން ޒަހަމްވިއެވެ. ޓަސްލާފައި ބަނޑޭރިގޭ މަތިން ދުޝްމަނުންނާ ދިމާލާ ”ސްޕްރޭ“ ކޮށްލިއެވެ. ގަޑިން 9 ޖަހަން އުޅެނިކޮށް ސިފައިންގެ ބޭރަށް ޕެޓްރޯލް ކުރަން ރެކީ ޓީމެއް ރުކުރުވާލުމުގެ މަސައްކަތް ފެށުނެވެ. އެކަމަށް އިސް ނެގި ރެކީ ޓީމުގެ 10 މީހުންގެ އިސް ކޮމާންޑަރަކަށް ހުންނެވީ އޭރުގެ ލެފްޓިނެންޓް ރޭންކުގައި ހުންނެވި މޫސާ އަލީ ޖަލީލެވެ. ރެކީ ޓީމަށް އިރުޝާދު ދެއްވީ މުހައްމަދު ޒާހިރެވެ. އެއީ ވަތަނުގެ ދިފާއުގައި ފުރާނަ ދުއްވާލަން ފަސްޖެހުމެއް ނެތި ނިކުތް 10 ބޭކަލުންނެވެ.

ރެކީ ޓީމްގެ އާދަޔާ ހިލާފް އޮޕަރޭޝަން

ރެކީ ޓީމްގެ ސޯލްޖަރުންނަކީ މޫސާ އަލީ ޖަލީލް، ލާންސް ކޯޕްރަލް އާދަމް ނަސީރު، ޕްރައިވެޓް މުހައްމަދު އިބްރާހީމް، ޕްރައިވެޓް މުހައްމަދު ހަސަން، ޕްރައިވެޓް އަބްދުﷲ މުފީދު، ލާންސް ކޯޕްރަލް ފުއްކަފަ ދޮންތުއްތު، ޕްރައިވެޓް އިބްރާހީމް ޝަރީފް، ޕްރައިވެޓް އަބްދުﷲ ނަސީމް، ޕްރައިވެޓް ހުސެއިން މަނިކު އަދި ޕްރައިވެޓް މުހައްމަދު އަލީއެވެ. މުހައްމަދު އަލީއަކީ ޝަހީދު ހުސެއިން އާދަމްގެ ހަށިކޮޅު ނަގައި ބަޑި އަންލޯޑު ކުރެއްވި ބޭފުޅާއެވެ. ބޭރަށް ނިކުތް ގަދަ ސިފައިންގެ ގަދަ 10 އަމީރު އަހުމަދު މަގުން ނިކުމެގެން މިސްރާބު ޖެހީ ހުރަވީ ބިލްޑިންގެ ހުޅަނގު އުތުރު ކަންމައްޗަށެވެ.

އޭރު ކަނީރު މަގާ ދިމާލުން މެރިން ޑްރައިވްގަ ތިބި ދުޝްމަނުންނަށް ސިފައިން ހުރަސްކުރާ ތަން ފެނުމުން ބަޑިޖަހަން ފެށިއެވެ. އެ ހަމަލާތަކުގެ ސަބަބުން 3 ސިފައިން ޝަހީދުވިއެވެ. ހުރަސް ކުރެވުނީ ކުރީގައި ތިބި ދެ ސިފައިންނަށެވެ. 5 ވަނަ މީހާ އަމީރު އަހުމަދު މަގުން އިރަށް ނުގޮސް ބަނޑޭރިގޭ ހިނގުމުން ދެކުނަށް އަޅައި ދުވެގޮސް ހުކުރު މިސްކިތުގެ ހުޅަނގު އުތުރު ކަންމަތިން ފުންމާލީ މިސްކިތުގެ ގޯތި ތެރެއަށެވެ. ޕްރައިވެޓް އިބްރާހީމް ޝަރީފާއި ލާންސް ކޯޕްރަލް ފުއްކަފަ ދޮން ތުއްތު ބަނޑޭރިގޭ އިރު އުތުރު ކަންމަތީ ބަނޑުޖަހައިގެން ތިބެ ދުޝްމަނުންނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިއެވެ. އެވަގުތު ވަޒަން އަރައިގެން ވެއްޓުނު ސިފައިންގެ 3 ބޭކަލެއް ޝަހީދުވިއެވެ. ރެކީ ޓީމުން ބައިގަޑިއެއްހާއިރު ބޭރުގައި އުޅުމަށްފަހު ސިފައިންގެއަށް އަނބުރާ ވަންނަން މަސައްކަތް ފެށިއެވެ. އެންމެން ގޮސް ޕޮލިސް ހެޑް ކުއަރޓަޒް ގޭޓުން ވަނެވެ.

މިކަމުގެ ސަބަބުން ދިވެހި ސިފައިންނަކީ ކެރޭ ބައެއްކަން ދުޝްމަނުންނަށް އެނގުނެވެ. އަދި ސިފައިންގެ ތެރޭގައި ރޭވިގެން ހަމަލާތަކެއް ދީފާނެކަމުގެ ބިރު އެމީހުންގެ ހިތްތަކަށް ވެރިވިއެވެ. އަދި ސިފައިންގޭ ތެރެއަށް ވަންނަ ކަމެއް ނުވަތަ ނުވަންނަ ކަމެއްވެސް ދުޝްމަނުންނަކަށް ނޭނގުނެވެ. އެމީހުން ދެން ވިސްނަން ފެށީ ކަމުގެ އެންމެ ނުބައި ގޮތަށެވެ. ނިކުތީ ކިތައް ސިފައިންކަމެއް، ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގުނީއެވެ. އެތެރޭގައި ތިބި ސިފައިންނަށްވެސް ލިބުނީ އިތުރު ހިތްވަރެކެވެ. ދުޝްމަނުން ވާނުވާއަށް ގޮސް ޗާންދަނީ މަގާ އަމީރު އަހުމަދު ގުޅުނު ކަންމަތީ ޑިއުޓީ ފްރީ ފިހާރަތައް ކައިރީގައި ތިންފައި ލީ މެޝިން ބަޑިއެއް ބަހައްޓައިގެން ސިފައިންގެއަށް ހަމަލާދޭން ދުޝްމަނުން ފެށިއެވެ. ހަމަލާ ދޭން ފެށުމާއެކު ސިފައިންގެއިން ރައްދުގައި އިހުނަށްވުރެ ވަރުގަދަޔަށް ހަމަލާ ދޭން ފެށުނު. މިހަމަލާތަކަށް ނުކަތައިގެން ހަމަލާތައް ރާވަން ދުޝްމަނުންނަށް ވީ ބޮޑު ގޮންޖެހުމަކަށެވެ. އަދި އެމީހުންގެ ކޮމާންޑަރު ނެތުމުގެ ސަބަބުން ސަފުތަކުގެ ތަރުތީބު ގެއްލި، ހަމަލާތައް ދޭންވީ ވަގުތުތަކާއި ތަންތަން އޮޅި މުޅި މިޝަން ފެއިލްވާ އަތަށް އެޅީއެވެ.

އޮޕަރޭޝަން ކެކްޓަސް

އާގްރާގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ 44 ވަނަ ސްކޯޑްރަންގެ ސިފައިންނަށް ކޮންޓްރޯލް ރޫމުން އެދުވަހުގެ 7:15 ގައި އައި އޯޑަރާ އެއްގޮތަށް ހެނދުނު 10 ޖަހަންވާއިރަށް ތިން މަތިންދާބޯޓު ތައްޔާރީ ހާލަތަށް ގެނައެވެ. އޭރު ބާޣީން ކުރަން އުޅުނު އެއްވެސް ކަމެއް ކާމިޔާބު ނުވެ އެމީހުން އޮތީ މާލެ ތެރެއަށް ވިއްސި ވިހާލިވެފައެވެ. އެމީހުންގެ ސަލަމާތްތެރިކަން އެމީހުން ހޯދައިގެން ތިބީ ދިވެހިންގެ ބަޔަކު ރަހީނު ކޮށްގެނެވެ. ސިފައިން ކޮންމެއަކަސް ހެނދުނު 11 ޖެހިތަނާ އިންޑިއާގެ ސްކޯޑްރަންގެ ޕައިލެޓުންނަށް 3 ވަނަ އޯޑަރު އައެވެ. އެ އޯޑަރަކީ 1 ގަޑިއިރުގެ ތެރޭގައި ރާއްޖެ ފުރުމަށް ތައްޔާރު ވުމެވެ.

ސްކޯޑްރަންގެ ބޯޓުތައް ތައްޔާރުކުރި އިރު، އާގްރާގައި ގާއިމްވެ އޮތް 50 ވަނަ އިންޑިޕެންޑެންޓް ޕެރަޝޫޓް ބްރިގޭޑް ނުވަތަ ވައި ކުޑައިން ފޭބުމަށްފަހު އަސްކަރީ ހަމަލާ ދިނުމަށް ތަމްރީނު ކޮށްފައިވާ ސިފައިން ތިބީ ތައްޔާރަށެވެ. އަދި އިންޑިއާ އަސްކަރިއްޔާގެ ބްރިގޭޑިއާ ފާރޫގް ބަލްސަރާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ލަޝްކަރުގެ ސިފައިން އެއްތަން ކުރުމަށެވެ. އެމީހުން ދިޔައީ ރާއްޖޭގެ ހާލަތު ދެނެގަތުމުގެ ގޮތުން ހޯދަންޖެހޭ މައުލޫމާތުތައްވެސް ހޯދަމުންނެވެ. އެ އޮޕަރޭޝަނަށް ކިޔުނީ އޮޕަރޭޝަން ކެކްޓަސް އެވެ.

ދިވެހި ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީއަށް އެދުނުތާ 5 ގަޑިއިރު ވީއިރުވެސް އިންޑިއާ ސިފައިންނަށް ފުރޭގޮތެއް ނުވިއެވެ. އެމީހުން އެދުނީ މާލޭގެ ހާލަތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދިނުމަށެވެ. އެކަމަކު ޓެރަރިސްޓުންގެ އަތުގައި މަތިންދާ ބޯޓަށް ހަމަލަދޭ ބަޒޫކާ އަދި އެނޫންވެސް ޒާތުގެ މިސައިލް ހުރެދާނެ ކަމުގެ މައުލޫމާތު އެމީހުންނަށް އޮތީ އޭރުވެސް ލިބިފައެވެ. އެހެން ކަމުން ރާއްޖޭގެ މިނިވަންކަން އޮތުމާއި ނެތުމާއި މެދު އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރޭގައި ދިވެހިން ތިއްބާ އެމީހުން އިތުރަށް ބޭނުންވަނީ ކޮން މައުލޫމާތެއް ކަމެއް ނޭނެގެއެވެ. މެންދުރުން އަނބުރާ 2 ޖަހާ ބޮޑުވިއިރު ހަ ވަނަ ބެޓޭލިއަން ޕެރެޝޫޓް ރެޖިމެންޓްގެ ސިފައިންނާއި އާގްރާ އެއާފޯސް ސްޓޭޝަނުގެ 17 ވަނަ ޕެރެޝޫޓް ފީލްޑް ރެޖިމެންޓްގެ ސިފައިން ތިބީ ސްކޮށްރަންގެ ރަންވޭ ކައިރިއަށް ޖަމާވެއެވެ.

ހަމަ އެވަގުތުގައި ލަންކާގައި ހުންނަވާ އެމެރިކާ ސަފީރު މިސްޓަރ ސްޕެއިންގެ ޖަވާބު ރައީސް މައުމޫނަށް ލިބިވަޑައިތެވެ. ސްޕެއިން ވިދާޅުވީ އެމެރިކާއަށް ގަބޫލު ކުރެވޭގޮތުގައި އެންމެ ފަސޭހައިން އެހީތެރިވެވޭނީ އިންޑިއާއަށް ކަމަށެވެ. އެންމެ ފަސޭހައިން ރާއްޖެއަށް ދެވޭނީ އިންޑިއާ ސިފައިންނަށް ކަމަށާއި، އެމެރިކާ އޮންނާނީ އިންޑިއާއިން ބޭނުންވެއްޖެ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭ ގޮތަށްކަމަށްވެސް އޭނާ މައުމޫނަށް ދެންނެވިއެވެ. އެމެރިކާއިން ދިން ޔަގީން ކަމަކީ އިރު އޮއްސޭއިރު އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭނެ ކަމުގެ ޔަގީންކަމެވެ. އެކަމަކު ކަންކަން ހިނގީ އެގޮތަކަށް ނޫނެވެ.

މެންދުރު ފަހު 3:30 ވާން އުޅެނިކޮށް އިންޑިއާ ސިފައިންގެ ކޮމާންޑަރުންގެ މެދުގައި މަޝްވަރާ ކުރީ ހުޅުލޭ ރަންވޭއަށް ބޯޓު ޖައްސާނީތޯ، ނުވަތަ ވައި ކުޑައިގައި ސިފައިން މާލެ އަށް ނުވަތަ ހުޅުލެއަށް ފައިބާނީތޯ، ވައި ކުޑައިގައި ފޭބޭ ވަރުގެ ބޮޑު ބިމެއް އޮވެދާނެތޯ، މާލެ އަރައިގެން އުޅެނީ ކޮން ގައުމެއްގެ ބައެއްތޯ ކުރެވުނު މަޝްވަރާތަކެވެ. ތަފާތު އެކި ވާހަކަތައް ދައްކަމުންގޮސް ކޮމާންޑަރުންނަށް އެއްބަސް ވެވުނީ ހުޅުލެއަށް ބޯޓު ޖެއްސުމަށެވެ. އޭރު ތަމަޅައިން ހުޅުލޭގައި ތިބިކަމެއް ނުވަތަ ނެތްކަމެއް ރާއްޖޭގެ ސިފައިންނަށްވެސް އަދި އިންޑިއާ ސިފައިންނަށްވެސް ނޭނގެއެވެ. ހުޅުލެއަށް ބޯޓު ޖެއްސުމާއެކު އެކި ތަންތަނަށް ސިފައިން ބެހިގަންނާނެ ގޮތުގެ ރިހާސަލެއް ކާނަލް ޖޯޝީ ވަނީ އާގްރާ އެއަރޕޯޓުގައި ބާއްވާފައެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހަން ކައިރިވެފައިވަނިކޮށް ފުރަން ތައްޔާރުވެފައި އޮތް ކޮންމެ މަތިންދާ ބޯޓަކަށް 60 ޓަނުގެ ތެޔޮ އެޅިއެވެ. ހަތިޔާރާއި އެހެނިހެން ސާމާނުވެސް ބަރުކުރިއެވެ. އާގްރާ އިން ފުރައިގެން ސްކޯޑްރަން 55 ގެ ތިން ބޯޓު ރާއްޖެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އެންމެ ފަހުގެ މަޝްވަރާތައް ގެންދިޔައީ ފްލައިޓް ނަންބަރު ކޭ 2878 ގެ ތެރޭގަ އެވެ. ބޯޓުތައް ދަތުރުކުރަމުން ދިޔައީ ހައިދަރް އާބާދާއި ބޯޕާލްއާ ދެމެދުންނެވެ.

ތަމަޅައިން ފަހަތަށް ޖެހި ފިލަން ރޭވުން

ދުވަހުގެ އިރު އޮއްސިގެން ދިޔައިރު ދިވެހި ސިފައިން އެންމެ ތަންފުކެއްވެސް ދުލެއް ނުދިނެވެ. ބާޣީންގެ ހިތްވަރު އެލި، ވަސަންތީއާއި ޖޫލީ މަރުވިކަން އެމީހުންނަށް އެނގި، ނާސިރު ހެނދުނު ދަޅައިގައި ބާޒާރުމަތީ ފިހާރައެއްގެ ސޭޓަކަށް ބަޑި ދައްކައިގެން ތަމަޅައިންނަށް ދިން ދަޅާއި ބިސްކޯދާއި، އަހުމަދީ ބާޒާރުގައި ހުންނަ ޑޯން ކެފޭއަށް ގޮސް ތަމަޅައިންނަށް ގެނެސްދިން ރިހަ ބާލިދީއަކާއި ރޮށިންވެސް އެމީހުން ނުގުޑާ ވަރަށް ލުތުފީ ދެކެ ރުޅިއައިސްގެން ރުޅި ބޭލުމުގެ ސަބަބުން ނާކާމިޔާބު ވެއްޖެކަން ލުތުފީއަށް ގަބޫލު ކުރެވުނެވެ. އެހިސާބުން ފިލުމުގެ މަސައްކަތް ދުޝްމަނުން ފެށިއެވެ. ލުތުފީއާއި ތަމަޅައިން ފަޅުތެރެއިން ދޯންޏެއް ފޭރިގަނެގެން ގޮސް އެރީ ބަނދަރުގައި އޮތް ބޮޑު އާގު ބޯޓެއް ކަމަށްވާ ޕްރޮގްރެސް ލައިޓަށެވެ.

މއ.ބޯގަންވިލާ އިސްމާއީލް ނަސީރު

އެއީ މޯލްޑިވްސް ޝިޕް މެނޭޖްމެންޓް ލިމިޓެޑްގެ ބޯޓެކެވެ. އެކަމަކު ބޯޓަށް އެރުމުގެ ކުރިން ލުތުފީ އޮތީ ހައްޔަރު ކުރަންޖެހޭ މީހުންގެ ލިސްޓެއް ނާސިރަށް ފޮނުވާފައެވެ. ނާސިރަށް އަތުލައިގަނެވުނީ ލިސްޓުގައި ތިބި މީހުންގެ ތެރެއިން އެންމެ ދެމީހެކެވެ. އެއީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު މުޖުތަބާއާއި މއ.ބޯގަންވިލާ އިސްމާއީލް ނަސީރެވެ. މުޖުތަބާ ގެނައި އިރު އެމަނިކުފާނުގެ އަނބިކަނބަލުން އުރުސުލާވެސް ގެނައެވެ.

އިންޑިއާ ސިފައިން އައިއިރު ކަންވެ ނިމިއްޖެ

ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9 ޖަހަން ކައިރިވެފައި ވަނިކޮށް ސްކޯޑްރަންގެ ބޯޓުތަކުން ހުޅުލޭ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ މުއާމަލާތް ކުރިއެވެ. އެ މުއާމަލާތްތައް ހިންގަމުން ދިޔައީ ހާއްސަ ކޯޑެއް ބޭނުންކޮށްގެންނެވެ. ރޭވިފައި އޮތީ ތިން ބޯޓުގެ ތެރެއިން އެންމެ ކުރީގައި އޮތް ބޯޓު ނުޖައްސައި ހުޅުލޭ މަތިން އުދުހިފައި ދިއުމަށެވެ. ރަންވޭއަށް ޖައްސާނީ ދެ ވަނަ ބޯޓާއި ތިން ވަނަ ބޯޓެވެ. އެ ދެ ބޯޓުން ރަންވޭއަށް އެޕްރޯޗު ކުރާއިރު ގޮވާނީ ”ފްރެންޑްލީ ވަން“ އާއި ”ފްރެންޑްލީ ޓޫ“ ގެ ނަމުންނެވެ. ޕާސްވޯޑަކީ ”ހަދިޔާ“ އެވެ. އެއަރޕޯޓާއި 25 ކިލޯމީޓަރަށް ކައިރިވުމުން، ރަންވޭގެ ބޮކިތައް ދިއްލައިދިނުމަށް އެދުމުން ރަންވޭގެ ބޮކިތައް ދިއްލައިލުމަށް ފަހު އެންމެ 10 ސިކުންތު ތެރޭގައި ނިވައިލިއެވެ. ބޯޓުތައް ރަންވޭއާ ބަރާބަރަށް ސީދާ ކޮށްލަން ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. ބޯޓުތައް ތިރިކުރަމުން އައީ ރޭގަނޑުގެ ކަނު އަނދިރީގައެވެ. ކާނަލް ޖޯޝީ ހުރީ ހުޅުލެއަށް ޖައްސަން އައި ފުރަތަމަ ބޯޓުގައެވެ. 200 މީޓަރަށް ބޯޓު ތިރިކޮށް ރަންވޭ ދިއްލައިދިނުމަށް ބޯޓުން އެދުމުން ރަންވޭ ވަގުތުން ދިއްލުމާއެކު ބޯޓު ރަންވޭއަށް ތިރިކުރިއެވެ. އަދި ބޯޓުގެ ފުރޮޅު ރަންވޭގަ ޖެހުމާއެކު ރަންވޭ ނިވައިލިއެވެ. މިކަމުގައިވެސް ދިވެހިންގެ ހިކުމަތު އަމަލީ ފެނިގެންދިޔައެވެ. ފަސް ބޯޓުގައި ޖުމްލަ 400 ސިފައިން އެ ރެޔާއި އަނެއް ދުވަހު ހުޅުލެއަށް އައެވެ. އާގްރާއިން ފުރައިގެން 3000 ކިލޯ މީޓަރުގެ ދިގު ރާސްތާއެއް ކަޑައްތު ކޮށް ނުވަތަ 3 ގަޑިއިރާ 44 މިނިޓުގެ ދަތުރަކަށްފަހު ކާނަލް ޖޯޝީ ހުރި ބޯޓު ރަންވޭއަށް ޖެއްސީ ރާއްޖެ ގަޑިން 09:20 އެހާކަން ހާއިރެވެ. އޭރު ދުޝްމަނުން ހަނގުރާމާ ދޫކޮށް ފިލުމަށް ތައްޔާރު ވަނީއެވެ. އޭރު އިންޑިއާ ސިފައިން ނިންމާފައި އޮތީ ޖެހިގެން އަންނަ ދުވަހު ހެނދުނު ހެލިކޮޕްޓަރުތައް އައުމުން މާލެ ދިއުމަށެވެ. އެކަމާ ދެކޮޅު ހެއްދެވީ މޭޖާ މުހައްމަދު ޒާހިރެވެ. އެހިސާބުން އިންޑިއާ ސިފައިންނަށް ޖެހުނީ އެރޭ މާލެ އެރުމަށް ތައްޔާރުވާށެވެ.

ލުތުފީގެ އޯޑަރަށް ނާސިރު އަތުލައިގަތް ދެ ބޭފުޅުންނާއެކު ރަހީނުންގެ ގޮތުގައި ޖުމްލަ 14 މީހަކު ޕްރޮގްރެސް ލައިޓަށް އެރުވިއެވެ. ފަހަރަކު ބަޔަކު އަރަމުން ގޮސް އެންމެ ފަހުގެ ގުރޫޕު ބޯޓަށް އެރީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ 10 ޖެހި އިރެވެ. ވަގުތުން ދަތުރުގެ އެންމެ ފަހުގެ ތައްޔާރީތަށް ދުޝްމަނުން ވާން ފެށިއެވެ.

ފިލައިގެންދިޔަ މީހުން އަތުލައިގަންނަން ހިންގި އޮޕަރޭޝަން

ގަޑިން 11 ޖަހަން އުޅެނިކޮށް އިންޑިއާ ސިފައިން މާލެ ދާން ހުޅުލެ އިން ފުރިއެވެ. އެމީހުން މާލެ އައުން ލަސްވެގެން ސިފައިންގެ މައި މަރުކަޒުން ހުޅުލޭ ޓަވަރަށް އެންގިއެވެ. އަދި ހަމަ އެވަގުތު އިންޑިއާ ސިފައިން ކޮބައިތޯ ބެލުމަށް ސްޓާފް ސާޖެންޓް ޝާމް އާއި އިންޑިއާގެ ބްރިގޭޑިއާ ފާރޫގްގެ އިތުރުން އެގައުމުގެ ސިފައިންގެ އިތުރު ބަޔަކާ އެކު ހުޅުލޭ ފާލަން މައްޗަށް ދިޔައެވެ. މާލެ ދާން ފުރި އިންޑިއާ ސިފައިން ފެންނާކަށް ނެތެވެ. އެކަމަކު މާލެ އާއި ފުނަދުއާ ދެމެދުން ގާދޫކޮލާ ދިމާލަށް ދަތުރުކުރާ އާގުބޯޓެއް ފެނުނެވެ. އެއީ ކޮން ބޯޓެއްތޯ ފާރޫގް ވަގުތުން ސުވާލު ކުރިއެވެ. އަދި ހުޅުލޭ ޓަވަރު މެދުވެރިކޮށް ސިފައިންގެ މައި މަރުކަޒާ ގުޅުމުން އެނގުނީ އެއީ، ޓެރަރިސްޓުން ފިލައިގެންދާ ބޯޓެއް ކަމެވެ. އެ ބޯޓު ހުއްޓުވައިދިނުމަށް އެދިވަޑައިގަތީ މޭޖާ ޒާހިރެވެ. ހަމަ އެވަގުތު އިންޑިއާ ސިފައިންގެ މީހެއްގެ އަތުގައި އޮތް ކާލް ގުސްތާފް ރިކޮއިލެސް ރައިފަލެއް އަތުލައި 3 ހަމަލާ ބްރިގޭޑިއާ ފާރޫގް އެ ބޯޓަށް ފޮނުވައިލި އެވެ. ބޯޓު މަޑު ނުކުރުމުން ޖިޕަށް އަރައިގެން ޝާމް އާއި ފާރޫގް ދިޔައީ ހުޅުލޭގެ ދެކުނު ކޮޅަށެވެ. އެ ދެމީހުން ގޮސް އާދައިގެ ރައިފަލުންނާއި ބަރު ހަތިޔާރުން ވެސް ބޯޓަށް ހަމަލާ ދިނެވެ. އެވަރުންވެސް ބޯޓު ގާދޫކޮލުން ފަރިކޮށް ނިކުމެގެން ދިޔައީއެވެ. ޕްރޮގްރެސް ލައިޓަށް އެރުމަށްފަހު ދެބަޔަކަށް ޑިއުޓީ ބަހައި އެއްބަޔަކު ނިދީއެވެ. އެމީހުން ހޭލީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހެނދުނެވެ. އެ ދުވަހު އިންޑިއާގެ މަނަވަރެއް ކަމަށްވާ ގޯދާވަރީ ޕްރޮގްރެސް ލައިޓް ފެންނަ ހިސާބުން ދަތުރު ކުރަމުންދިޔަކަން ރަހީނެއްގެ ފަރާތުން ވަނީ ކަށަވަރުވެފައެވެ. 4 ވަނަ ދުވަހުގެ ރޭ ދިވެހި ސަރުކާރުން ގޯދާވަރީއަށް ސިފައިންގެ ތެރެއިން 4 ބޭކަލަކު ފޮނުވަން ނިންމިއެވެ. އެއީ މޭޖާ ޖެނެރަލް އާދަމް ޒާހިރާއި، ކެޕްޓަން މުހައްމަދު ނައީމާއި. ކޯޕްރަލް ފަރުހަތު ޝަހީރުގެ އިތުރުން ސްޓާފް ސާޖެންޓް އަހުމަދު ރާޝިދެވެ. އެބޭކަލުން ފޮނުވަން ނިންމީ ދިވެހިން ސަލަމާތް ކުރުމަށްޓަކައި ދުޝްމަނުންނާއި މަޝްވަރާ ކުރުމަށެވެ. އެމީހުން ގޯދާވަރީއަށް ދިޔައީ 4 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއްގައި ކޮލޮމްބޯގައި ޖެއްސުމަށްފަހު އިންޑިއާ އަސްކަރީ ހެލިކޮޕްޓަރެއްގައެވެ. އެ ހަތަރު ބޭފުޅުންވެސް އިރު އެރިއިރު ތިއްބެވީ ގޯދާވަރީގައެވެ. 5 ވަނަ ދުވަހާ 6 ވަނަ ދުވަހު އެކި ގޮތްގޮތުން ދުޝްމަނުންނާ ހުރަސް އަޅައި ވާހަކަދައްކައި ކުރިއެރުމެއް ނުލިބުނެވެ. އެހިސާބުން ޕްރޮގްރެސް ލައިޓަށް ހަމަލާ ދިނެވެ.

ޕްރޮގްރެސް ލައިޓަށް ހަމަލާ ދެނީ

މިކަމުގެ މައްޗަށް އަލިއަޅުއްވައި އޭރުގެ ލެފްޓިނެންޓް ކާނަލް އާދަމް ޒާހިރު މީގެ އަހަރުތަކެއް ކުރިން މީޑިއާއަކަށް ވަނީ އިންޓަވިއުއެއް ދެއްވާފައެވެ.

”އެމީހުން ދާން އޮތް ގޮތަކަށް ދާނެ ކަމަށް އަޅުގަނޑުމެނަށް އެނގުނީ. ކުރިޔަށް ދިޔުމުން އަޅުގަނޑުމެނަށް މަޖުބޫރުވީ އިންޒާރު ކުރަން އަޅުގަނޑުމެން އެމީހުނާ ދޭތެރޭގަ ބާރުގެ ބޭނުން ކުރަން ޖެހިދާނެކަން. އެހެންވީމަ އެންމެ ރަނގަޅުވާނީ ސުލްހައިގަ ކުރިޔަށް ދާން. އެމީހުން އެއްވެސް ގޮތެއް ހިޔާރެއް ނުކުރި. ދެން އޭގަ ރަހީނުން ތިބިކަން ބަލައިގެން އިންޒާރު ދިނުމަށްފަހު ފިޔަވަޅު އެޅީ.“ އާދަމް ޒާހިރު ވިދާޅުވިއެވެ. 

އެ ހަމަލާގައި ދުޝްމަނުންގެ އިތުރުން ރަހީނުކޮށްފައި ތިބި 3 މީހަކުވެސް ޝަހީދުވިއެވެ. ހަނގުރާމަވެރިން އަމާންދިނީވެސް 6 ވަނަ ދުވަހުގެ ހެނދުނުގައެވެ. ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހެލިކޮޕްޓަރުގައި ޓްރިވެންޑްރަމަށް ފޮނުވާލުމަށް ފަހު ދެން ތިބި ދިވެހިންނާއި ދުޝްމަނުން ގޮވައިގެން 7 ވަނަ ދުވަހުގެ ފަތިހު މާލެއަށް އެނބުރި އައުމަށް ގޯދާވަރީ މިސްރާބުޖެހީ ޕްރޮގްރެސް ލައިޓް ކަނޑު ފައްތާފައެވެ. މަނަވަރު މާލެއަށް ލެފީ 8 ވަނަ ދުވަހު އިރު އޮއްސެން ކައިރިވެފައި ވަނިކޮށެވެ. އޮޕަރޭޝަން ކެކްޓަސް ވެގެންދިޔައީ ރަހީނުކޮށްގެން ގެންދިޔަ ދިވެހިން އަނބުރާ ގެނައުމަށް ހިންގުނު ރެސްކިއު މިޝަނެއްގެ ގޮތުގައެވެ. އިންޑިއާ ސިފައިން ރާއްޖެ އައުމުގެ ކުރިން ދިވެހި ސިފައިންގެ ލަޝްކަރު އޮތީ ދުޝަމަނުން ތަޅާ ރޯނާކޮށް ބޭރުކޮށްލާފައެވެ.

ރައީސް މައުމޫން އިތުރު ބޭފުޅުންނާއެކު

އޮޕަރޭޝަން ކެކްޓަސްގައި އިންޑިއާގެ 1600 ސިފައިން ބައިވެރިވިއެވެ. އެ އަދަދު 800 އަށް ތިރި ކުރުމަށްފަހު ހުރިހާ ސިފައިން އެނބުރި އިންޑިއާއަށް ދިޔައީ 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. އެއީ އެއް އަހަރުގެ މުއްދަތެވެ. އިންޑިއާ ސިފައިން ރާއްޖޭގައި އެހާ ދިގު މުއްދަތަކަށް ތިބި ތިބުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ބަހުސްކުރެވިފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ރައީސް މައުމޫން ވިދާޅުވާގޮތުންނަމަ އެއީ ސަރުކާރުން ”ބޭނުންވި“ ގޮތެވެ.

ބަޑި ބުރާސްފައްޗަށްފަހު އައީ އީދެއް

ބާޣީން އަތުލައިގަނެގެން މާލެ ގެނައި ދުވަސް ވީ ދިވެހިންނަށް ބޮޑު ދުވަހަކަށެވެ. ލުތުފީއާއި ނާސިރުގެ އިތުރުން 5 ދިވެހިން އަޑީގައި ތިބެގެން 19 ދިވެހިން ޝަހީދު ކޮށްލުމަކީ ކުޑަކަމެއް ނޫނެވެ. އެމީހުންގެ އިތުރުން 68 ތަމަޅައިންގެ މައްޗަށް ރާއްޖޭގައި ޝަރީއަތް ހިންގިއެވެ. 4 ދިވެއްސަކާއި 12 ތަމަޅައިންގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، ތަމަޅައިންގެ ތެރެއިން 33 މީހަކު ރާއްޖޭގެ 33 ރަށަކަށް އަރުވައިވެސް ލިއެވެ. ދެން ތިބި މީހުން ލީ ޖަލަށެވެ.

ނޮވްމަބަރު 3 ގެ ހާދިސާ އާއި ގުޅިގެން 1989 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ރައީސް މައުމޫން ވަނީ މި ހަމަލާ ކުރިން ދޭން އުޅޭކަމުގެ މައުލޫމާތު ލިބިވަޑަގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

”ހަތިޔާރު އެޅި ބަޔަކު މާލެ އައިސް ހަމަލާ ދޭން އުޅޭ ވާހަކަ އެނގިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އޮތީ ފިޔަވަޅު އަޅާފަ. އިލްޔާސް އަރިހުގައި މީހަކު ދެންނެވީ ލުތުފީ ކިޔާ މީހަކު ލަންކާގައި މިކަހަލަ ކަމެއް އެބަ ހިންގައޭ. އެ ހިސާބުން ސިފައިންގެ މެއިން ޕޮއިންޓްތައް ވަރުގަދަކޮށް، ބޭރު ގޭޓާ ދިމާވާގޮތަށް އިތުރު މެޝިން ބަޑި ބެހެއްޓުމާ، ބަނޑޭރިގޭ ގޭޓް ދުވާލުވެސް ބަންދުކޮށްފައި ބެހެއްޓުން. ކުރިން ހަތިޔާރު ހިފައިގެން ނޫޅޭ ތަންތަނުގައި ހަތިޔާރާއެކު ފޯރި މެރުމާއި ލައިވް ވަޒަން ބޭނުން ކުރާ ގޮތަށް ހަމަޖެއްސުން ހިމެނޭ. އަޅުގަނޑަށްވެސް އެނގިގެން އެކަން ހިނގަމުން ދިޔައީ.“ ރައީސް މައުމޫން ވިދާޅުވިއެވެ. 

ރައީސް މައުމޫން މިހެން ވިދާޅުވުމުން މިއަދާ ހަމަޔަށް އައިރު އެމަނިކުފާނާއި މި ސުވާލު އެކި ނަޒަރިއްޔާތުގެ މައްޗަށް ބިނާކޮށްގެން ނޫސްވެރިން ވަނީ ކޮށްފައެވެ. މައުމޫން ވިދާޅުވާގޮތުގައި އޭރު އިންޓެލް ލިބިފައި އޮތީ ޖުލައި 26 ގެ ކުރިން ހަމަލާއެއް ދޭން އުޅޭ ކަމެވެ. އެހެން ނަމަވެސް ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަސްވެސް ފަހަނައަޅާ ގޮސް ކުއްލިއަކަށް ދިން ސަޕްރައިޒް ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމަނިކުފާނު ވަނީ އެކިފަހަރު މަތިން ވިދާޅުވެފައެވެ. ދެން އިވުނު އެންމެ އާދަޔާ ހިލާފް އެއް ވާހަކައަކީ ނޮވެމްބަރު 3 ގެ ހަމަލާ އައުމުގެ ކުރިން އިންޑިއާގެ ޖާސޫސުންތަކެއް ރާއްޖޭގައި ހަރަކާތްތެރިވި ވާހަކައެވެ. މިކަން ފެށިގެން އައި ގޮތް ތިލަކޮށްލާނަމެވެ.

އިންޑިއާގެ ޖާސޫސުންނާ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއާއި ގުޅޭގޮތް

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ރޭވުމުގައި ބާޣީ ލުތުފީ ލަންކާގައި އުޅުނު ދުވަސްވަރަކީ އެގައުމުގެ ސަރުކާރާއި ތަމަޅައިންނާ ދެމެދު ވަރުގަދަ އަހުލީ ހަނގުރާމައެއް ހިނގަމުންދިޔަ ދުވަސްވަރެކެވެ. ޕްލޯޓް ޖަމާއަތަކީ ދަ ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ސްޕްލިޓެކެވެ. އެލްޓީޓީގެ ތެރެއިން އުފެދުނު ޖަމާއަތަކަށް ޕްލޯޓް ވެގެން ދިޔައީ އެލްޓީޓީގެ ލީޑަރު ވެލުޕިއްލައި ޕްރަބާކަރަން އާއި އޭނާގެ އެންމެ އަރިސް ބައިވެރިޔާ އުމާ މަހޭޝްވަރަން ލީޑާޝިޕްގެ ކޯޅުމެއްގެ ތެރޭގައި އުޅުމަށްފަހު އެ ދެމީހުން ދެ މަގެއް އިހުތިޔާރު ކުރަން ޖެހުމެވެ. އެ ހިސާބުން އުމާ މަހޭޝްވަރަން އެލްޓީޓީ ދޫކޮށް ޕްލޯޓް ޖަމާއަތް 1980 ވަނަ އަހަރު އުފެއްދީއެވެ. އެ ދެމީހުން ވަނީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރިސާޗް އެން އެނެލަޒިސް ވިންގް (ރޯ) ގެ ތަމްރީނު ފުރިހަމަކޮށްފައެވެ. ރޯއިން އެދުވަސްވަރު ދިޔައީ ލަންކާގައި ”ޑަބަލް ކާޑު“ ގޭމެއް ކުޅެމުންނެވެ. ރޯއިން އަޑިއަޑިން އެލްޓީޓީއަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ދިޔައިރު، އިންޑިއާ ސަރުކާރުން ދިޔައީ ލަންކާ ސަރުކާރަށްވެސް އަސްކަރީ އެހީތެރިކަން ދެމުންނެވެ. ނަތީޖާއަކަށް ވާނީ ލަންކާގެ އަހުލީ ހަނގުރާމާގައި އެގައުމު ފަނާވެ ބޭރުބައެއްގެ އުނގަށް ވެއްޓެން ޖެހުމެވެ. ދެން އިންޑިއާއިން ހެދި ގޮތަކީ ޕީސް ކީޕިން ފޯސްގެ ނަމުގައި އެގައުމުގެ އަސްކަރިއްޔާއިން ލަންކާގެ ތެރެއަށް ވަދެގަތީއެވެ. އަދި ހާއްސަ އޮޕަރޭޝަނެއް ހިންގައި އެލްޓީޓީއާއި ދެކޮޅަށް ހަނގުރާމަ ކޮށް ލަންކާ ސަރުކާރުގެ ދިފާއުގައި ތިބޭކަމުގެ ބޮޑު މަންޒަރު ދައްކައިދިނެވެ. އިންޑިއާ ސިފައިން ލަންކާއިން ފޭބުމަށް 1989 ވަނަ އަހަރު އެގައުމުގެ ސަރުކާރުން އަމުރުކޮށްގެން އެމީހުން ލަންކާއިން ފޭބީ އޭގެ އެއް އަހަރު ފަހުންނެވެ. އިންޑިއާ ސިފައިން ލަންކާގައި ތިބި މުއްދަތުގެ ތެރޭގައި ޕްލޯޓް ޖަމާއަތުގެ މީހުންނާ ބެހިއެއް ނޫޅެއެވެ. އެމީހުންގެ ޓާގެޓަކީ އެލްޓީޓީއެވެ. އުމާ މަހޭޝްވަރަން އާއި ބާޣީ ލުތުފީ ނޮވެމްބަރު 3 ޕްލޭން ކުރީވެސް އެދުވަސްވަރުގައެވެ.

ޕްލޯޓް ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަން

ލުތުފީ ބުނާގޮތުން އުމާ މަހޭޝްވަރަން އަކީ އޭނަގެ ޕާޓްނަރެވެ. އެހާ ގާތެވެ. މީގެ އިތުރުން ނޮވެމްބަރު 3 ގެ މައްސަލައިގައި ލުތުފީ އުމުރަށް ޖަލަށް ލާފައި ހުއްޓައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޭސްފަރުވާއަށް ކަމަށްބުނެ ލަންކާއަށް ގޮސް ފިލައިގެން އޭނާ އުޅުނު ދުވަސްވަރު އިންޑިއާއަށް ގޮސްފައިވެއެވެ. އޭނާ އާއި އިންޑިއާގެ ޖާސޫސޫންނާއި ހާއްސަ ގުޅުމެއް އޮވެއެވެ. އެކަން އެނގޭ ކިތަންމެ މަސްދަރެއް ވެސް އެބަހުއްޓެވެ. އެހެން ކަމުން ލުތުފީ އާއި ރޯގެ އެޖެންޓުންނާއި ގުޅުން އޮތްކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ. ދެންވެސް ހިނގީ ވަރަށް ހައިރާންވާކަހަލަ ކަމެކެވެ. ނޮވެމްބަރު 3 ގެ ހާދިސާއަށް 8 މަސްވީފަހުން ކޮނބުގައި 6 މީހަކުވެގެން އުމާ މަހޭޝްވަރަން ރަހީނުކުރިއެވެ. އޭނަ ގަޔަށް ބަޑިޖަހައި މަރާލާފައި އޮތީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ކައިރީގައެވެ. އޭނާގެ މަރަކީ އެތެރޭގެ ކޯޅުންގަނޑެއް ހެއްޔެވެ؟ ނުވަތަ އިންޑިއާގެ ރޯއެޖެންޓުން އުމާ މަހޭޝްވަރަންގެ ކިބައިން 3 ނޮވެމްބަރުގެ މިޝަން ކާމިޔާބު ނުވުމުގެ ބަދަލު ހިފީ ހެއްޔެވެ؟ ހަމަގައިމުވެސް ޕްލޯޓުން ތުހުމަތު ކުރަނީ އެކަމުގައި ރޯއިން ނައްޓާފައި ނުދާނެ ކަމަށެވެ. އޭރު ލުތުފީ ހުންނާނީ ރާއްޖޭގެ ޖަލުގައެވެ. ދެން އުފެދޭ ސުވާލަކީ ރޯއިންނަށް ލުތުފީ އަތު ނުވީ ހެއްޔެވެ؟ ނުވަތަ އެމީހުންގެ ރުހުން ލުތުފީއަށް އޮތީ ހެއްޔެވެ؟ ހަމަ ގައިމުވެސް އެނގޭ ކަމަކީ ލުތުފީ ފިލައިގެން ގޮސް އިންޑިއާގައި އުޅުނު ދުވަސްވަރު ރާއްޖެ ނޫން އެއްވެސް ނުރައްކަލެއް އޭނާއަށް ނެތް ކަމެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާއިން ތައްޔާރު ވީ ކިހިނެއް؟ 

މާލެއަށް ހަމަލާ ދިންވަގުތު އެމެރިކާގެ އެހީތެރިކަމަށް ސަރުކާރުން އެދުމުން، އެގައުމުން ދެއްކި އިތުރު ވާހަކައަކަށްވެސް ބަލާލަން ޖެހެއެވެ. އެމެރިކާއިން ބުނީ ފޯޅަވަހިން އަސްކަރީ ސިފައިންނާއި ހަތިޔާރާއި އެހެނިހެން އިންތިޒާމް ހަމަޖައްސައިގެން އެންމެ އަވަހަށް މާލެ ދާންވެސް ދެތިން ދުވަސްވަރު ނަގާނެކަމަށެވެ. އެއީ 1000 ކިލޯ މީޓަރުގެ ރާސްތާއެކެވެ. އެކަމަކު އިންޑިއާ ސިފައިން އާގްރާއިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުވެ 3000 ކިލޯ މީޓަރުގެ ރާސްތާއެއް ހުރަސްކޮށް ހުޅުލެއަށް އައިސްފައިވެއެވެ. އެހެންވިއްޔާ އެމެރިކާއަށްވުރެ އިންޑިއާގެ އަސްކަރިއްޔާ ކުޅަދާނައީ ހެއްޔެވެ؟ އެމެރިކާއިން ބަހަނާއެއް ދެއްކީ ހެއްޔެވެ؟ ނުވަތަ އިންޑިއާއިން ދުރާލާ ރާވައިގެން ތައްޔާރު ވީ ހެއްޔެވެ؟ އިންޑިއާގެ އަސްކަރީ ޕެރެޝޫޓް ބްރިގޭޑެއް ޓްރިވެންޑްރަމްގައި ތައްޔާރަށް އޮތްކަމުގެ ވާހަކަތަކަކީވެސް ޓްރިވެންޑްރަމްގެ ތެރޭގައި ދައްކައި އުޅުނު ވާހަކަތަކެކެވެ. މީގެ އިތުރުން އިންޑިއާގެ އަސްކަރީ ފުރަތަމަ މަތިންދާ ބޯޓު ހުޅުލޭގައި ޖެއްސި ވަގުތާއި ޕްރޮގްރެސް ލައިޓް ގާދޫކޮލުން ބޭރަށް ނިކުންނަން ހިފާލި ވަގުތަކީ އިއްތިފާގެއް ހެއްޔެވެ؟ އަދި ގޯދާވަރީ މަނަވަރުން ޕްރޮގްރެސް ލައިޓަށް ހަމަލާދީ ކަނޑު ފައްތާލިއިރު އެ ބޯޓު އަޑިއަށް ދިޔަ ޖީޕީއެސް ޕޮޒިޝަނުގެ ވާހަކަ އިންޑިއާގެ އަސްކަރިއްޔާއިން ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ޕްރޮގްރެސް ލައިޓް ކަފުޖަހައިގެން ގެންނަން މަސައްކަތް ކުރިކަމަށް ގޯދާވަރީގެ ނޭވީން ބުނާއިރު ބޯޓު އަޑިއަށް ދާ ގޮތަށް ޓާގެޓްކޮށް ހަމަލާ ދިނީ ކީއްވެ ހެއްޔެވެ؟ އެއީ ހެކި ފޮރުވަން ކުރި ކަމެއްތޯ ނުވަތަ އެހެން ސަބަބަކާހެދި ހިނގި ކަމެއްތޯ ސާބިތު ކޮށްދެވޭނީވެސް ހަމަ އިންޑިއާއަށެވެ. ދެން އޮތް ސުވާލަކީ ރަހީނުން ތިއްބައި ޕްރޮގްރެސް ލައިޓަށް ހަމަލާ ދިނީ ކާކުގެ އޯޑަރަކަށް ހެއްޔެވެ؟ އެ ހަމަލާގެ ސަބަބުން ދިވެހިން ޝަހީދުވިކަން ކަށަވަރެވެ. އެއީ އިތުރު ގޮތެއް ނެތިގެން ދިން ހަމަލާއެއް ހެއްޔެވެ؟ މިވާހަކަތައް އިންޑިއާ ސަރުކާރުން ކިޔައިދޭން އެބަޖެހެއެވެ. ފަހު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން އޮތީ މުއްލިކުލަމުން ފުރައިގެން އައި ތަމަޅައިންގެ 3 ވަނަ ބޯޓަށް ވީގޮތުގެ ވާހަކައެވެ. އެ ބޯޓަށް ވީ ކިހިނެއް ހެއްޔެވެ؟ އެ ބޯޓުގައި ތިބީ ކޮންބައެއް ހެއްޔެވެ؟

ރައީސް މައުމޫނުގެ ސަރުކާރަށް ކުރެވޭ ތުހުމަތުތައް

ނޮވެމްބަރު 3 ގެ ބަޣާވާތުގައި ރައީސް މައުމޫނުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތައްވެސް ވަކި މަދެއް ނޫނެނެވެ. އެގޮތުން 3 ނޮވެމްބަރު އައުމުގެ 3 މަސް ކުރިން އުމާ މަހޭޝްވަރަން އާއި އިބްރާހީމް ހުސެއިން ޒަކީ ކޮލޮމްބޯގައި ބައްދަލު ކުރި ވާހަކައަކީވެސް މަޝްހޫރު ވާހަކައެކެވެ. ޒަކީ ވިދާޅުވެފައިވަނީ އެއީ ކާކުކަން އެނގުނީ އެނާ މަރުވިފަހުން ކަމަށެވެ. އެކަމަކު މިއަދާ ހަމަޔަށް އައިއިރުވެސް ދެކެވުނީ ކޮންވާހަކައެއް ކަން ތަފްސީލްކޮށްދޭކަށް ޒަކީ ބޭނުމެއް ނުވެއެވެ. އިންޑިއާ ސަރުކާރާ 16 ގަޑިއިރުގެ ދިގު ކޯލެއް ކޮށްގެން ދުޝްމަނުންގެ ކިބައިން ގައުމު ސަލާމާތް ކޮށްދިނުމަށް އިސްދައުރެއް އަދާކުރެއްވިކަން ފާހަގަކޮށް ޒަކީއަށް އެއްބަޔަކު ސަނާ ކިޔާއިރު، އަނެއް ބަޔަކު ބުނަމުންދަނީ އޭނާއަކީ ޣައްދާރެއް ކަމަށެވެ. ތަހުގީގަށް ސިއްކަ އިސްމާއިލް މަނިކު ދީފައިވާ 5 ސޮފްހާގެ ބަޔާނާއި ލުތުފީ ދީފައިވާ 25 ސޮފްހާގެ ބަޔާނުން ޒަކީ އެދެމީހުންނާ ސިއްރިޔާތުގައި ބައްދަލު ކުރާކަން އެނގެއެވެ. ލުތުފީގެ ބަޔާނުން އެނގޭގޮތުގައި ސިއްކަ އަހުމަދު އިސްމާއިލް މަނިކު ސިންގަޕޫރުގައި ހުރެގެން ލުތުފީއަށް ގުޅައި 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ރައީސް މައުމޫން އިންޑިއާއަށް ފުރާވަޑައިގަންނަވާކަމުގެ ހަބަރު ދިނެވެ. އެ މައުލޫމާތު ލިބުނީ ޒަކީގެ ފަރާތުންކަން ސިއްކަ ބުނެފައިވެއެވެ. އެކަމަކު ޒަކީ މިއިން އެއްވެސް ކަމަކާ ހަވާލެއް ނުވެއެވެ. ބަޑިގުދަނުގެ ތަޅުދަނޑި އިލްޔާސް އިބްރާހީމްގެ އަތްޕުޅުގައި އޮތް ސަބަބާއިމެދުވެސް ސުވާލު އުފައްދާ އެތައް ބަޔަކު އެބަ ތިއްބެވެ. އިލްޔާސް އެވާހަކަ ކިޔައިދެއްވަން އެބަޖެހެއެވެ.

ދެން އުފެދޭ ސުވާލަކީ އިންޑިއާ ސިފައިން ރާއްޖޭގައި އެއްއަހަރު ދުވަހުގެ މުއްދަތަކަށް ތިބީ ކީއްވެގެން ހެއްޔެވެ؟ ކުރިންވެސް ފާހަގަކުރިހެން ރައީސް މައުމޫން ވިދާޅުވަނީ އެއީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އެގައުމުގެ ސިފައިން ތިބީ ކަމަށެވެ. އެކަމަކު ރައީސް މައުމޫން އެކަމާ ހިތްޕުޅާ ނުވެގެން މަޖީދިއްޔާ ސްކޫލުގައި ހުންނަ ދާރުލް އުލޫމްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވި ކަމަށް މަސްދަރުތައް ބުނެއެވެ. އަދި އޭރުގެ ހާރިޖީ ވަޒީރު ފަތުހު ޖަމީލް އދ.ގެ އާންމު ބައްދަލުވުމެއްގައި ވަރަށް ދުރު ދުރުން އެފަދަ ވާހަކަތަކެއް ދެއްކެވިއެވެ. ފަތުހު ވިދާޅުވީ ގައުމުތަކުގެ މެދުގައި ވެވޭ ސަލާމަތީ އެއްބަސްވުންތަކުގެ ތެރެއިން ކުޑަ ގައުމެއްގެ އޮންނަ ސިޔާދަތީ މިނިވަންކަމާއި ބޮޑު ގައުމުގެ ސިޔާދަތީ މިނިވަންކަމުގެ ހަމަހަމަކަން ބައިނަލްއަގުވާމީ ނިޒާމުން މިނެކިރުމުގައި ވިސްނާގޮތް ހަމަނުޖެހޭ ކަމަށެވެ. މިއީ ވަރަށް މާނަ ފުން ބަސްތަކެކެވެ. ބައިނަލްއަގްވާމީ މިންގަނޑުން ބަލާނަމަ، ސިޔާދަތީ ހަމަހަމަކަމަކީ ގައުމެއްގެ ކުޑަ ބޮޑު މިނަށް ބަލައިގެން ތަފާތު ކުރެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ބޮޑަސް ކުޑަޔަސް އދ ގައި ދެވޭނީ އެންމެ ވޯޓެކެވެ.

ޣައްދާރުން އެނބުރި ދައުލަތް ހިންގުމަށް

19 ދިވެހިން ޝަހީދު ކޮށްލި ހަނދާންތައް އަޅުގަނޑުމެން އައު ކުރަމުންދާއިރު ހަނދާންކޮށްލަންޖެހޭ ކަމަކީ އެދުވަހު ގައުމަށް ޣައްދާރުވި ހާއިނުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރި ކަމެވެ. އެގޮތުން ބަލާއިރު، ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރ ކަން ކުރެއްވި، އަދި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ނުވަތަ ކެރަފާ ނަސީމަކީ އެ ނުބައި އަމަލުގައި ބައިވެރިވެފައިވާ ކަމުގެ ކުށް ސާބިތުވި މީހެކެވެ. އަދި އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމާއި އިމިގްރޭޝަން ކޮންޓްރޯލާކަން ކުރެއްވި ސ.ހިތަދޫ ޒަމާނީގޭ އަބްދު ޝާހިދަކީ ސިފައިންގެ ވަޒީފާގައި ހުރެ އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ މީހެކެވެ.


މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި، މަތިދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަން ކުރެވުނު، އުމަރު ޖަމާލަކީ ވެސް އެހަމަލާގެ ބައިވެރިވުން އޮތް ކަމަށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކުރެވިފައިވާ މީހެކެވެ. ހަމައެއާއެކު އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓަރ ކަން ކުރެއްވި އަމީން ފައިސަލަކީވެސް ނޮވެމްބަރ 3 ގެ ޖަރީމާގެ ބައިވެރިއެކެވެ. ރައީސް މައުމޫންގެ ސަރުކާރުގައި، ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސްއަށް އައްޔަން ކުރެވުނު އަދި ނަޝީދުގެ ވެރިކަމުގައި އެތަނުގެ މެނޭޖަރުކަމަށް އައްޔަން ކުރެވުނު ކަރޯ އައްބާސް އިބްރާހީމަކީ ސިފައިންގެ ވަޒީފާގައި ހުރެ ޖުމްލަ ފަސް ކުށެއް ސާބިތުވި މީހެކެވެ. މި ޖަރީމާގައި ބައިވެރިވި އިތުރު ދިވެހިންގެ ތެރޭގައި މުހައްމަދު ނައީމް ނުވަތަ ޕައިލެޓް ނައީމްވެސް ހިމެނެއެވެ. 19 ދިވެހިންގެ ލޭ ދިވެހި ފަސްގަނޑަށް އޮހޮރާލުމުގެ މުޅި މާސްޓަ ޕްލޭން ހެދި މީހަކީ ލުތުފީއެވެ. އެއީ ނުރައްކާތެރި ސިކުނޑިއެކެވެ. އެކަމަކު ސިއްކަ އިސްމާއިލް މަނިކުގެ ސިކުނޑި އެއަށްވުރެ މާ ނުރައްކަލެވެ. ސަބަބަކީ ލުތުފީއަކީ ސިއްކަ އިސްމާއިލް މަނިކުގެ ޗޮއިސްއަށް ވުމެވެ. ވާންޖެހޭ ހުރިހާގޮތެއް ލުތުފީއަށް އަންގަމުން ގެންދިޔައީ ބޮޑު ސިއްކައެވެ. ރާއްޖެ ހިފުމަށްފަހު ވެރިކަމުގެ މަގާމުތައް ހަމަޖައްސާނެ ގޮތް އޭނާ ލުތުފީއަށް ކިޔައިދިނެވެ. އެކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އިސްމާއިލް މަނިކު 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން ބަނގުރާ ބޯ މައްސަލައިގައި އޭނާގެ ގައިގައި 40 އެތިފަހަރުން ވަނީ ހައްދު ޖަހާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހިނގަމުން މިދާ ވެރިކަމުގައި ނޮވެމްބަރު 3 ގެ ޚާއިނުން ތިބީ ވަރަށް ހަމަޖެހިލައިގެންނެވެ. ނަޝީދުގެ ވެރިކަމުގައިވެސް ތިބި ގޮތަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ރައީސް ސޯލިހު ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ދަނބިދަރިކަލުންނަށް ވުމެވެ. ރައީސް ސޯލިހުގެ ބަފައިބެ ގެ އޯޑަރަށް ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ލުތުފީ ގެންގުޅުނީވެސް ލަންކާ އެމްބަސީގައި އިއްޒަތުގައެވެ. އެކަން ފަޅާއަރައި ރައްޔިތުންގެ ޕްރެޝަރ ބޮޑުވުމުން މާލެ ގެނައީއެވެ.

ބާޣީ ލުތުފީ

ނޮވެމްބަރު 3 ގެ ހާދިސާއާއި ގުޅުވައި ދިވެހި ސިފައިންނަކީ ފިނދަނަ ތަކެއް ކަމަށް ވިދާޅުވި މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރެވެ. އެކަމަކު އެދުވަހު ދިވެހި ސިފައިންގެ ހިތްވަރާމެދު އޮޕަރޭޝަން ކެކްޓަސްގެ ކޮމާންޑަރު ކާނަލް ޖޯޝީވެސް ހުރީ އާޝޯހުވެފައެވެ.

”އަހަންނަށް އެނގުނު ގޮތުގައި އެމީހުން ވަރަށް ހިތްވަރު ގަދަ. ދިވެހި ސިފައިންނަކީ ޕްރޮފެޝަނަލް ބައެއްކަން އަހަންނަށް ގަބޫލު ކުރެވުނު. އަދި ދިވެހި ސިފައިންގެ ގާބިލިއްޔަތުކަން ހުރި މިންވަރަށް ބަލާއިރު، މަދު ވަސީލަތްތަކަކާއެކު ނަމަވެސް އެމީހުން މިޝަން ނިންމި.“ ކާނަލް ޖޯޝީ ބުންޏެވެ. 

19 ދިވެހިން ޝަހީދު ކޮށްލައި ސިފައިންގެ ބޭކަލުންގެ ކަރާމަތާއި އިއްޒަތް ވެއްޔާ މޮޑެލި މީހުން މިއަދު ދެވަނަ ފަހަރަށް ވެރިކަމުގެ ތަހުތަށް ވެޑުވިގެން އިންޑިއާގެ އަސްކަރީންގެ މޮޅު ވާހަކަ ދައްކަމުންދާއިރު، ނޮވެމްބަރު 3 ގެ ހަމަލާގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއް އެބަހުއްޓެވެ. ކުރިން އިންޑިއާގެ ޖާސޫނުންގެ ކިބައިން ތަމްރީނުވެފައި ތިބި ޕްލޯޓް ޖަމާއަތުގެ މީހުންގެ އެހީގައި ރާއްޖެ އަރައި ދިވެހިން މަރާފައިވެސް ވެރިކަން ހޯދަން ފޫގެޅީއެވެ.

ސިއްކަ އިސްމާއިލް މަނިކު ގެނައި ކުލީ ތަމަޅައިން

މިފަހަރު އިންޑިއާގެ އަސްކަރީން ބޭނުން ނަމަ ދިވެހިން މަރާފާއިވެސް ގައުމު ހިފިދާނެކަމަށް ބުނެ ޒަމާނާ އެއްގޮތަށް ގައުމުގައި ވަކި ހިއްޕާލައި ސިޔާދަތީ ބާރު ނީލަން ކިޔަނީއެވެ. މިއަދު ގައުމުގެ ވެރިކަމަށް ސަވާރުވެގެން ތިބީ ގައުމުގެ ދުޝްމަނުންނެވެ. ބަޣާވާތްތެރިންނެވެ. ޚާއިނުންނެވެ. ނޮވެމްބަރު 3 ގެ ތާރީހު ބަދަލު ކުރަން އުޅުނަސް އެކަމެއް ނުވާނެއެވެ. ތާރީހު ބަދަލުކޮށްގެން ޝަހީދުވި 19 ދިވެހިންގެ އާއިލާތަކަށް އަޅުގަނޑުމެން ދައްކާނީ ކޮން މޫނެއް ތޯއެވެ؟

ސިއްކަ އަހުމަދު އިސްމާއިލް މަނިކު ޝަރީއަތަށް ގެންދަނީ

މި ވާހަކަ ތަކަކީ އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށް ކިޔައިދޭނެ ވާހަކަތަކެކެވެ. އެއީ ދުޝްމަނުންނާއި އަދާވާތްތެރިން ދެނެގަނެ، އެބައިމީހުންގެ ކިބައިން އަންނާން އޮތް ޖީލާއި މިގައުމު ސަލާމަތް ކުރުމަށެވެ. އެދުވަހު ދިވެހިން ނަސްރު ހޯދީ މާތް ރަސްކަލާނގެ ވާގިފުޅާއެކު ކުރި މަސައްކަތުންނެވެ.

ޝަހީދު ހުސައިން އާދަމްގެ މަންމަ އާއި ބައްޕަ

އެކަމުގެ ހައްގުވެރިންނަކީ އިސްލާމް ދީނާއި ފެއްސާ ރަތާ ހުދުގެ ދިފާއުގައި ހަނގުރާމަ ކުރި ދިވެހި ސިފައިންގެ ލަޝްކަރެވެ. ދިވެހި މައިންގެ ބަނޑުން ދިވެހި ފަސްގަނޑަށް އުފަންވި ދިވެހި ދަރީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button