އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް މުސްތަފާ އައްޔަނުކޮށްފި

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަންކަމުގެ ހުސްވެފައިވާ މަގާމަށް އެ އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގައި ހުންނެވި މުސްތަފާ ހަމީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
އޮމްބަޑްސްޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަރިޔަމް ލައިޒާ މި މަހުގެ 6 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގާނޫނުގައި ވާގޮތުން އެ މަގާމު ހުސްވާތާ 15 ދުވަސް ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހޭއިރު، އެ މުއްދަތު ވަނީ މިއަދަށް ހަމަވެފައެވެ.
މުސްތަފާ ގެންދަވަނީ އިސްލާމީ ޔުނިވަރސިޓީއިން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ސަނަދަށް ކިޔަވާ ވިދާޅުވަމުންނެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން އޭނާ ވަނީ ބެޗެލަރސް ސަނަދު ހާސިލު ކުރައްވާފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން މުސްތަފާ ވަނީ ތަމްރީނު ފުރިހަމަ ކުރައްވާފައެވެ.
ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ދެ އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާއިރު، ބާކީ އޮތީ ހަތަރު މަހަށް ވުރެ ކުރު މުއްދަތެކެވެ.