ޚަބަރުސިޔާސީ

މެމްބަރުން ހަމަ ނުވުމުގެ ސަބަބުން 3 ބިލަކަށް ވޯޓަށް ނޭހުނު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން މިއަދު ވޯޓަށް އަހަން އޮތް މުހިއްމު ތިން ބިލަކަށް ވޯޓެއް ނޭހި ޖަލްސާ ނިންމާލަން ޖެހިއްޖެ އެވެ.

މިއަދު އެޖެންޑާ ކޮށްފައިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން، ތަފާސްހިސާބުގެ ބިލެވެ.

މިއަދުގެ ޖަލްސާގައި އެ ތިން ބިލުގެ ކޮމިޓީ ރިޕޯޓުތައް ހުށަހެޅުމުން ބަހުސް ކުރަން އެއްވެސް މެމްބަރަކު އެދިފައެއް ނުވެއެވެ. އަދި އެ ބިލުތަކުގެ ތިން ވަނަ ކިޔުން އިއްވައި، ވޯޓަށް އަހާނެކަމަށް ރިޔާސަތު އިއުލާނުކުރި އެވެ. އިތުރު ކަމެއް ނެތުމުން އާންމުކޮށް ވޯޓު ލާ ގަޑިއަށް ވުރެ އަވަސްކޮށް ވޯޓު ލުމަށްވެސް ރިޔާސަތުން ނިންމިއެވެ.

އެހެން ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބުނާ އަދަދަށް މެމްބަރުން ޖަލްސާއަށް ހާޒިރުވެފައި ނުވުމުން އެ ތިން ބިލަށް މިއަދު ވޯޓަށް އެހެން ނެތް ކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

އެ ތިން ބިލަށް ވޯޓަށް އެހުމަށް މަދުވެގެން 44 މެމްބަރުން ޖަލްސާއަށް ހާޒިރުވެ ތިބެންޖެހޭއިރު، މިއަދުގެ ވޯޓު ގަޑީގައި ތިބީ 39 މެމްބަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button