”ޓިނު“ ސްކޫލަކަށްފަހު ފޭސް 2 ގައި 241 މިލިއަން ރުފިޔާގެ ފުރާ ފުރިހަމަ ސްކޫލެއް ހަދަނީ

ހުޅުމާލެ ފޭސް 2 ގައި 5 ވަނަ އަށް އިމާރާތް ކުރެވޭ ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސިންގގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓްއެއްގެ ގޮތުގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 241,596,570.56 (ދުއިސައްތަ ސާޅިސް އެއް މިލިއަން ފަސް ލައްކަ ނުވަދިހަ ހަ ހާސް ފައްސަތޭކަ ހަތްދިހަ ރުފިޔާ ފަންސާސް ހަ ލާރި) އަށް، 18 މަސް ދުވަހުގެ ( 547 ދުވަސް ) ތެރޭގައި ނިންމާ ގޮތަށެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން އުންމީދު ކުރަނީ 2024 މާރިޗު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މި އިމާރާތުގެ ބޭނުންކުރަން ފެށޭނެ ކަމުގައެވެ.
މި ސްކޫލް އިމާރާތް ކުރެވިގެން ދާނީ 54 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކަކާއި އެކުގައި ކަމަށާއި، މިއީ K-10 ސްކޫލެއްކަން އެ މިނިސްޓްރީއިން ފާހަގަކުރިއެވެ. އަދި ސްކޫލްގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިންގް އޭރިއާއެއް މި ހިމެނޭނެ ކަމަށާއި، މި އިމާރާތް ނިމުމުން ހުޅުމާލޭ ފޭސް-2 ގައި ދިރިއުޅެމުންދާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމުގައި އެ މިނިސްޓްރީއިން ބުންޏެވެ.
މި މަސައްކަތް ހަވާލު ކުރުމުގެ ގޮތުން އެގްރިމެންޓުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ.އާއިޝަތު އަލީ އެވެ. އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު ހައިޝަމް އެވެ.
ހުޅުމާލެ ފިޔަވަހި 2 ގައި ހުޅުުވުނު ފުރަތަމަ ސުކޫލު ކަމުގައިވާ އަހުމަދު ކާމިލް ސުކޫލަށް އެތައް ހަރަދެއް ކޮށް, އެކަށީގެންވާ ފެންވަރެއްގައި އެތަން ހެދިފައި ނެތުމުން އެކަމާ ބެހޭގޮތުން އެތައް ބަޔަކު ވަނީ ފާޑުކިޔާފައެވެ.
އެނގިފައިވާގޮތުގައި އެތަން ހެދުމަށް 23 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލު ޑިޒައިންކުރީ އެޗްޑީސީންނެވެ. އެ މަސައްކަތް މިއަހަރުގެ މާޗު މަހު، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.