ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިންސާފުގެ ދަތުރު ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލު އަހުމަދު މަލާމާތުގެ ބަސްފުޅުތަކަކުން ހާމަކުރައްވައިފިއެވެ.
ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި އެމްޑީޕީގެ އިންސާފުގެ ދަތުރުގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ ވަޒީރުން އުޅުއްވާ ކަމުގައެވެ. ބެލެވޭގޮތުގައި އެއީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އޭނާގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުވާ ވަނީ އުފުލާފައެވެ.
ދެން ޖަމީލު ފާހަގަކުރެއްވީ އެއްޖިންސުން ގުޅުން ހިންގުން ފަދަ ބޮޑެތި ފާފަ ކުރާ ޕާޓީ މީހުނަށް ލުއި ދައުވާ ކުރާ ކަމުގައެވެ. އަދި މުޖުރިމުން އަރިސްކޮށް އެމީހުން ހެކިވެރިންނަށް ހަދައިފިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޖުރިމުންގެ ގޮތުގައި ޖަމީލު ސިފަކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތުއެވެ. އެ ދެ ފަރާތަކީ ޖަމީލު ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރަމުންދާ ޝަރީއަތްތަކުގައި ދައުލަތުން އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަހީ ހެކިތަކެކެވެ. އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް އެންމެ އިސްކޮށް އުޅުއްވަނީ ޑރ.ޖަމީލެވެ.
ރ. @ibusolih އަދި އެމްޑީޕީގެ އިންޞާފުގެ ދަތުރު:
1. ދަޢުވާގައި ތިބި ވަޒީރުން އަރިހުގައި
2. އެއްޖިންސުގެ ފާފަ ކުރާ ޕާޓީ ކުދިންނަށް ލުއި ދަޢުވާ
3. މުޖްރިމުން އަރިސްކޮށް ހެކިވެރިންނަށް. ޕީޖީ ބުނާހެން އިންޞާފު ލިބޭނީ ޤިޔާމަތް ދުވަހު؟ ރ.އިބޫ ކަށަވަރު ކުރަނީ އަމިއްލަ މަޞްލަޙަތު. pic.twitter.com/wt0NItVbkD— Mohamed Jameel Ahmed (@MJameelAhmed) August 31, 2022
ޑރ.ޖަމީލު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށްވެސް ވަރަށް ބޮޑަށް މަލާމާތް ކުރައްވާފައެވެ. އެގޮތުން އެންމެނަށްވެސް އިންސާފު ލިބޭނީ ގިޔާމާތް ދުވަހުން ކަމަށް ޕީޖީ ޝަމީމްގެ އަމިއްލަފުޅު ލިޔުމެއްގައި ހާމަކުރައްވާފައި މައްސަލައަށް ޖަމީލު ވަނީ މަލާމާތް ކުރައްވާފައެވެ. އަދި ރައީސް ސޯލިހު ހިމާޔަތް ކުރައްވަނީ އަމިއްލަ މަސްލަހަތު ތޯ ވެސް ޖަމީލު ސުވާލު ކުރެއްވިއެވެ.