
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތަށް ހުރަސް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަބަލައިގެންފިއެވެ.
އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ”ދިޔަރެސް“ ނޫހުގެ މުއައްސިސުން ކަމުގައިވާ އަހުމަދު އަޒާން މަރުޒޫގާއި އަހުމަދު އިބްރާހީމްގެ އިތުރުން ޝިފްޒާން އަހުމަދެވެ. އަދި ހިޔާލު ފާޅުކުރުމުގެ ހައްގާއި، އެއްވެ އުޅުމުގެ އަސާސީ ހައްގު ހަނިވާ ގޮތަށް ރައީސް ސޯލިހް ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނު އަސާސީއާއި ހިލާފު ގަރާރެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެބޭފުޅުން ވަނީ ހައި ކޯޓުގައި އެދިފައެވެ.
މި ގަރާރު ބާތިލުކުރަން އިދިކޮޅު ޕީޕީއެމް އިން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް އެޕާޓީގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މައްސަލަ ކޯޓުން ބޭރުކޮށްލިއެވެ.
އިންޑިއާ އައުޓް ހުއްޓުވުމަށް ރައީސް ސޯލިހް އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ގަރާރު ނެރުއްވި ފަހުން އެ ހަރަކާތް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފައެވެ.