
ސަރުކާރުގެ މަތީ ފަޑީގައި ތިއްބަވާ ބޭފުޅުން އިންސާފުވެ ވާހަކަ ދައްކަވަނީ އަމިއްލަ މީހާ ގަޔަށް ކަށި ޖެހީމާ ކަމަށްބުނެ، ހެލްތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު، ސަރުކާރުގެ ބައެއް އިސްވެރިންނަށް ފާޑު ވިދާޅުވެއްޖެއެވެ. ނިޝާމާ މިފަދައިން ވިދާޅުވެފައިވަނީ އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ.
ނުބީހެންޏާ ކަނޑާ ހަމައޭކިޔުއްވާފަ, މަތިފަނޑީގައި ތިއްބަވާ ބޭފުޅުން އިންސާފޭ ކިޔުއްވަން މިއެނގެނީ ތިމާމީހާގަޔަށް ކަށިިޖެހީމަ. ބައްލަވާ މިޤައުމުގަ ކޮންމައްސަލައެއްތޯ ހައްލުވީ؟ ހެއްކާއި ޤަރީނާއަށް އަނދިރި ލޮލެއް ދައްކާފައިވާ، އޭ.ސީ.ސީ ފެއިލްވެފަ ވާކަން އެގިތިބެވެސް ކާކުތޯ އަޅާލީ؟ https://t.co/Sido8MssGk
— Nishama Mohamed (@Nishama_Mohamed) July 5, 2021
ނިޝާމާގެ ޓްވީޓުގައި ރައްދު ދެއްވާފައިވަނީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އަހްމަދު މަހުލޫފް، މިސަރުކާރުން ކުރިހާވެސް ކަމަކީ ރައީސް ޔާމީނަށް ހުކުމް ކުރުމަށް ފަހު އޭނާގެ ފަހަތުން ދުވުން ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މީގެއިތުރުން ނިޝާމާގެ ޓްވީޓުގައި މިގައުމުގައި ހައްލުވީ ކޮން މައްސަލައެއްތޯ، ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެއިލްވެއްޖެ ކަމަށާއި، އެކަން އެނގިތިބެ ވެސް އަޅާލީ ކާކުތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ނިޝާމާއަކީ ހެލްތު މިނިސްޓްރީ ތެރޭގައި ހިނގައިދިޔަ ވެންޓިލޭޓަރުގެ ވައްކަމުގެ ތުހުމަތު ކުރެވުނު ފަރާތެކެވެ. އެކަމަކު އޭނާ ވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. ނިޝާމާ ވިދާޅުވިގޮތުގައި ވެންޓިލޭޓަރުގެ ވައްކަމުގެ މައްސަލައިގައި އޭނާ ގުރުބާން ކުރީ އެކަމުގެ ހަގީގީ ބައިވެރިން ސަލާމަތްވުމަށެވެ. އެ މައްސަލައިގައި އާންމުންގެ ޕްރެޝަރ ސަރުކާރަށް ބޮޑުވުމުގެ ސަބަބުން އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މަގާމުން ދުރުކޮށްފައެވެ.