ނޫސްވެރިންނަށް ފުލުހުން އަނިޔާކުރުން ޕީޕީއެމުން ކުށްވެރިކޮށްފި

އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ތިބި ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސް އަޅާ އަނިޔާކުރި މައްސަލަ އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ލަސްވަމުންދާ މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ ލީޑަރުން އިއްޔެ ޖުމްހޫރީ މައިދާނުގައި އިށީނދެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ގެންދަވަނިކޮށް އެސްއޯ ފުލުހުން އެ ސަރަޙައްދަށް އައިސް އެތަނުގައި ތިބި ނޫސްވެރިންތަކެއް ކޮއްޕައި ބިންމައްޗަށް ވައްޓައިލި އެވެ.
ފުލުހުން ނޫސްވެރިންނާއިމެދު އެފަދައިން ޢަމަލުކުރުމުން އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ އިއްޔެ ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އެކޯލިޝަންގެ ޙަރަކާތެއް ހުއްޓުވުމަށް އިބްރާހީމް މުޙައްމަދު ޞާލިޙު ފޮނުވި ފުލުހުން، އެތަނުގައި ޙަރަކާތްތެރިވަމުން ދިޔަ ނޫސްވެރިންގެ ޤައުމީ ވާޖިބަށް އަދި ޒިންމާއަށް ހުރަސް އަޅާ ކޮއްޕާ ވައްޓާލާ އަނިޔާ ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި އެކޯލިޝަންގެ ހަރަކާތް ކަވަރު ކުރަމުން ގެންދިޔަ ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް ހުއްޓާލާ އެތަނުން ދުރަށް ދިއުމަށް އަންގާ ކޮއްޕަމުން ގެންދިޔަ މަންޒަރު ޓީވީތަކުންވެސް ވަގުތުން ދައްކަމުން ގެންދިޔަ މަންޒަރުތަކުން ވަނީ ފެނިގެން ގޮސްފައި ކަމަށާއި، ވަރަށް އަނިޔާވެރިކަމާއެކު ކޮއްޕާ ވައްޓާލި ދެ ނޫސްވެރިންގެ ތެރޭގައި ޗެނަލް13 ގެ ކެމެރާމަނަކާއި، ސަންގުޓީވީ ގެ ނޫސްވެރި ކަނބަލެއް ހިމެނޭކަމަށެވެ.
Unacceptable handling of Press by @PoliceMv today. pic.twitter.com/PoiEOu8aho
— aaidh 🇵🇸 (@aaaaaidh) July 20, 2023
އިދިކޮޅުގެ ބަޔާނުގައި ބުނީ ފުލުހުންގެ މިޢަމަލުގެ ސަބަބުން އަނިޔާވި ނޫސްވެރިންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުއާކުރާ ކަމަށާއި، ނޫސްވެރިންނަކީ އެމީހުންގެ މަސައްކަތުގެ މާހައުލުގައި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ބަޔަކަށްވާއިރު، އެކަމަށް ބެލުމެއް ނެތި ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅާ ނޫސްވެރިންނަށް ތަކުރާރުކޮށް ފުލުހުން އަނިޔާ ކުރަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ.
އެހެންކަމުން މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ނޫސްވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މީޑިއާ ކައުންސިލް އަދި އިންޓެގްރިޓީ ކޮމިޝަނަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.