
ޗައިނާއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިއްމު ބައިވެރިއެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖެއްގައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމިން އާއި، ލީޑާޝިޕާއި، ސެނެޓާއި، މެމްބަރުންގެ ނަމުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާސަބަތުގައި އެގައުމުގެ ރައީސަށް ތަހުނިޔާ އަރިސްކޮށްފަ އެވެ.
މި ތަހުނިޔާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައިގަނޑު އަސާސަކީ މީގެ 50 އަހަރު ކުރިން ދެ ގައުމުގެ ދެމެދުގައި އުފެދުނު ޒަމާންވީ ބައިލެޓަރެލް ގުޅުން ކަމުގައެވެ. އަދި އޭގެފަހުން ޗައިނާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ އުމްރާނީ ތަރްޤީއަށް އެހީތެރިވެދިން މުހިންމު ބައިވެރިއެއް ކަމުގައާއި އެމަނިކުފާނުގެ އުންމީދަކީ ދެ ގައުމުގެ ޒަމާންވީ މި ތާރީޚީ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގޮތުގައި އޮތުން ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މެސެޖުގައި، ރާއްޖެއާއި ޗައިނާ ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ދެ ގައުމުން ވެސް ދޭ އަހަންމިއްޔަތުގެ ސަބަބުން، ދެގައުމުގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.