ރިޕޯޓް

ދިވެހިންގެ އެއާލައިން ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި

ކޮރަޕްޝަނުގެ ސަބަބުން ފައިދާގައި ހިނގަ ހިނގާހުރި އެއަރ މޯލްޑިވްސް ކުންފުނި 69.2 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމާއެކު 2000 ވަނަ އަހަރު ބަނގުރޫޓު ވެގެން ދިޔައީއެވެ. މޯލްޑިވިއަންގެ ނަމުގައި ގައުމީ އެއަރލައިން ވުޖޫދަށް ގެނައީ އެ ހިސާބުންނެވެ.

2000 ވަނަ އަހަރު އުފެއްދި ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަން އަކީ އާމްދަނީގެ ގޮތުން ޓެރްކެ ރެކޯޑު އެންމެ ރަނގަޅު އެއް ކުންފުންޏެވެ. އެކަމަކު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އެޅުނު އިރު 442 މިލިއަން ރުފިޔާއިން އައިލެންޑް އޭވިއޭޝަން އޮތީ ދަރަނިވެރިވެފައެވެ. އަދި 2021 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ ދަރަނި 600 މިލިއަން ރުފިޔާއަށް ގާތްކުރެއެވެ.

ކުންފުނި މެނޭޖު ކުރުމަށް އައު މެނޭޖުމަންޓް ފަރިތަ ނުވުން

އައިލެންޑް އޭވިއޭޝަނަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ އެންމެ ފުރިހަމައަށް ކުންފުނި މެނޭޖް ނުކުރެވުމުގެ ސަބަބުން ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުންވެސް މީގެ ކުރިން ވަނީ ބުނެފައެވެ. ހަރަދުތައް ބޮޑުވެފައިވަނީ ކުންފުނިން ދޭ ހިދުމަތްތައް ރަނގަޅު ކުރަން ކަމަށް އެ ކުންފުނިން ބުނިކަމުގައި ވިޔަސް، އެކަންކަމުގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބިފައެއް ނެތެވެ. ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ)ގެ ކުއާޓާލީ ރިޕޯޓުތަކުން އެކަން ސާބިތުވެއެވެ. އަދި މާލީގޮތުން އެކުންފުނި ”ބްލީޑް“ ވަމުންދާކަން އެނގެއެވެ.

ކޯވިޑް-19 އާއި ގުޅިގެން އެތެރޭގެ އުދުހުންތަކާއި ކާގޯ ހޭންޑްލިން ދަށްވުމުގެ ސަބަބުންވެސް ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ސިޔާސީގޮތުން ކުންފުނީގެ އިސް މަގާމުތަކަށް ވައްދާފައި ތިބި މީހުންގެ މުސާރަ ކުޑަކޮށްފައެއް ނުވެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 400 މިލިޔަން ރުފިޔާ ހަރަދު ކުރަން ޖެހެއެވެ. އައިލެންޑް އޭވިއޭޝަން އަޑިއަޅާލި އެއް ސަބަބެއްގެ ގޮތުގައި އާމްދަނީއާއި ނުބައްދަލު ހަރަދު ކުރިކަން ފާހަގަކޮށްލެވެއެވެ.

ދަރަންޏާއި ހަރަދު ބޮޑުވުމުގެ ސުވާލުތަކަށް ކުންފުނިން ދައްކަމުން އައީ ބަހަނާ

ކުންފުނީގެ ދަރަންޏާ ގުޅޭ ސުވާލުތައް އައިލެންޑް އޭވިއޭޝަނަށް އަމާޒުވުމުން ކުންފުނިން ބުނީ 2019 ވަނަ އަހަރު ކޯލް ސެންޓަރެއް ހަދައި، އެތަނުގައި 24 ގަޑިއިރު ޑިއުޓީ ކުރަން މުވައްޒަފުން ބައިތިއްބަން ޖެހުމަކީވެސް ހަރަދުތައް ބޮޑުވި ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އައު އިމާރާތަކަށް އެ ކުންފުނީގެ އޮފީސް ބަދަލު ކުރިއެވެ. ޑޮމެސްޓިކް އެލަވަންސްގެ ގޮތުގައި ރައްޔިތުންނަށް ޑިސްކައުންޓް ރޭޓެއްގައި ޓިކެޓް ވިއްކުމުގެ ސަބަބުންވެސް ކުންފުނީގެ އާމްދަނީ ދަށަށް ދިޔަކަމަށް މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން 2012 ވަނަ އަހަރުން ފެށިގެން އެކުންފުންޏަށް ލިބެންވާ 500 މިލިއަން ރުފިޔާ ނުލިބި ހުރި ވާހަކަވެސް ބުންޏެވެ. އެކަމަކު ވެރިކަން ބަދަލުވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޓްރާންސިޝަނަލް ކޮމެޓީއެއް އުފެއްދެވުމަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ ކޮމެޓީއަށް އައްޔަން ކުރެވުނެވެ. އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ އިވެލުއޭޝަނެއް ހައްދަވާފައެވެ. އެގޮތުން އެކުންފުންޏަކީ އާމްދަނީގެ ގޮތުން އެންމެ ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ކުންފުނި ކަމަށް ކޮމެޓީއަށް ފާހަގަކުރެވުނެވެ.

ސިޔާސީ ނުފޫޒު ބޭނުންކޮށް، ދާއިރާ އާއި ބީރައްޓެހި މީހުން ވަޒީފާއަށް ވެއްދުން

އައިލެންޑް އޭވިއޭޝަން ބަނގުރޫޓުވުމާ ދިމާލަށް މިސްރާބުޖެހި އެންމެ ބޮޑު އެއް ސަބަބަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ސަބަބުންނެވެ. މިކަން ތިލަކޮށްދެއްވީ މޯލްޑިވިއަންގެ ގްރައުންޑް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ކެޕްޓަން މުހައްމަދު އަމީނެވެ. ޗެނަލް 13 ގެ ހޯޕް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ސަރުކާރުން މޯލްޑިވިއަންގެ ޒަމާންވީ ޓެކްނިކަލް ތަޖުރިބާކާރުންނަށް ސީދާ ނުފޫޒު ފޯރުވިކަމަށެވެ.

”ކުންފުނީގެ ނިޒާމް ގެއްލެން ދިމާވި އެއްކަމަކީ ރައީސް ސޯލިހަށް ބޮޑުބޭބެ ކިޔާ ކުއްޖަކު އައިލެންޑް އޭވިއޭޝަންގެ ސްޓްރަކްޗަރ ތެރޭގައި ނެތް މަގާމަކަށް ގެނައުން. ދެވަނަ ކަމަކަށް ދިމާވި ކަމަކީ އަލަށް ވައްދާ ކެޑޭޓް ޕައިލެޓުންގެ އުސޫލު ބަދަލުކޮށްގެން ހިލޭ ސާބަހަށް ރައީސް ސޯލިހަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ގެންނަން މަސައްކަތް ކުރުން. އެހެންވީމަ މިހުރީ ސީދާ ރައީސް ސޯލިހާއި ގުޅުން ހުރި ކުދިން.“ އަމީން ވިދާޅުވިއެވެ.

ކެޕްޓަން އަމީން ޗެނަލް 13 އަށް އިންޓަވިއު ދެއްވަނީ: ފޮޓޯ ޗެނަލް 13

ކެޕްޓަން އަމީން ވިދާޅުވިގޮތުގައި ރައީސް ސޯލިހުގެ އާއިލާއަށްޓަކައި އައިލެންޑް އޭވިއޭޝަނަށް ގެނައި ބަދަލަކީ މުޅި ކުންފުންޏަށް ލިބުނު ޝޮކެކެވެ. އޭނާ ވިދާޅުވީ އެއްވެސް ސަރުކާރަކުން އެ ކުންފުނީގެ ޓެކްނިކަލް ޑިޕާޓްމެންޓުގެ މުވައްޒަފުންގެ ކަންކަމާ ނުބެހޭ ކަމަށެވެ. އެކަމަކު މި ސަރުކާރު އައުމާގުޅިގެން ކުންފުނީގެ ޓެކްނިކަލް މުވައްޒަފުން ވަޒީފާ ދޫކޮށްލަންޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ. އެ މުވައްޒަފުންގެ ތެރޭގައި ހެޑް އޮފް ޓްރެއިނިންގ، ސޭފްޓީ ޕައިލެޓް، ޑޮމެސްޓިކް އަދި ސީޕްލޭންގެ ޗީފް ޕައިލެޓްގެ އިތުރުން ސީޕްލޭން އޮޕަރޭޝަންގެ ހެޑް އޮފް ޓްރެއިނިންގ އާއި، އޮޕަރޭޝަން މެނޭޖަރު ހިމެނޭކަމަށް އަމީން ވިދާޅުވިއެވެ.

”ސިފައިންގެ ބަހުން ބުނާނަމަ، އެއީ ކުންފުނީގެ ޖެނެރަލުން. މި އެންމެން ވަޒީފާ ދޫކޮށްލަން ޖެހުނީ ބައިވަރު ސިޔާސީ ނުފޫޒު ކުންފުންޏަށް ވަނުމުގެ ސަބަބުން.“ އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި އޭވިއޭޝަން ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅަކު ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް އައްޔަން ކުރި ހިސާބުން މުޅި ކުންފުނި ”ރޫޅިގެން“ ދިޔައީއެވެ.

ބަނގުރޫޓުވުމުގެ ހިރާސް ކުޑަކުރުމަށް އިހު އޮތް ގޮތަށް ކަންކަން ބައްޓަން ކުރުން މުހިންމު

ކެޕްޓަން އަމީންގެ ވާހަކަތަކުން އެނގުނުގޮތުގައި 2018 ވަނަ އަހަރުގައި 1.6 ބިލިއަން ރުފިޔާގެ އާމްދަނީ މޯލްޑިވިއަން އަށް ލިބުނެވެ. ސާފު ފައިދާ ގާތްގަނޑަކަށް 140 މިލިއަނަށް އަރާނެއެވެ. އެސެޓް ވެލިއުއަށް ބަލާއިރު 1.7 ބިލިއަން ރުފިޔާގެ އެސެޓް އެކުންފުނީގައި ހުއްޓެވެ.

އަމީން ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ޗެއަރމަނެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވައި، ބައިނަލްއަގްވާމީ ފެންވަރުގައި ނަން ވިދާ ކުންފުންޏަކަށް އެ ކުންފުނި ހެއްދެވި ކަމަށެވެ. ޖުމްލަ 2 މަތިންދާބޯޓުން ފެށި މަސައްކަތް ފުޅާވެ، އެއަރ ޓްރާންސްޕޯޓުގެ ގޮތުގައި މުޅި ދުނިޔޭގައި މަޝްހޫރުވެފައި އޮންނަ ސީ ޕްލޭން އޮޕަރޭޝަން ރާއްޖޭގައި ”މޮނޮޕޮލައިޒް“ ވެފައި އޮތް އޮތުން ނެތިގެން ދިޔައެވެ. 2016 ވަނަ އަހަރާ ހަމައަށް އައިރު ރާއްޖެ އަންނަ ހުރިހާ ބޭރުގެ މަތިންދާބޯޓުތަކުގެ ޓެކްނިކަލް ހޭންޑްލިންގެ ބަލަހައްޓަނީ އެމިރޭޓްސް ނުވަތަ ސްރީ ލަންކާގެ ކަމާބެހޭ މާހިރުންނެވެ. އެހެން ނަމަވެސް ދިވެހިން އެކަމުގެ ތެރެއަށް ވަނެވެ.

”2018 ވަނަ އަހަރާ ހަމައަށް ބަލާއިރު ޗައިނާގެ 6 ސިޓީ، އިންޑިއާގެ 3 ސަރަހައްދަކަށް އަދި ބަންގްލަދޭޝް އަށް މޯލްޑިވިއަންގެ ބޯޓުތައް އުދުހޭ. ސީޒަނަލްކޮށް ރަޝިއާ އަށްވެސް ދަތުރުތައް ކުރިން. ދިވެހިންނާއި ފަތުރުވެރިންނަށް ދެ މޯޑެއް މޯލްޑިވިއަނުން ތައާރަފްކުރެވުނު. އެއީ ޑޭޝް 8 ގެ 10 އެއަރކްރާފްޓާއި ސީޕްލޭންގެ 11 އެއަރކްރާފްޓް. މިއީ ދިވެހިންގެ އަތްމައްޗަށް މި އޮޕަރޭޝަން ގެނައުމަށް ރައީސް ޔާމީން ކުރެއްވި ބޮޑު އިންވެސްޓެއް.“ އަމީން ވިދާޅުވިއެވެ.

2018 ވަނަ އަހަރާ ހަމައަށް އައިރު މޯލްޑިވިއަންގައި ހާހެއްހާ މުވައްޒަފުން ތިއްބެވެ. އޭގެ ތެރެއިން 98 އިން ސައްތައަކީ ދިވެހިންނެވެ. މުޅި ދުނިޔޭގައި އޮތް އެންމެ ބޮޑު މުސާރަދޭ ޑޭޝް 8 ގެ ފްލީޓް ރާއްޖޭގައި އޮތުމަކީ އެއްދުވަހުން ކުރެވުނު ކަމެއް ނޫނެވެ. މޯލްޑިވިއަންގެ މުވައްޒަފުންގެ ތެރޭގައި ދެލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބޭ ދިވެހި މުވައްޒަފުން މީގެ ކުރިން ތިއްބެވެ. އޭރު ކުންފުނީގެ ހަރަދު ކަނޑާފައި ސާފު ފައިދާ ވެއެވެ. ހިރާސްތައް ގިނަ ދަތި އުނދަގޫ ހާލަތްތަކުން އެކަން ކާމިޔާބު ކުރެވުނީ ރައީސް ޔާމީންގެ ވެރިކަމުގައި ހެދިފައިހުރި ހަރުދަނާ އުސޫލުތަކުގެ ސަބަބުންނެވެ.

”އޭވިއޭޝަން ސެކްޓަރ ކުރި އަރައިގެން ދިޔުމުގައި ރައީސް ޔާމީންގެ ދައުރު ބޮޑު. ނަންބަރުން ވާހަކަ ދައްކަންޏާ ރައީސް ޔާމީނާ ގާތަށްވެސް މިދާއިރާ ކޮޅަށް ޖަހަން ހިދުމަތް ކުރެއްވި ރައިސެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން. މި ސެކްޓަރ އަށް ލިބިގެން ދިޔަ ފޫނުބެއްދޭވަރުގެ ގެއްލުމުގެ ސަބަބުން މޯލްޑިވިއަންގެ މުވައްޒަފުން މިސްވާނެ، (ރައީސް ޔާމީން) ދެރަވާނެ.“ އަމީން ވިދާޅުވިއެވެ.

ކޮންމެއަކަސް އައިލެންޑް އޭވިއޭޝަން މިހާރު އޮތް ހާލަތުން އިސް މަގާމުތަކުގައި ތިބި ސިޔާސީ އެކްޓިވިސްޓުންގެ މުސާރަ ކުޑަ ކުރަންޖެހޭނެއެވެ. އަދި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނުކުރުމަކީ މުހިންމު ކަމެކެވެ. އެކަމަކު ސުވާލަކީ ކަންކަން ހަރުދަނާކޮށްގެން ކުންފުނި ބަނގުރޫޓޫވުމުގެ މިސްރާބުން އެހެން މިސްރާބަކަށް ބަދަލު ކޮށްލެވޭނެ ހެއްޔެވެ؟ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އެއީ ޗެލެންޖެކެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button