އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ ބައެއްގެ ބޮލުގައި ހައްދުފަހަނައެޅުމުގެ ސިއްކަ ޖެހުމަށްފަހު އެމީހުން ހައްޔަރު ކުރުމުން ނުފުދޭ ކަމަށެވެ. ރާއްޖޭގައި ބިރެއްނެތި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ މޫނަކަށް ކަނދުރަޔަކަށް ބެލުމެއްނެތި ހަރުކަށި ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
”ބިރުވެރި ކަމުގައި ރައްޔިތުންގެ ބައިތިއްބާ ފަރަންޖީންނާއި، ވަކި ޖަމާއަތްތަކަށް ނިސްބަތްވާ ބަޔަކު ހިތްހަމަޖައްސާ ނަމަ، ދުވަހަކުވެސް ރާއްޖޭގައި ސުލްހަ ގާއިމެއް ނުކުރެވޭނެ.“ މުހައްމަދު ވިދާޅުވިއެވެ.
އަވަސް ފިޔަވަޅު ތަކެއް އަޅައިގެން އިސްލާމީ ވަންތަ، މިނިވަން، ދައުލަތެއްގެ ގޮތުގައި ބަސްބުނުމުގެ ހައްގު ރާއްޖެ އަށް ހޯދަންޖެހޭކަން މުހައްމަދު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ އަބަދުވެސް އިސްލާމް ދީނުގެ ހިދާޔަތުގައި އޮންނަ ގައުމަކަށް ހަދަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.