
އަސާސީ ހައްގުތައް ޗިސްޗިސް ކުރާއިރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ނިދިން ހޭލައި ފިޔަވަޅު އަޅަން ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ ހައްގަކީ މިހާރު ޖިނާއީ ކުށެއް ކަމަށް ފުލުހުން ދެކެން ފަށައިފި ކަމުގައެވެ. އަދި ފާޅުކަން ބޮޑުގޮތެއްގައި ފުލުހުން ގާނޫނާ ހިލާފް ވާން ފަށައިފި ކަމުގައެވެ.
އެމަނިކުފާނުގެ ޓުވީޓު އަމާޒު ކުރެއްވީ މަސްވެރިންގެ ހައްގުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހަވީރު މަސް މާރުކޭޓު ސަރަހައްދުން ފެށި މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރު ކުރި މައްސަލަ އަށެވެ.
ޤާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ ޙައްޤަކީ މިހާރު ޖިނާއީ ކުށެއް ކަމަށް @PoliceMv އިން ދެކެންފަށައިފި. @hrcmv އިން ނިދިން ހޭލައި އަސާސީ ޙައްޤު ޗިސްޗިސް ކުރާއިރު ފިޔަވަޅެއް އަޅަން ވެއްޖެ ނޫންތޯ؟ ފާޅުކަންބޮޑުކޮށް ފުލުހުން ޤާނޫނާ ޚިލާފް ވާން ފަށައިފި. pic.twitter.com/QAVtNASqUC
— Mohamed Jameel Ahmed (@MJameelAhmed) October 11, 2022
ކިރާ މަހަށް ހަމަ އަގު ނުލިބޭ މައްސަލާގައި އިދިކޮޅުން ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މުއްދަތު މަޖިލީހުގެ އަޑުއެހުންތައް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށް ހައްޔަރީންގެ ވަކީލުން “ބޮންތި” އަށް ވަނީ މިއަދު މައުލޫމާތު ދެއްވާފައެވެ.