އީޕީއޭގެ ޑީޖީ އިންޑިއާއަށް ދިޔައީ އެފްކޮންސް އާ މަޝްވަރާ ކުރަން ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް
ތިލަމާލެ ބުރިޖުގެ މަސައްކަތަށް ގެނައި ޕްލެޓްފޯމު ވިލިމާލޭ ފަރަށް އެރި މައްސަލައިގައި، އެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުންޏާ މަޝްވަރާ ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް އިންޑިއާއަށް ވަޑައިގެންނެވި ކަމަށް ބުނެ ފަތުރާ ހަބަރަކީ ދޮގު ހަބަރެއް ކަމުގައި އެންވަޔަރުމެންޓް މިނިސްޓްރީ އިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި، ނައީމްގެ އިންޑިއާ ދަތުރާއި އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ.
”ނައީމް އިންޑިއާ އަށް ވަޑައިގެންނެވީ ރިސާޗް ވެސެލް އިންސްޕެކްޝަނަކަށް.“ އަލީ ސޯލިހު ވިދާޅުވިއެވެ.
އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ ނޫހުން ރިޕޯޓު ކުރިގޮތުގައި ފަރަށް ލިބުނު ގެއްލުންތަކުގެ މަޝްވަރާތަކަށް ނައީމް ވަޑައިގެންނެވީ އެނގިފައިވާ ގޮތުގައި އެފްކޮންސް އިން އަންގައިގެންނެވެ. އެކަމަކު އެ ޚަބަރު ޝާއިއު ކުރި ފަހުން ”ދިޔަރެސް“އަށް މެސެޖުކުރައްވައި، އެފްކޯންސްއާ މަޝްވަރާކުރަން އިންޑިއާއަށް ވަޑައިގެންނެވި ވާހަކައަކީ ދޮގެއް ކަން ނައީމް ވިދާޅުވިކަން އެ ނޫހުން ފަހުން ވަނީ ފާހަގަކޮށްފައެވެ.