
ވެރިކަމުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ޖަލުގައި ވާނުވާ ޖަހާފައި ތިބި އެންމެން ދޫކޮށްލާނެ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމްގެ ނަމުގައި އިދިކޮޅުން މިރޭ ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ތަަފާތު އެކިއެކި ކުދިކުދި ކުށްތަކުގެ ތުހުމަތުގައި ވާނުވާގެ ބަންދު މުއްދަތުގައި ތިބޭ އެންމެންގެ ހައްގުތައް ގެއްލިގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.
”މުއްދަތު ޖައްސަވަން ޖެހޭނީ ބޮޑެތި މުޖުރިމުންނަށް ތުހުމަތު ކުރެވޭ ކަންކަމުގަ. މިސާލަކަށް ބޮޑެތި ޓެރަރިޒަމްގެ އަމަލު ހިންގާ މީހުން. ބޮޑެތި މާރާމާރީގަ މީހުންގެ ގުނަވަންތައް ބުރިކޮށްލުން ނުވަތަ މީހާގެ ޖިސްމަށް ގެއްލުންދޭ މީހުން ބަންދު ކުރަންވީ. އެހެން މީހުންނަކީ މުއްދަތު ޖެހޭނެ ބައެއް ނޫން.“ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެކަން ގާނޫނަކުން ބަދަލު ކުރައްވާނެ ކަމުގައެވެ. އަދި ހާއްސަކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޑު އުފުލުމަށް ނިކުންނަ ރައްޔިތުންގެ ހައްގުތައް ކަށަވަރުވާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.