
ވެރިކަން ލިބިއްޖެނަމަ އަސްލު ވަގުން ހާމަކުރައްވާނެ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމްގެ ނަމުގައި ހއ.އިހަވަންދޫގައި މިރޭ ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންނަށް އެމީހުންގެ ހައްގު އެނގެން ޖެހޭނަ ކަމުގައެވެ. އަދި ހިޔާނާތުގެ މައްސަލަތަކުގެ ފުނަށް ފީނައިފިނަމަ، ހަގީގީ ވަގުން ހާމަވެގެންދާނެކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
”ބޮޑެތި ވަގުން ތިބީ އެމްޑީޕީ ސަރުކާރުގަ. އެމްއެމްޕީއާރުސީގެ ލާރި އެ ނިކުތް ގޮތަކަށް ނިކުމެގެން އޭގެ ބޮޑެތި މަންފާ ނެގި މީހުން ތިބީ އެމްޑީޕީގަ.“ ރައީސް ޔާމިން ވިދާޅުވިއެވެ.
ޔާމީން ފާހަގަކުރެއްވިގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ އެއްވަރަކަށް ކުރީގެ ރައީސް މައުމޫންގެ ވެރިިކަމުގައި ހިންގި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަވެސް ބަލަން ޖެހޭ ކަމުގައެވެ. އަދި ކޮރަޕްޝަންގެ ވާހަކަ ދައްކަން އެމްޑީޕީގެ މެންބަރުން ލަދު ގަންނާނެ ކަމަށާއި، އެކަމަކު އެމަނިކުފާނަށް ހިޔާނާތުގެ ވާހަކަ ދައްކަވަން ކެރިވަޑައިގަންނަވަނީ އެފަދަ ކަމެއްގައި ބައިވުމެއް ނެތުމުން ކަމަށް ވިދާޅުވެފައެވެ.